އަންހެނަކާއި ފިރިހެނަކު ދަތުރުކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހަލި ޙާދިސާގައި ގެއްނު އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ބައިވެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހެލިކޮޕްޓަރު ދަނީ 19 އަހަރުގެ އެކުއްޖާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ކުރަމުން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާވެސް އަދި ޑިންގީވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހެލިކޮޕްޓަރުގެ އިތުރަށް ކޯސްޓްގާޑުގެ ޑައިވިން ޓީމާއި ފުލުހުންނާއި ޢާއްމުން ވެސް ދަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ އަންހެން ކުއްޖާ ގެއްލުނީ ލ. ފޮނަދޫ އިން މާމެންދުއަށް ދަތުރުކުރި މަގުމަތީގައި އިންޖީނުން ތެޔޮ ހުސްވުމުން ތެޔޮ އަޅަން މަޑުކޮށްފައި އޮއްވައި ނެގި ރާޅެއްގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޑިންގީ މަޑުކޮށްގެން އޮތް ސަރަޙައްދަކީ ވެސް ވަރަށް ބޮޑެތި ރާޅުނަގާ ސަރަޙައްދެއް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.
ޑިންގީ ބަންޑުން ޖަހައިލުމުން އެއިން ދަތުރުކުރި ފިރިހެން މީހާ ވަނީ ތެޔޮއަޅަން ގެންގުޅުނު ހަމުގެ އެހީގައި ލޮނުގަނޑު މަތީގައި އޮތުމަށް ބުނެ ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އަރައިފައެވެ. "އެ ޑިންގީއަކީ އިންޖީނުގައި މަދުން ޕެޓްރޯލް އެޅޭ ކުޑަ ޓޭންކެއް ހުންނަ ކަހަލަ ޑިންގީއެއް. އެހެން ކަމުން އެމީހުން ދިޔައީ ވިހި ލިޓަރުގެ ޕެޓްރޯލް ހަމެއް ވެސް ހިފައިގެން،" ފުލުހުން ވިދާޅުވިއެވެ.
ޓޭންކުން ޕެޓްރޯލް ހުސްވެގެން ޑިންގީ ހުއްޓުނީ ގާދުއާއި ސިކްސް ސެންސަސްއާ ދޭތެރޭގައި އޮންނަ ކަނޑުއޮޅިއެއްގައި (ބޮޑަށް ސިކް ސެންސަސް އާ ކަރީ) ގައި އޮއްވައެވެ. އެހެންވެ އެމީހުން މަސައްކަތްކުރީ ޕެޓްރޯލް އެޅުމަށެވެ. "ޕެޓްރޯލް އަޅަނިކޮށް ޖެހި ރާޅަކާއެކީ ޑިންގީ ބަންޑުންޖެހީ. އަންހެން ކުއްޖާއަށް ފަތަން ނޭނގޭ. ފިރިހެން މީހާ އެ އަންހެން ކުއްޖާ ފުލޯޓު ކުރާނެ ހަމަކާއި އަދި ފޯނެއް ދީފައި އޭހީ ހޯދަން ކައިރީގައި އޮތް ސިކްސް ސެންސަސް ރިސޯޓަށް ފަތާފައި ގޮސް ވަނީ އަރާފައި،" ފުލުހުން ވިދާޅުވިއެވެ.
އެ އަންހެން ކުއްޖާ އަދި ނުފެނުނަސް ފިރިހެން މީހާއަށް މިހާރުވެސް ގެންދަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ޙާލު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިއީ އެ އަންހެން ކުއްޖާ މާމެންދުއަށް ގެންދިޔުމަށް ކުރިދަތުރެކެވެ. އެރަށަށްދާން ފޮނަދޫއިން އެމީހުން ފުރީ އިއްޔެ ހަވީރު 6:00 އެހައިކަންހާއިރުއެވެ. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 9:30 އެހައިކަންހާއިރުއެވެ.