މާލޭގެ މަގުތަކަށް ހައްލު ހޯދަން ވަރަށް އަވަހަށް ފެށޭނެ: އާރުޑީސީ

މޫސާ އަލިމަނިކު

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރޯޑުޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ ކަމާބެހޭ މުއައްސަސާ ތަކާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން ހަދަންޖެހޭ ޕްލޭންތަކުގެ އަމަލީ މަސައްލަތް ފެށުމަށް ކުންފުނި މިހާރުވަނީ ތައްޔާރުވެފައި ކަމަށެވެ. ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަވުމުން އެމަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ އަލިމަނިކު ވިދާޅުވީ އެމްއާރުޑީސީ އުވާލުމަށްފަހު އަލަށް އުފެއްދި މިކުންފުންޏަށް ރައްޔިތުންގެ އިތުބާރު މިހާރުވަނީ ލިބިފައި ކަމަށެވެ. ވައްކަން ނުކޮށް ތެދުވެރިކަމާއެކު ކުންފުނި ހިންގާ ކަމަށްވާނަމަ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެއްލިފައިވާ އިތުބާރު ރައްޔިތުންގެ ފަރާތުން ކުންފުންޏަށް ލިބުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނިން ވަނީ ޖެނުއަރީ އެކަކުން ފެށިގެން ގައު އަޅަން ވެސް ފަށައިފައެވެ. އެއީ ކުންފުނީގެ އުމުރުންވި މަހަކާއި ދުވަސްކޮޅުގެ ތެރޭގައި ހޯދުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ އިތުރުން ގދ. ގައްދުއާއި، ތ. ތިމަރަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށެވެ. ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތުގެ އަގަކީ 138.7 މިލިއަން ރުފިޔާއެވެ ގައްދޫ މަގުތައް ހެދުމުގެ އަގަކީ 75.5 މިލިއަން ރުފިޔާއެވެ. އޭނާ ވިދާޅުވީ 2020 ވަނަ އަހަރު 30 ވަރަކަށް ރަށުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެމްޑީ ވިދާޅުވީ އެކުންފުނީގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. މިއަހަރު ނިމޭއިރު އެތަނުގެ މުވައްޒަފުންގެ ޢަދަދުވެސް 2000 އަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ތަފާތު މަސައްކަތްކުރާ އަންހެނުން ވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނުގެ ބޮޑެތި ވެހިކަލްތައް ދުއްވުމާއި އެހެނިހެން މަސައްލަތްތަކުގައި ވެސް މުސްތަގުބަލުގައި އަންހެނުން ފެންނާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.