އާ އަހަރާ ދިމާކޮށް ހިންގާ އޮޕްރޭޝަންގައި ފޭރިފައިވާ ފައިސާ އާއި ބަނގުރަލާއި މަސްތުވާ ތަކެތި އަތުލައިގެންފި

އާހަރާ ދިމާކޮށް މާލެ ސަރަޙައްދުގައި ހިންގާ "ރިވެލި" އޮޕްރޭޝަންގައި 908 މީހަކާއި 6867 އުޅަނދު ބަލާ ފާސްކޮށް ފޭރުމަށް ބޭނުންކުރާ އާލާތްތަކާއި ފޭރިފައިވާ ފައިސާއާއި ބަނގުރަލާއި މަސްތުވާ ތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

މާލެސަރަޙައްދުގައި ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަންފެށީ މިމަހު 22 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަން ފުލުހުން ފެށްޓެވީ އާއަހަރު ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ބާއްވާ ޙަރަކާތްތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާޚިލާފު ކަންކަން ކުރުމަށް ރާވާ ކަމުގެ މައުލޫމާތު ލިބެމުން ދިއުމާ ގުޅިގެންނެވެ. ފުލުހުން އަތުލައިގެންފައިވާ ފައިސާ އަކީ އާހަރު ފާހަގަ ކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށް ފޭރިފައިވާ ފައިސާކަމަށް ވެސް ޕްރެސް ކޮންފަރެންސްގައި ފުލުހުން ވިދާޅުވިއެވެ. އާ އަހަރާ ދިމާކޮށް މާލެ ސަރަޙައްދުގައި ފޭރުން އިތުރުވުމާ ގުޅިގެން، ރައްޔިތުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވައި ފައެވެ. ނަމަވެސް މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގެންފައިވާ ފައިސާ އާއި އެހެން ތަކެތީގެ ޢަދަދެއް ހާމައެއް ނުކުރައްވައެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ކުރިން އޮޕަރޭޝަން ހިންގަމުން އައި ޕެޓާން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އާ އަހަރު ފާހަގަކުރަން ހިންގަފާނެ ޖިނައީ ކުށްތައް ހުއްޓުވުމަށް މިރޭ ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވާނެކަމަށް ވިދާޅުވިއެވެ. ކެފޭތަކާއި ރެސްޓޯރަންޓު ފަދަ ތަންތަން ބަލާ ފާސް ކުރުމާއި ޝައްކު ކުރެވޭ ގެސްޓްހައުސްތައް ފާސް ކުރާނެކަމަށް ވިދާޅުވިއެވެ. ހަށިގަނޑު ބަލާ ފާސްކުރުމާއި ބޭނުންކުރާ އުޅަނދުގެ މަޑިދަށާއި ޑިކީ އާއި ދަބަސްފަދަ އާލާތްތަކާއި ވެހިކަލާ ގުޅުންހުރި ލިޔެކިޔުންތައް ވެސް ބަލާ ޗެކްކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. އާ އަހަރު ފާހަގަ ކުރުމަށް ހިންގާ ޙަރަކާތްތަކީ ޤަވާޢިދުން ހުއްދަ ނަގަން ޖެހޭ ކަންކަމުގައި ހުއްދަ ނަގައިގެން ހިންގޭ ހަރަކާތްތައްތޯވެސް ފުލުހުންގެ  އޮޕަރޭޝަންގައި ބައްލަވަނެކަމަށް ވިދާޅުވިއެވެ.

އާހަރު ފާހަގަ ކުރުމަށް ހިންގާ ޙަރަކާތްތަކާ ގުޅިގެން ޙުޅުމާލޭގައި ވެސް ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މިއޮޕަރޭޝަންގައި ވެސް ގިނަ ޢަދަދެއްގެ ފުލުހުން ފައިމަގުގައި ޙަރަކާތްތެރިވާނެއެވެ. އަދި ހުޅުމާލޭއަށް މީހުން އަރާފައިބާ ސަރަޙައްދުތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ހުޅުމާލޭ ސެންކަންޑް ފޭސްއާއި އިންޑަސްޓްރިއަލް ޒޯން ސަރަޙައްދުވެސް ބަލާ ފާސްކުރަން ވަނީ ހަމަޖައްސަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.