ނިމިދިޔަ އަހަރަކީ ރައްޔިތުންގެ މަޖިލީހުން ގިނަ މަސައްކަތްތައް ކުރެވުނު އަހަރެކެވެ. ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި މަސްވެރިކަމުގެ ފަސްޤަރާރާއެކު މަޖިލީހަށް ހުށަހެޅުނު މަސްވެރިކަމުގެ ބިލުގެ މަސައްކަތެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ އެންމެ ގިނަ ވަގުތު ހޭދަކުރީވެސް މަސްވެރިކަމުގެ ޤަރާރުތަކާއި ބިލްގެ މަސައްކަތަށޭ ދެންނެވިދާނެއެވެ. ނަމަވެސް މަސްވެރިކަމުގެ ބިލްގެ މަސައްކަތް އެއްކޮށް ނިންމާލެއްވީ މަޖިލީހުގެ ފަހު ދައުރުގައެވެ. ސުވާލަކީ މަޖިލީހުން ފާސްވެގެންދިޔަ ޤަރާރާރާއި ބިލުގެ ސަބަބުން މަސްވެރިންނަށް ލިބުނީ ކޮންފައިދާއެއްތޯއެވެ؟
ނިމިދިޔަ 2019 ގައި މަޖިލީސް 19 ގެ ފުރަތަ ދައުރު ނިންމާލީ އެއްދައުރެއްގައި އެންމެ ގިނަ މަސައްކަތް ކުރުމުގެ ރެކޯޑާއެކު ގައެވެ. 19 ރައްޔިތުންގެ މަޖިލީސް ވެގެން ގޮސްފައި ވަނީ އެއް ދައުރެއްގައި އެންމެ ގިނަ ތަފާތު މަސައްކަތް ކުރި މަޖިލީހަށެވެ. ނިމިދިޔަ އަހަރުގެ ދެ ދައުރަށްވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވީ ބީ ޕްލަސް ރިޕޯރޓެކެވެ.
ފުރަތަ ދައުރު މަޖިލީހަށް ހުށަހެޅުނު ތަފާތު 161 މައްސަލަލައިގެ ތެރެއިން 70.2 އިންސައްތަ މަސައްކަތް ވަނީ ނިންމަވާ ލައްވައިފައެވެ. ފުރަތަމަދައުރު ނިންމާލެއްވި މަސައްކަތްތަކުގެ ތަފާސް ހިސާބަށް ބަލާއިރު ހުށަހެޅުނު ބިލްގެ ޢަދަދަކީ 31 އެވެ ނިންމާލެވުނީ 14 ބިލެވެ. ނުނިމި ކޮމެޓީ މަރުޙަލާގައި އޮތީ 17 ބިލެވެ. ހުށަހެޅުނު ޤަރާރު އަދަދަކީ 21 އެވެ. ނިންމާލެވުނީ 9 ޤަރާރެވެ. ސަރުކާރުން ހުށަހެޅި މައްސަލައިގެ ޢަދަދަކީ 15 އެވެ. ނިންމާލެވުނީ 12 މައްސަލައެވެ. ނުނިމި ވަނީ 3 މައްސަލައެވެ. ރިޔާސަތުންހުށަހެޅި މައްސަލައިގެ ޢަދަދަކީ 22 އެވެ. ނިންމާލެވުނީ 17 މައްސަލައެވެ. ނުނިމި ވަނީ 5 މައްސަލައެވެ. މެމްބަރުން ހުށަހެޅި 9 މައްސަލަ ވެސް ވަނި ނިންމާލެއްވިއެވެ. ހުށަހެޅުނު ރިޕޯރޓްގެ ޢަދަދަކީ 39 އެކެވެ. ނިންމާލެވުނީ 34 ރިޕޯރޓެވެ. ނުނިމި އޮތީ 5 ރިޕޯރޓެވެ. ވަޒީރުންނާ ކުރެވުމަށް ހުށަހެޅި ސުވާލުގެ ޢަދަދަކީ 20 އެވެ. ވަޒީރުންނާ ކުރެވުނީ 14 ސުވާލެވެ. ނުނިމި ވަނީ 6 ސުވާލެވެ. ކޮމިޓީތަކުގެ މަސައްކަތަށް ބަލާއިރު 465 ބައްދަލުވުން ބާއްވައި 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެއެވެ.
މަޖިލީހުގެ ފަހު ދައުރު ނިންމާ ލެއްވީ 569 ގަޑިއިރުގެ މަސައްކަތަށް ފަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮޑު ޗުއްޓީއަށް ވަޑައިގެންނެވީ އިތުރަށް ހަތް ދުވަހުގެ މަސައްކަތް ކުރެއްވުމަށް ފަހުއެވެ. ފުރަތަމަ ދައުރުގެ މަސައްކަތްވެސް ނިންމާލެއްވީ ޗުއްޓީން އަފާތާއެއްހާ ދުވަހު މަސައްކަތް ކުރުމަށް ފަހުއެވެ. ފުރަތަމަ ދައުރަށްފަހު ލިބުނު ޗުއްޓީގައި މަޖިލީހުގެ 241 ކޮމެޓީގެ މެމްބަރުން ޗުއްޓީއަށް ވަޑައިނުގެން ވަނީ އެބިލުގެ މަސައްކަތް ނިންމަވައިފައެވެ. ކޮމެޓީ މަރުހަލާ ނިމުމަށްފަހު ބިލް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފާސްކޮށްފައިވަނީ ވެސް ދައުރުން ބޭރުން ބޭއްވި ޖަލްސާތަކުގައެވެ.
19ވަނަ މަޖިލީހުގެ ފަހު ދައުރުގައި ބޭއްވީ 33 ޖަލްސާއެވެ. ނަމަވެސް ފުރަތަމަ ދައުރުގައި ވަނީ 44 ޖަލްސާ ބާއްވައިފައެވެ. މަސައްކަތުގައި މެމްބަރުން 569 ގަޑީއިރު ހޭދަކޮށްފައިވާއިރު 33 ޖަލްސާއަށް ހޭދަކޮށްފައި ވަނީ 128 ގަޑީއިރާއި 33 މިނެޓެވެ. ކޮމެޓީގެ މަސައްކަތަށް441 ގަޑީއިރާއި 20 މިނެޓް ވަނީ ހޭދަކޮށްފައެވެ. މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތް ތަކަށް ބަލާއިރު ނިންމާ ލެވިފައި ވަނީ 53.3 އިންސައްތަ މަސައްކަތެވެ. މެމްބަރުން ހުށަހެޅުއްވި ހުރިހާ މައްސަލައެއް ފަހުދައުރުގައިވެސް ވަނީ ނިންމާލައްވައިފައެވެ. އަދި ވަޒީރުންނާ ސުވާލުކުރުމުގެ 12 ސުވާލު ނިންމާ ލެވިފައިވާއިރު 12 ސުވާލު ނިންމާ ނުލެވި އޮތެވެ. އެހެންކަމުން އެސުވާލުތައް އަންނާނީ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތުގެ ތެރެއަށެވެ.
ނިމިދިޔަ ދައުރުގައި މަޖިލީހުން ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި 2020 ގެ ބަޖެޓްގެ މަސައްކަތާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ލާމަރުކަޒީ ބިލާއި މަސްވެރިކަމުގެ ބިލު ހިމެނެއެވެ.
މަޖިލީހާއެކު ޚާރިޖީ ގުޅުންވެސް ހަރުދަނާވި އަހަރެއް!
ރައީސް މުޙައްމަދު ނަޝީދަކީ ޚާރިޖީ ގުޅުންބޮޑު ބޭފުޅަކަށް ވެވަޑައިގެންނެވުމުން އެމަނިކުފާނު ރިޔާސަތުގައި ވޭތުވެ ދިޔައ އަހަރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުން ވަނީ ވަރަށް ވަރުގަދަ ވެގެން ގޮސްފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ރައްޔިތުންގެ މަޖިލީހާއި އަވަށްޓެރި އިންޑިއާއާ މެދު އޮތް ގުޅުން ހަރުދަނާ ވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތާ ޙަވާލުވެވަޑައިގެނެވުމަށްފަހު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ޑިޕްލޮމެޓަކީ ވެސް އިންޑީއާއިން ރާއްޖެއަށް ކަޑައަޅުއްވައިފައިވާ ސަފީރެވެ. މި ނޫންވެސް ވަރަށްގިނަ ބޭރުގެ ސަފީރުންނާ މަޖިލީހުގެ ރައީސް ވަނީ ބައްދަލުކުރައްވައި ގުޅުން ބަދަހި ކުރައްވައިފައެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެނީ ގުޅުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިންޑިއާގެ ބޮޑު ވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމެވެ. އިންޑިޔާގެ ބޮޑު ވަޒީރު މަޖިލީހުގައި ތަޤްރީރުކުރެއްވީ މެމްރުންގެ ޢިއްތިފާޤުން އެކަމަށް ރުހުން ދީގެންނެވެ. އިންޑިޔާ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އިންޑިއާގެ ބޮޑު ވަޒީރުގެ އިތުރުން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހާ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވައިފައެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޑް މިސް ފެޑަރިކާ މޮގަރިނީ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވައިފައެވެ. މީނޫނަސް ރާއްޖެއަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ނާއިބްރައީސްއާ ވެސް ރެކޯރޑް ޢަދަދަކަށް ބައްދަލު ކުރައްވައިފައެވެ.
ޚާރީޖީ ގުޅުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ޤާނޫނޫހަދާ މަޖިލީސްތަކާ ރައްޔިތުންގެ މަޖިލީހާ ދެމެދު އުފެދިގެން ދިޔަ ގާތް ގުޅުމެވެ. ނަތީޖާއެއްގެ ގޮތުން 4ވަނަ ސައުތު އޭޝިއަން ސްޕީކާސް ސަމިޓް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ވަނީ ރާއްޖޭގައި ބާއްވައިފައެވެ. މި ސަމިޓްގެ ބައިވެރިން ވަނީ އއ. ރަސްދުއަށްވެސް ޚާއްޞަ ދަތުރެއް ކުރައްވައިފައެވެ. ރާއްޖޭއިން ބޭރުގައި ބޭއްވި ގިނަ ޢަދަދެއްގެ ސަމިޓްތަކާއި ބައްދަލުވުންތަކުގައި މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުރުން ޕާލަމެންޓްރީ ޤްރޫޕްތަކުގެ ލީޑަރުންނާއި ވަކިވަކި މެމްބަރުންވެސް ވަނީ ރެކޯރޑް ޢަދަދަކަށް ބައިވެރިވެ ވަޑައިގެންފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައިއޯސީ ކޮންފަރެންސްގައި ތަޤްރީރުކުރެއްވުން ފާހަގަ ކޮށްލެވެއެވެ. އިންޑިއާ އިކޮނޮމިކް ސަމިޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގަތުން ވެސް ފާހަގަ ކޮށްލެވެއެވެ. މިފަދަ ސަމިޓްތަކުގެ އިތުރުން ބޭރުގެ ފަރާތްތަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީސް އިދާރާގެ މުވައްވައްޒަފުނަށް ވަނީ ތަފާތު ތަމްރީން ޕްރޮގަރާމްތައްވެސް ހިންގަވައިފައެވެ. އަދި ރާއްޖޭއިން ބޭރުން ތަމްރީނާއި ތަޖްރިބާ ހޯއްދެވުމުގެ ފުރުޞަތު މެމްބަރުންގެ އިތުރުން މަޖިލީހުގެ މުވައްޒަފުންނަށް ހޯއްދަވައި ދެއްވައިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް ލޮކްޝަބާގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބްރައީސްގެ އިތުރުން މަޖިލީހުގެ ގިނަ ޢަދަދެއްގެ މެމްބަރުން ހިމެނޭ ވަފުދެއް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުކުރެއްވީ މަޖިލީހުގެ ފަހު ދައުރު ނިންމާލެއްވުމަށްފަހު ނިމިދިޔަ ޑިސެމްބަރ މަސްތެރޭގައެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލީހާ ދެމެދު ގައި ވަނީ އެއްބާރުލުމުގެ އެމްއޯޔޫއެއްގައި ސޮއިކުރައްވައިފައެވެ.
ޤައުމީ ޓީމަށް ހިތްވަރުދީ ސަޕޯރޓްކުރުންވެސް ތަފާތު ގޮތަކަށް!
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޤާނޫނު އެކުލަވާލުމުގައާއި ތަފާތު މުހިންމު މައްސަލަތަކުގައި މަޝްވަރާކޮށް ކަންކަން ނިންމުމަށް އަވަދިނެތި މަސައްކަތް ކުރާ ބަޔަކަށް ވުމުން އިޖްތިމާޢީ ޙަރަކާތްތަކުގައި މަޖިލީހުގެ މެމްބަރުންގެ ބައިވެރިވުން އެހާވަރަކަށް ފެނިގެނެއް ނުދެއެވެ. ނަމަވެސް ޤައުމީ ޓީމަށް ހިތްވަރުދީ ސަޕޯރޓްކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިމިދިޔަ އަހަރު ވަނީ ތަފާތު ދައްކުވައި ދީފައެވެ. ޤައުމީ ޓީމު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗާއި އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗު ބައްލަވާލެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ދަޢުވަތު އެރުވުމުން، މަޖިލީހުގެ ރައީސާއި މެމްބަރުން ދަނޑަށް ވަޑައިގެންނެވީ ޤައުމީ ޖާޒީ ތުރުކުރައްވައިގެން ބެރުދުންމާރި ތާޅަފިލީގައި ހިންގަވައިފައެވެ. މިކަންވީ ގިނަ ބަޔަކަށް ކަމުދިޔަ ހަރަކާތަކަށެވެ.
2020 އަށް މުހިންމު މަސައްކަތްތަކެއް ތާވަލް ވެފައި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ މީޑިއާ ވަރަށް ރަށްޓެހި ބޭފުޅެއް ކަމުން އަހަރުގެ މައްސައްކަތް ނިންމާލެއްވުމަށްފަހު "އާސްކް ސްޕީކާރ" ގެ ނަމުގައި އެމަނިކުފާނާ ސުވާލުކުރެއްވުމުގެ ފުރުޞަތު ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.
ރައްޔުތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ ދެދައުރުގައި ރެކޯރޑް ޢަދަދަކަށް މަސައްކަތް ކުރައްވައިފައި ވީނަމަވެސް މަޖިލީހަށް ހުށަހެޅި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ވަނީ މިފެށުނު 2020 ށް ތާވަލު ކުރެވިފައެވެ. ސަރުކާރުން ފޮނުއްވި މުހިންމު 10 ބިލެއް ނިމިދިޔަ އަހަރުގެ ފަހުޖަލްސާއަށްވެސް ވަނީ ހުށަހެޅިފައެވެ. އަންނަ އަހަރު ކުރިއަށް ގެންދަވާނެ އެންމެ މުހިންމު ބިލަކީ މިވަންވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ ބިލެވެ. މިގޭ އިތުރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލާއި ތަޢުލީމުގެ ބިލާއި ހަކަތައިގެ ބިލާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލާއި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލުގެ އިތުރުން މަދަނީ އިޖުރާއަތުގެ ބިލު ހިމެނެއެވެ.
ނިމިދިޔަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މަސައްކަތް ކުރެވިފައި ވަނީ ދެދައުރެއްގައެވެ. ނަމަވެސް ދެދައުރުގައި ވެސް ވަނީ ރެކޯރޑް ޢަދަދަކަށް މަޖިލީހުގެ މަސައްކަތްތައް ކުރައްވައިފައެވެ. ވެރިކަން ކުރާ އެމްޑީޕީއަށް ސްޕަރ މެޖޯރިޓީ އޮތުމުން މަސައްކަތް ކުރިއަށް ގެންދިއުމަކީ މާއުދަނގޫ ކަމަކަށް ނުވިއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުން ފެނިގެން ދިޔަފަދަ އިހްތިޖާޖުކުރުންތަކެއް ފެނިގެނެއް ނުދެއެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީނަށް ޖަލުޙުކުމް އިއްވުމާގުޅިގެން އިނދިކޮޅު ބައެއް މެމްބަރުންގެ އިހްތިޖާޖު މަޖިލީހުގެ ޖަލްސާތަކުން ފެނިގެން ދިޔައެވެ. މިފުށުނު 2020 ގައި މަޖިލީހުގެ ތިންދައުރުގެ މަސައްކަތް ކުރުމުގެ ފުރުޞަތު 19 މަޖިލީހަށް ލިބިގެން ދިއުމުން ނެރެވޭނެ ނަތީ އިތުރުވެގެން ދާނެކަން ކަށަވަރެވެ.
Ginaginain report thakaa ekikahala thafaathu liyunthah genesdhevvaa.alhugan'dumen kiyumuga dhemithibeynamu.
kobaathoa kamanaa kureega genesdhevvi column? Eyge khabarehves nuvey mihaaru