ނަސްރުﷲ ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް ގެންދަން ވަކި މުއްދަތެއްނެތް: އެމްއެންޑީއެފް

ބ. އަތޮޅު ދޮންފަނު ކައިރިން ދަތުރުކުރި ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓުގައި ގެއްލިގެން ހޯދަމުންދާ އޭދަފުށީ، މުޝްތަރިގޭ ނަސްރުﷲ ޢަބްދުﷲ ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް ގެންދަން ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ މިއޮޕަރޭޝަން ކުރިއަށް ގެންދަން ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީކުރަމުންނެވެ. އެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި، ބައެއް ރިސޯޓުތަކުގެ ޑައިވަރުންނާއި ހާދިސާ ހިނގި ސަރަހައްދުގެ ބައެއް ރަށްރަށުގެ މީހުން ވެސް ގެންދަނީ ބައިވެރިވަމުންނެވެ. މިހާތަނަށް ކުރި މަސައްކަތުން އެމީހާގެ ހިލަމެއް ވެސް އަދި ނުވެއެވެ. މި ޚާއްސަ އޮޕަރޭޝަނުގައި ގެންދަނީ ނައިޓްވިޝަން ކެމެރާއާއި، ޑައިވިން ރޮބަރޓް ވެސް ބޭނުން ކުރަމުންނެވެ. މި އޮޕަރޭޝަނުގައި ކަނޑުގެ އަޑީންނާއި މަތީންނާއި ވައިގެ މަގުން ގެންދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި އެކްސިޑެންޓު ހިނގިއިރު ޑިންގީގައި ނަސްރުﷲ އާއެކު ދެން ތިބި ދެ މީހުންވަނީ ސަލާމަތްވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.