އަނިޔާވެރި މާލީ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން:  އިދިކޮޅު 

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާތައް ނިކަމެތިވާނެ އަނިޔާވެރި މާލީ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލުމަށް، އިދޮކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ. 

މިކަމަށް ގޮވާލާ ޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސަބަޔާނުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކާރޑް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ތިބޭ  ދިވެހިންނަށް ފައިސާ ނެގޭނެ ޢަދަދުތަކަށް ގެނައި ބޮޑު ނަދަލާ ގުޅިގެން ރާއްޖޭން ބޭރުގައި ދިރިއުޅޭ އެތައްހާސް ދިވެހި އާޢިލާތަކެއް ނިކަމެތިވެ ބިކަވެ، ގޮތް ހުސްވާނެކަމަށެވެ. 

މި ނޫސް ބަޔާނުގައި ވަނީ ސަރުކާރުގެ ނުފޫޒުން ޤައުމީ  ބޭންކް (ބީއެމްއެލް)  މެދުވެރިކޮށް އިޢުލާންކުރި ބޮޑު ބަދަލުގެ ނަތީޖާއަކަށް ވާނީ، ގިނަ ބަޔަކަށް ފޫނުބެއްދޭފަދަ ދަތިތަކާ ގެއްލުންތަކެއް ކުރިމަތިވުން ކަމަށެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް ގޯނާކޮށް، އަނިޔާކޮށް  ނިކަމެތި ކުރުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި ރައީސް ޞާލިޙް ވެރިކަމުން ބާލާ ވަގުތު ކައިރިވަމުން އަންނަކަމުގެ އާލާމާތެއް ކަމަށެވެ. 

މި ފިޔަވަޅަކީ ރާއީސް ޞާލިޙާއި  ފޮރިން މިނިސްޓަރ ޝާހިދާއި ސަރުކާރުގެ އެހެން ބޮޑުން ކުރަމުންދާ ބޭކާރު ޚަރަދަށް ޖާގަދީ މަގުފަހިކުރުމަށް ކުރި ކަމެއްކަމަށްވެސް ނޫސް ބަޔާނުގައި ވަނީ ތުޙުމަތުކޮށްފައެވެ. އެކަންކަމަށް މަގުފަހިކޮށް ރާއްޖޭން ބޭރުގައި އުޅޭ ދިވެހިން މަގުމަތި ކުރުމުގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށްވެސް އިދިކޮޅުގެ ނޫސްބަޔާނުގައި ވެއެވެ. 

"ޖުޑިޝަރީ މިނިވަންވާ ދުވަހަކުން ރައްޔިތުންނަށް އަނިޔާވެރިވާ، މިފަދަ ހުރިހާ ފަރާތްތަކާ ޤާނޫނު އަރާހަމަކުރާނެއެވެ. އަދި އެފަދަ އެންމެހާ ފަރާތްތައް ދިގުމުއްދަތަށް ޖަލަށް ދާންޖެހޭނެކަންވެސް ފާހަގަކުރަމެވެ." އިދިކޮޅު ކޯލިޝަންގެ ނޫސް ބަޔާނުގައި ވެއެވެ. 

ރާއްޖޭން ބޭރުގައި ވަޒަންވެރިވެގެންއުޅޭ ދިވެހި އާއިލާ ތަކަކީ، ލިބޭ އެއްޗަކުން ދެކޮޅުޖައްސަން ދަތިވުމުން ޤައުމުން ބޭރުގައި އުޅޭ ބައެއްކަން ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ދަރިންނަށް ކިޔަވައިދޭން ނުވަތަ އާއިލާގެ މެމްބަރުންނަށް ދާއިމީ ގޮތެއްގައި ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރުގައި އުޅޭ ބައެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ. 

"އެފަދަ އާއިލާތަކަކީ، ރާއްޖޭގައި ތިބި އާއިލާގެ މެމްބަރުން މެދުވެރިކޮށް، ލިބޭ ކުޑަކުއްޔެއް ނުވަތަ މުސާރައެއް، އަދި އުޖޫރައެއް ބޭރަށް ފޮނުވައިގެން ދިރިއުޅުން ހަމަޖައްސާ ދިވެހިންނެވެ. އެފަރާތްތަކަށް ޞާލިޙް ޖައްސަވަމުންދާ ވޭނުގެ ބަދަލު އިންތިޚާބުގައި ރައްޔިތުން ހިފާނެކަން، ޞާލިހާއި އެމްޑީޕީ ކޯލިޝަންގެ ބޮޑުން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިވާނެއެވެ" އިދިކޮޅު ކޯލިޝަންގެ ނޫސް ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައި ގޮވާލައިފައި ވަނީ މިފަދަ ސިޔާސަތުތަކާމެދު އަވަހަށް ދެވަނަ ވިސްނުމަކަށް ގޮސް، ރައްޔިތުންގެ ކިބައިން މައާފަށް އެދި، އެކަންކަން  ބަދަލުކުރުމަށެވެ. ރައްޔިތުންނާ ދެކޮޅަށް، ރައްޔިތުންގެ އެދުންތަކަށް ބީރުކަންފަތެއް ދީގެން ވެރިކަމުގައި ހުރެވޭނީ ވަކި މުއްދަތަކަށް ކަމަށެވެ. މިސަރުކާރަށް މަދަދުވެރިވާ ބޭރުގެ ފަރާތްތަކުގެ ނިވާގައި ފިލާ ތިބެގެން 2023 ގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ. އެމްޑީޕީ ވެރިކަމުގައި ދެމެހެއްޓޭނެ މިންވަރަށް އެހީތެރިކަމާއި މަދަދުވެރިކަމެއް އެފަދަ ފަރާތްތަކަށްވެސް ނުވެނޭކަމަށެވެ. އަބަދުވެސް ބާރު އޮންނާނީ ރައްޔިތުންގެ އަތްމަތީގައިކަން ރައީސް ޞާލީހްގެ ހަނދުމަފުޅު ބަހަށްޓަވަން ޖެހޭނެ ކަމަށެވެ.

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްކުރެވޭނެލިމިޓް އިއްޔެ ވަނީ ކަނޑައަޅައިފައެވެ. އެއީ މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރެވެ.  މިއަދަދުތައް ކަނޑައަޅާފައިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ މުޢާމަލާތްތަކަށެވެ.މިއީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅިގެން ވަގުތީ ގޮތުން އެޅި ފިޔަވަޅެއްކަމަށް އެ ބޭންކުން ބުނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.