(22 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
އަޑު އިވުމާއެކު ސުލައިމާންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ. "މިއޮތްހައި އިރު ވާހަކަ ދެއްކީ ކާކާ؟ މާ ދިގު ފޯނެއް..."
"ދިގު ފޯނެކޭ؟" ފަރްޒާނާގެ އަޑުގައި ހުރީ އެ ކިޔާ އެއްޗެއް ނޭނގެއޭ ބުނާ ކަހަލަ ރާގެކެވެ.
"އަހަރެން ގުޅާތާ މިހާރު ހަތަރު ގަޑިއިރު ވެއްޖެ. ހުންނަނީ އެންގޭޖު ވެފައި."
"އޯހ..." ފަރްޒާނާ ހީނގަތެވެ. "މީގެ ހަތަރު ދުވަސް ކުރީއްސުރެ ނުގުޅާކަން ރަނގަޅެއްނު؟ އެހެންނަމަ އަދި ތިޔައަށްވުރެ ރުޅި ގަދަވީސް."
"ކީކޭ ތިޔަ ކިޔަނީ؟"
"މި ކިޔަނީ ފޯނު ހުރީ ހަލާކު ވެފައޭ. ފޯނު އޮފީހަށް ގުޅާފައި މައްސަލަ ޖެއްސިތާ ހަތަރު ދުވަސްވެއްޖެ. ރަނގަޅުވީކަން މި އެނގުނީ ދެންމެ ރަނގަބީލުވާން ފެށްޓީމާ."
ސުލައިމާންގެ ބޮލުގައި އޮތް ބުރަ އެއްފަހަރުން ލުހިގެން ހިނގައްޖެއެވެ. ފިރިހެނުންނަކީ އަޖައިބެއް ކަހަލަ ބައެކެވެ. ޚާއްސަކޮށް ވިޔާނުދާކޮށް އުޅޭ މީހުންގެ އާދައަކީ ލޯބިވެރިޔާއަށް ޝައްކު ކުރުމާއި ޝަކުވާ ކުރުމެވެ.
"ސުލައިމާން ހީކުރީ ކީކޭ؟ އަހަރެން އެހެން މީހަކާ ވާހަކަ ދައްކަނީއޭތަ؟" ފަރްޒާނާ ކުޑަކޮށް ނުރުހުންވެފައި އަހައިލިއެވެ.
ސުލައިމާނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. "ނޫނޭ... އެހެންނެއް ނޫން..." އެވަގުތު އޭނާއަށް ކަމެއް ހަނދާން ވެއްޖެއެވެ. ފުރަތަމަ އައިސްފައި ހުރި ރުޅީގެ ސަބަބުން ހަނދާން ނެތުނީއެވެ. ފަރްޒާނާ ފޯނު ނެގި ގޮތަށް އޭނާގެ ނަމުން މުޚާތަބް ކުރިއެވެ. އެއީ ކީއްވެގެން ބާވައެވެ؟ "ފަރްޒާނާ ހުރީ އަހަރެންގެ ފޯނެއްގެ އިންތިޒާރުގައިތަ؟" އޭނާ އަހައިލިއެވެ.
"ނޫން. އަހަރެންގެ ޔަގީންކަމަށްވެސް ފަނޑުކަން އަންނާން ފަށައިފި މިހާރު." ފަރްޒާނާ މާޔޫސީއާއެކު ބުނެލިއެވެ.
"އެހެންވެއްޖެއްޔާ އަހަރެންގެ ފޯނެއްކަން އެނގުނީ ކިހިނެއް؟"
"އަހަންނަށް ފޯނު ކުރާނީ ސުލައިމާން ނޫން ކާކު؟ އެހެން މީހެއްގެ އަތަކު އަހަރެންގެ ނަންބަރެއް ނޯންނާނެ. އަދި އަނެއްކާ މިހައި ދަންވަރު ސުލައިމާން ނޫން މީހަކު އަހަންނަކަށް ފޯނެއް ނުކުރާނެ."
އޭނާގެ މައުސޫމުކަމާއި ހިތުގައި އޮތް އާދަޔާ ޚިލާފު ޔަގީންކަމެއްގެ ސަބަބުން ސުލައިމާންގެ ހިތުގައި އޭނާގެ މައްޗަށް އޮތް ލޯބި އިތުރު ވެގެން ދިޔައެވެ. "އެހެން ދޯ؟ ހާލު ކިހިނެއް؟"
"ހަމަ ކުރިއެކޭ އެއްގޮތް. ސުލައިމާންގެ ހާލު ކިހިނެއް؟ މިހާރު ވަރަށް ބޮޑު، ވަރަށް މަޝްހޫރު މީހަކަށް ވެއްޖެއެއްނު؟"
"ބޮޑެއް ނުވޭ. އެކަމަކު މަޝްހޫރު ވެއްޖެ. އެއީ ޝައިޠާނާގެ އެހީތެރިކަން."
"އެހެން ބުނާކަށް ނުވާނެ. އެއީ ﷲ ގެ ރަޙްމަތް. މީހަކަށް ލިބޭނީ ﷲ ދެއްވި އެއްޗެއް."
"ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު ޝައިޠާނާގެ ބައި ކުޑައެއް ނޫން. ވަގުތެއް ލިބުނީމާ އެ ވާހަކަ ކިޔައިދޭނަން."
"ގުޅީ ކީއްކުރަން؟ މިގެއަށް އަންނަންތަ؟ ނޫނީ ތިޔަ ގެއަށް އަންނާށޭ ބުނަންތަ؟" ފަރްޒާނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.
"ފުރަތަމަ ތިޔަ ބުނީ ރަނގަޅަށް." ސުލައިމާން އެއްވެސް އެއްޗެއް ހިތަކު ނުޖެހިއެވެ.
"މިގެއަށް އަންނާނީ ކުރީގެ ވިސްނުމާ އެކީގައިތަ؟"
"އަހަރެން އަންނަނީ ފަރްޒާނާއާ ބައްދަލު ކުރާކަށް ނޫން. މަންމަޔާ ބައްދަލު ކުރަން." ސުލައިމާން ބުނެލިއެވެ.
"ކީއްކުރަން؟"
"އެ ހުންނަނީއަކީ އަންހެންކުދިން ގާތު ދައްކާ ކަހަލަ ވާހަކައެއް ނޫން."
"އަހަރެން މިއީ ސުލައިމާން ގާތު އަމިއްލައަށް ތިޔަ ބުނާ ވާހަކަ ދެއްކި އަންހެންކުއްޖާކަން ހަނދާން ނެތުނީތަ؟"
"ހަނދާން އެބަހުރި. އެވާހަކަ ބާއްވާ." ސުލައިމާން ބުންޏެވެ. "އަހަރެން އަންނާންވީ ކާކު ގޮވައިގެން؟ އަހަރެންގެ އާއިލީ އެކަކުވެސް ނެތްކަން ފަރްޒާނާ ދަންނާނެ."
"މިހާރު މުޅި ރަށުގައި ސުލައިމާންގެ މީހުންނެއްނު؟"
"އާނ... އާންޓީން ވަރަށް ގިނަ... އެއިން މީހަކު ގޮވައިގެން އަންނަންތަ؟"
"ތިޔަ ބުނާ ހުރިހައި އާންޓީން ތިބޭނީ އެމީހުންގެ ދަރީންގެ ކަންތަކުގައި ސުލައިމާނާ ވާހަކަ ދައްކާ ހިތުން. އެހެންވީމާ އެއިން މީހަކު ގެންނާނެ ކަމެއް ނެތް. ސުލައިމާންގެ އެކުވެރިން ގޮވައިގެން އާދޭ. މަންމަ ގާތު އަހަރެން އޮތީ ސުލައިމާންގެ ވާހަކަ ދައްކާފައި. އެހެންވީމާ މިގެއަށް އައީމާ އެ ނިމުނީ."
"ފަރްޒާނާ ހައިރާނެއް ނުވޭތަ؟"
"އެއްގޮތަކަށްވެސް ނުވޭ. އަހަންނަށް ކުރިންވެސް އެނގޭ. އެކަމަކު ހީކުރި ވަރަށްވުރެ ތަންކޮޅެއް އަވަސް ވެއްޖެ. މިއީ ކިހިނެއް އައި ބަދަލެއް؟"
"ﷲ ގެ ހިދާޔަތެއްނު؟ މިހާރު އަހަންނަކީ އިހަށްހައި ވިޔާނުދާ މީހަކީމެއް ނޫން. އަހަރެން މިއީ ފަރްޒާނާއާ އެކަށީގެންވާ މީހެއް ކަމަކަށް އިހަކަށްވެސް ހިއެއް ނުކުރަން. އެހެންވީމާ އިނުމުގެ ޚިޔާލުވެސް ކުރާނީ ކިހިނެއް؟"
"ދެން ހުއްޓާލާ... ބާއްވަނީ." ފަރްޒާނާގެ އަޑަށް ލޯބީގެ އަސަރު ވެރިވެއްޖެއެވެ. "މާދަމާ އަންނާނަން ދޯ؟"
"ނޫނޭ. ޢަދްނާން ވީ ލަންޑަނުގައި. އޭނާއަށް މިހާރު އަހަރެން ފޯނު ކޮށްލާނަން... މާދަމާ ނޫން އަނެއް ދުވަހު އަންނާނަން."
"ތިޔައީ މާ ރަނގަޅު ގޮތެއް. މާދަމާ ނޫން އަނެއް ދުވަހަކީ މަންމައަށްވެސް ޗުއްޓީ ދުވަހެއް. ރޭގަނޑު ކާން އާދޭ."
"އެންމެ ރަނގަޅު."
"ޢަދްނާނަކީ ސުލައިމާންގެ މަވްލަވީ އެކުވެރިޔާތަ؟"
"ނޫން. އެއީ ރިޟްވާން."
"އޭނާ ނުގެންނާނަންތަ؟"
"މި ދުވަސްކޮޅު އޭނާޔަކާ ގުޅުމެއް ނެތް."
"ރުޅި ނާންނާތި... އަހަރެން ވާހަކައެއް ބުނަންތަ؟" ފަރްޒާނާ މިހެން އަހައިލުމަށް ފަހު ސުލައިމާންގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލައި ބުނެލިއެވެ. "އެ ރިޟްވާނަކީ އަހަންނަށް ކަމުދާ މީހެއް ނޫން."
ސުލައިމާން ދިޔައީ ސިއްސައިގެންނެވެ. "އެޔޯ؟ އެއީ ވަރަށް ރަނގަޅު، ދީންވެރި މީހެއްނު؟"
"ވެދާނެ... އެކަމަކު އޭނާ ބަލާގޮތް އަހަންނަކަށް ކަމަކު ނުދޭ... އެވާހަކަ ބާއްވާ. މާދަމާރޭ ނޫން އަނެއް ރެއަށް އަހަރެން އިންތިޒާރު ކުރާނަން."
"އެންމެ ރަނގަޅު. ސަލާމް."
ފޯނު ބޭއްވުމަށް ފަހު ސުލައިމާން ވިސްނައިލިއެވެ. މި ފަރްޒާނާއަކީ ކޮން ކަހަލަ ކުއްޖެއް ހެއްޔެވެ؟ އޭނާއަށް އަހަރެން ރަނގަޅެވެ. އެކަމަކު ރިޟްވާން ރަނގަޅެއް ނޫނެވެ. އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ އަންހެނުން ވިސްނާ ގޮތް އެނގޭނީ ހަމައެކަނި އަންހެނުންނަށެވެ.
ސުލައިމާން އަނެއްކާވެސް ފޯނުގެ އަތްގަނޑު ނަގައިފިއެވެ. ޢަދްނާނާ ވާހަކަ ދައްކައިލާން އެބަޖެހެއެވެ.
* * *
ޢަދްނާާން އޮފީހުން ނުކުންނާން އުޅެނިކޮށް ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. ފުރަތަމަ އޭނާގެ ހިތަށް އެރީ ނުނަގައި ނުކުމެގެން ދާށެވެ. އެ ދުވަހަކީ މުޅިއަކުން ރަނގަޅަކަށް ދިޔަ ދުވަހެއް ނޫނެވެ. އެކަމަކު ކުޑަކޮށް ވިސްނައިލުމަށް ފަހު ފޯނު ނަގައިފިއެވެ.
ސުލައިމާންގެ އަޑު އިވުނީމާ އޭނާ ހައިރާންވިއެވެ. ދެމީހުން ފޯނުން ވާހަކަ ދެއްކިތާ އަދި ވާނީ ގަޑިއެއްހައި އިރެވެ.
އެކަމަކު ސުލައިމާން ފޯނު ކުރި ސަބަބު ބުނީމާ އޭނާ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. "ހަމަ މިހާރު މި ބަލަނީ." އޭނާ ބުންޏެވެ. "އެންމެ އަވަހަށް ޖާގަ ލިބޭ ފްލައިޓަކުން ދާނަން. ޔަގީން... މާދަމާގެ ކޮންމެވެސް ވަގުތަކަށް ދެވޭވަރު ވާނެ. އެއްގޮތަކަށްވެސް ކަންބޮޑު ނުވޭ..." އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ކަހަލައެވެ.
ސުލައިމާން ފޯނު ބޭއްވީމާ އޭނާ ގުޅީ ޓްރެވަލް އޭޖެންސީއަކަށެވެ. ނަސީބު ރަނގަޅު ކަމުން ނުވަގަޑި ވިހީގެ ފްލައިޓުން ޖާގައެއް ލިބިއްޖެއެވެ. އެހެންވީމާ މާދަމާ ހަވީރު ޕާކިސްތާނު ގަޑިން ތިނެއް ޖަހަންވާއިރަށް ދެވޭނެއެވެ.
ގަޑިއަށް ބަލައިލުމަށް ފަހު އޭނާ ބާރަށް ހިނގައިގެންފިއެވެ. މާގިނަ ވަގުތެއް ނެތެވެ.
* * *
އިބިލީސް އޭނާގެ ޔުނިވަރުސިޓީއަށް ވަދެ ބޮނދައި އޮވެއްޖެއެވެ. އޭނާގެ ބޯ ހަލާކު ވެއްޖެއެވެ. ބުއްދި ހައިރާން ވެއްޖެއެވެ. ބައިވެރިންނާ ކުރިމަތިލާކަށް ނުކެރެއެވެ. ބިރުން އަވަދި ވަނީއެވެ. ސުލައިމާނާ ގުޅޭ ކޮންމެވެސް ނުބައި ސުންޕާ ޚަބަރެއް ލިބިދާނެއޭ ހީވެ ސިހެނީއެވެ. އެންމެ އިންސާނަކަށް އެހައި ބޮޑު އަހުމިއްޔަތުކަމެއް ދެނީ ކީއްވެގެންހޭ އޭނާގެ ލާހިދަރީން އަބަދު ސުވާލު ކުރަނީއެވެ. ދޭނޭ ޖަވާބެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އާދައިގެ އިންސާނަކު އޭނާ އޮރިޔާންކޮށް، ހަފުސްކޮށް، ބޭޒާރު ކޮށްލައިފިއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)
އިންސާނާ އަކީ އާދަވެގެން ވަރަށް އަމިއްލަ އެދުންބޮޑު މަޚްލޫގެއް.ސުލައިމާނު ކަންކުރި ގޮތްވެސް ނިކަން ދެކިބަލަ.ފަރުޒާނާ ސުލައިމާނަށް އެދިގެން އެވަރަށް ގޮވީމައި ވެސް ކޮޅުފައިންޖެހީ.އެކަމަކު ތިމާ ފަރުޒާނާ އަށް ބޭނުންވިއިރަށް އެދުމާއިގެން ދިޔައީއެއްނު.
މުޅިން ގޯސް..ހަމަ އެކަނި ހޫނުފެނުގެ ވާހަކަ ދައްކާނަމަ ފިނިބުއިންތަކުން ލިބޭ ލައްޒަތާއި ހިތްހަމަޖެހުމެއް ނުލިބޭނެ...ތިލަފަތުގެ ވެސް ދެކޮޅު ހުންނަކަން ހަނދާން ކުރަންޖެހޭ... މަށަކީ ގައިމުވެސް އަމިއްލަ އެދުމުގެ މީހެއްނޫން...އަނގައަށް ލާން ނަގާ ފުރަތަމަ ސުވަލާއެކު، ތަށި އެކީ ޖަހައިގެން ދިޔަޔަސް ،ބުރަ ނުވަތަ ބަދު ބަހެއްވެސް ނުބުނާނަން..
ސުލައިމާނު ޝައިތާނާގެ އަރުތެރޭގައި ރަނގަޅަށް ތާށިވެއްޖެ. ދިރުވައި ނުލެވުނުތާ ، ދިރުވައި ނުލެވޭނެ ކަމަށް ބަލާ ބޭރަށް ވައްޓައިލާކަށް ވެސް ހިތެއް ނުމެރުހުނު?
!!Happy for you, Sulaimaan
ޢިބުލީހާ!ސުލައިމާނު ކަލޯ އަތުކޮޅަށް ނަގައި ބިންމައްޗަށް ޖެހިހައި ބާރަށް، ވަރުގަދަ ގުޅަމަތިހިފާ ފަހުލަވާނަކު އަނެއް ފަހުލަވާނަކު ނަގައި ބިންމައްޗަށް ވެސް ނުޖެހޭނެ.އޮންނާނެ އުޑުގައި ހުރި ތަރިތައް ރޯމާ ދުވާލު ފެންނަ ވަރު ކޮށްލައިފަ! ދެން ބޮނދާ އޮވޭ..
މިރޭގެ ބައި މާ ކުރުހެން ހީވަނީ ☹️