"ސޭޓުންގެ ވާހަކަ" އާއި "ބަޣާވާތުގެ ވާހަކަ" އަބަދު ދައްކާތީ ހިތާމަކުރަން، އެކަމުން އަންނާނީ އިތުރު ހަމަނުޖެހުން: ޤާސިމް

ރައްޔިތުންގެ މަޖިލިސް ތެރޭގައި މެމްބަރުން ކުރައްވާ ބަހުސްތަކުގައި "ސޭޓުންގެ ވާހަކަ" އާއި "ބަޣާވާތުގެ ވާހަކަ" ކެނޑިނޭޅި މެމްބަރުން ދައްކަވާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި، އެފަދަ ވާހަކަތަކުން ގައުމަށް އަންނާނީ އިތުރު ހަމަނުޖެހުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ހުށަހަޅުއްވާފައިވާ އާންމުދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބަޔެއް މެމްބަރުން "ސޭޓުންގެ ވާހަކަ" ވަރަށްގިނައިން މިއަދު ދައްކަވާފައި ވަނިކޮށް ބިލުގެ ބަހުސްގައި ގާސިމް ވިދާޅުވީ އެފަދަ ވާހަކަތައް ދެއްކުމުން ހިތާމަކުރައްވާ ސަބަބަކީ، އެފަދަ ވާހަކަތަކުން އިތުރަށް ހަމަނުޖެހުން އަންނާނެކަން ވިސްނުވަޑައިގަންނަވާތީ އާއި އެފަދަ ހަމަނުޖެހުމަކަށް ޖާގަ ދެއްވަން ބޭނުންފުޅު ނުވާތީއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި، އެއްބައި ވަންތަކަން އުފައްދައިގެން އަޅުގަނޑުމެން ކުރިޔަށް ދިޔުމުގެ އުސޫލުތަކަކާއި ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމުކަން އަބަދުވެސް މުހިންމީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދުނިޔޭގައި ގައުމެއްގެ މުއްސަނދިކަން އިތުރުވެގެން ދަނީވެސް އެގައުމެއްގައި ތަނަވަސް މީހުންތަކެއްވެސް ތިބެގެން ކަމަށެވެ. އަދި އެ ގައުމެއްގައި ޓެކްސް ނެގޭނީވެސް ތަނަވަސް މީހުންނާއި، ފައިދާވާ ކުންފުނިތަކެއްވެސް ހުރެގެން ކަމަށާއި، ތަނަވަސް މީހުންނާއި ފައިދާވާ ކުންފުނިތަކެއް ނެތް ގައުމަކު ނެގޭނެ ޓެކްސްއެއްވެސް ނޯންނާނެ ކަމަށެވެ.

"އެހެން ކަމަށްވާއިރު ކޮންވާހަކައެއްތޯ މިދައްކަނީ. ބަޔެއްގެ ސިކުނޑިއަށް ވައްދައިދޭން މުއްސަނދިންނޭ، މަހުޖަނުންނޭ، ދެފަހަރުން އެއްފަހަރު. އިރުކޮޅަކުން މިވާހަކައެއް މިދައްކަނީ. ސެޓުންނޭ މިވާހަކައެއް މިދައްކަނީ ކޮންކަމަކާތޯއޭ އަޅުގަނޑު ހިތަށް އަރަނީ. ކޮންއެއްޗެއް އެޗީވްނުގެންތޯއޭ. ހުރިހާ އެއްޗެއްވެސް އެޗީވްވެފައިވޭ ދެއްތޯ އެވާހަކަ ނުދެއްކިއެއް ކަމަކު. އެ މިހާރު ޖޯކަކަށް ނޫނީ ނުވާކަން އަޅުގަނޑަށް ކަށަވަރު އިނގޭތޯ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މަޖިލިސް ތެރޭގައި ދެން ބަޔެއް މެމްބަރުން ދައްކަވާ ވާހަކައަކީ "ބަޣާވާތުގެ ވާހަކަ" ކަމަށެވެ. ނަމަވެސް މާނައެއް ނެތް ކަމެއްގައި ބަޔަކު ރުޅި އަރުވާލައި، ހިތުގެ ތެރޭގައި ފަސާދަ އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބަޣާވާތަކީ ސިޔާސީ މީހުން ނުކުމެ ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"މިތަނަށް އިންޓަރނޭޝަނަލް ފަނޑިޔާރުންނާއި، އެކިއެކި ގައުމުތަކުގެ މީހުން ގެނެސް ތަހުގީގުކޮށް އެކަންކަން ނިންމައިފި. ކިތަންމެ ވަރަކަށް އަޅުގަނޑުމެން މިތާ ނަގަނަގާފަ، ބަޣާވާތެކޭ ކިޔާފަ ދެއްކިޔަސް އެޔެއް ދެނެއް މިގައުމަކު ނުހިނގާނެ. ބަޣާވާތަކަށްވެސް ނުހެދޭނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ކަންކަން އިސްލާޙު ކުރަން މަސައްކަތް ކުރާއިރު، އެހެން މީހުންނަށް އެއްޗެހި ގޮވުމަކީ ދަށު ދަރަޖައިގެ ވިސްނުމެއް ކަމަށާއި، އެގޮތް ދޫކޮށްލަން ޖެހޭ ކަމަށެވެ.

"ގައުމުގައި ހުންނަ ކަންކަން އިސްލާހު ކުރަން އުޅޭއިރު، އެހެން މީހުންގެ ގައިގައި ޖެހިގަނެގެން ނުދިޔަކަސް އަދި ގައުމެއްގައި ތިބި ހަރުދަނާ، ހަމަޖެހޭ މީހުން އަޅައިގަނެގެން ކަންތައްތައް ނުކުރިޔަކަސް، އަދި އެއްޗެހި ނުގޮވިޔަސް ކަންކަން ކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.

ބިލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ކުރާއިރު އަމިއްލަ އުސޫލުތަކެއް ހިމަނައި، މާމޮޅު ކަމެއް ކުރެވުނު ކަމަށް ނުހަދައި، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޓެކްސްގެ ނިޒާމުތައް ދިރާސާކޮށް އޭގެ މައްޗަށް އެކަން ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. އެގޮތުން އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އުސޫލުތައް ގެނެސްގެން ކުރިޔަށްދާން ވިސްނައިފިއްޔާ މާރަނގަޅު ވާނެކަމަށް ވިދާޅުވިއެވެ.

"އިންކަމް ޓެކްސް ނެގުމަކީ ޓެކްސްގެ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް. އެކަން ކުރުމުގައި އަޅުގަނޑުމެން ބަލާލަންޖެހޭ ދުނިޔޭގެ ގައުމުތަކުގައި އެކަން ކޮށްފައިވާ ނިޒާމާއި އުސޫލުތަކާ ހަމަތަކުގެ މައްޗަށް" ގާސިމް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.