ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބާއްވަން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާ އަންނަ މަހު ތިންވަނަ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް ނިންމެވިކަން މަޖިލީހުގެ އިރާދާއިން ވެސް ވަނީ ހާމަކުރައްވައިފައެވެ. އަދި އެޖަލްސާގައި ރިޔާސީ ބަޔާން އިއްވާނެކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާޅުވެފައެވެ. އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީސް ހުޅުވަން ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސި ބަޔާން އިއްވަންޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ވަނީ ބުނެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެއަހަރަށް ސަރުކާރުން ކަނޑައަޅާ މުހިންމު ސިޔާސަތުތައް ހާމަކުރައްވަން ޖެހޭނެކަށްވެސް ވަނީ ބަޔާންކޮށްފައެވެ.
2012 ވަނައަހަރު އެމްޑިޕީ ސަރުކާރު ވެއްޓުމަށްފަހު މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ވެގެންދަނީ ވަރަށް ހަލަބޮލި، އަދި ރިޔާސީބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުރަސްތައް ކުރިމަތިކުރާ ޖަލްސާއަކަށެވެ.