ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕެޓީޝަނެއް ކުޑަހުވަދޫން ހަވާލުކޮށްފި

ކުޑަހުވަދޫން ހަވާލުކުރި ޕެޓިޝަނާ ހަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ދ. ކުޑަހުވަދޫން ތައްޔާރުކުރި ޕެޓީޝަނެއް ޕީއެންސީއާ ޙަވާލުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕެޓިޝަން އެރަށުގެ ފަރާތުން ކޯލިޝަނާ ޙަވާލުކޮށްދެއްވީ އެރަށުގެ އިސް ބޭފުޅެއް ކަމަށްވާ އިސްމާޢީލް އަފީފެވެ. ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން އެއާ ޙަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢާބްދުﷲ އެވެ.

އެޕެޓިޝަނުގައި އެރަށުން ވަނީ 916 މީހުން ސޮއިކޮށްފައެވެ. މިއީ ރައީސް ޔާމީން މިނިވަންކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ތައްޔާރު ކުރަމުންދާ ޕެޓީޝަނަށް އިތުރުވި ބޮޅެކެވެ. ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތް ކުރަމުން ގެންދަވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް އެއްލައްކަ މީހުންގެ ސޮޔާއެކު ޕެޓީޝަނެއް ސަރުކާރަށް ހުށަހެޅުމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ މިދަނޑިވަޅުގައި ޕީއެންސީގެ ނާއިބު ރައީސް މާވަށުދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުމުން އިދިކޮޅު ފަރާތް ކުރިއަށްދާނެ މަގުދައްކާނެ ބޭފުޅަކުނެތް ކަމަށެވެ. އެމަނިކުފާނު ހުންނެވި ނަމަ މަގު ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.