ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކުދިން ހޯދަން ފަށައިފި

މިދިޔަ ހޮނިހިރު ދުވަހު ސ. ހިތަދޫން ގެއްލިފައިވާ ދެކުދިން ހޯދުމަށްޓަކައި އެމްއެންޑީއެފުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެތަނުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެމަސައްކަތް ކުރިއަށް ގެންދަވާ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވީ އެ ވަސީލަތްތަކާއެކު އެއްވެސް ހުއްޓުމެއްނެތި އޮޕަރޭޝަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ހޯދި ހޯދުމުން އަދި އެ ދެކުދިން ފެނިފައެއް ނުވެއެވެ. އެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިފައިންގެ އަދަދު އިތުރުކޮށްގެންނެވެ.

ކޯސްޓުގާޑުގެ ޑައިވަރުންނާއި ސަދަން އޭރިއާގެ ގިނައަދަދެއްގެ ސިފައިން މިހާރުވަނީ މި މަސައްކަތުގައި ބައިވެރިވެފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރަށް އާންމު ޑައިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އެ މީހުންވަނީ ކަނޑުގެ 40 މީޓަރުގެ އަޑިން 370 މީޓަރުގެ ސަރަހައްދެއް ބަލައިފައެވެ. ހިތަދޫގެ ފަރުގެ ސަރަހައްދުވެސް މިހާރުވަނީ ބަލައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިމަސައްކަތުގައި އެމްއެންޑީއެފުން ވަނީ ޑައިވިން ރޮބަޓުވެސް ބޭނުން ކުރަން ނިންމައިފައެވެ. އެހެންނަމަވެސް ރޮބަޓު ބޭނުންކުރަން ފެށިކަމެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ. އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މާލެއިންވަނީ ކޯސްޓުގާޑުގެ އިތުރު ޓީމްތަކެއްވެސް އައްޑުއަށް އައިސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.