އޭއެފްސީ 2019: ގޯދިއްޔާ ބަލިކޮށް މުލިމަތި ފުރަތަމަ މޮޅު ހޯދައިފި

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް (އޭއެފްސީ 2019) ގެ ތިން ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ މުލިމަތި ޔުނައިޓެޑާއި ގޯދިއްޔާއެވެ. މިމެޗު 3-4 ލަނޑުން ކާމިޔާބުކުރީ މުލިމަތިއެވެ.

މިއީ މުލިމަތި މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެޓީމް ބައްދަލުކުރީ އެފްސީ ބޭރުއްމައްޗާއެވެ. އެމެޗުން މުލިމަތި ބަލީވީ 4-1 ލަނޑުންނެވެ. މިއަދުގެ މޮޅާއެކު އެޓީމަށް ވަނީ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުވެފައެވެ.

މި މެޗު ވެސް ވެގެންދިޔައީ ބަލާހިތްވާ ކަހަލަ ފޯރިގަދަ މެޗަކަށެވެ. މިމެޗު ފަށައިގެން ލީޑުނެގީ ގޯދިއްޔާއެވެ.

މެޗުގެ 6 ވަނަ މިނިޓުގައި އެލަޑު ޖަހައިދިނީ އެޓީމުގެ އާދަމް ނަސީމެވެ. އެ ލަނޑަށްފަހު އެޓީމަށް ލީޑުގައި އޮވެވުނީ 6 މިނިޓެއްހާއިރަށެވެ. މުލިމަތި ޓީމުގެ އަހުމަދު ސަބާހު ވަނީ އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އެފަހުން ގާތްގާތުގައި ޖެހި ދެލަނޑާއެކު މުލިމަތި ވަނީ ތިނެއް އެކެއްގެ ލީޑެއް ނަގައިފައެވެ. އެ ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު 14 ވަނަ މިނިޓުގައި ޖަހައިދިނީ އެޓީމުގެ އަހުމަދު ފަރުހާދެވެ. ދެވަނަ ލަނޑު 18 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ރަޔާން މުސްއަދު މަންސޫރެވެ. އެލަނޑު ޖެހިތާ މިނިޓެއްގެ ތެރޭގައި ގޯދިއްޔާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު 19 ވަނަ މިނިޓުގައި ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެހެންނަމަވެސް މުލިމަތި ވަނީ އެމީހުގެ 4 ވަނަ ލަނޑު 23 ވަނަ މިނިޓުގައި ޖަހައި އަނެއްކާ ވެސް ލީޑު ފުޅާކޮށްފައެވެ. އެލަނޑު ޖަހައިދިނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިން އަހުމަދު ސަބާހެވެ.

މިލަނޑަށްފަހު ވެސް އެޓީމުން މަސައްކަތް ކުރަމުންދިޔައީ އިތުރު ލަނޑު ޖަހައި ފަރަގު ބޮޑު ކުރާށެވެ. އެހެންނަމަވެސް ގޯދިއްޔާއިން އިތުރަށް ހިތްވަރުކޮށް ލަނޑެއް ޖަހަން ކުރި މަސައްކަތުން އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ކާމިޔާބު ކުރިއެވެ. އެލަނޑު ޖެހީ މޫސާ އަތޫން އިބްރާހީމް ރަޝީދެވެ. މިމެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މިމުބާރާތުގެ 4 ވަނަ މެޗު މާދަމާ ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކުލަބު ރިވެރިންނާއި އެފްސީ ޒެފިއާއެވެ. މިއީ ރިވެރިންގެ ދެވަނަ މެޗެވެ. ޒެފިއާގެ ފުރަތަމަ މެޗެވެ. ރިވެރިން ވަނީ ފުރަތަމަ ކުޅުނު މެޗުން ފޭދޫ ސްޕޯޓުސް އަތުން 4-3 ބަލިވެފައެވެ.

މާދަމާގެ މެޗު ވެސް ކުޅޭނީ ހަވީރު 4:00 ގައި އައްޑޫ ފުޓުބޯލް ސްޓޭޑިއަމްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.