ފުސްބިއްލޫރި (8)

(24 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)

'އާނ، ވަރަށް ރީތި. ސޯފިއާގެ ކުރެހުމެއް ގަތިން." ޒަނީން ބުންޏެވެ.

"ކީއްކުރަން؟ ޒަނީނަށް އަހަރެން އެކުރެހުން ދިނީމުސް..." އޭނާ އުފަލުން ހިނިތުންވެލިއެވެ.

"ޝުކުރިއްޔާ. ދެން ފަހަރަކުން." ޒަނީން ވެސް އިނީ މަޖާ މޫޑެއްގައެވެ.

"އިތުރު ކުރެހުމެއް ގަތިންތަ؟" ސޯފިއާ އެހިއެވެ. އެމީހުން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.

"ހަ ކުރެހުން ގަތިން. އެއް އާޓިސްޓެއްގެ ހަތަރު ކުރެހުމާއި އެހެން ދެ މީހެއްގެ ދެ ކުރެހުން." ޒަނީން ބުންޏެވެ.

"އެއް އާޓިސްޓެއްގެ ހަތަރު ކުރެހުމޭ؟" ސޯފިއާ ހައިރާންވިއެވެ. "އެ ނަސީބުވެރިއަކީ ކާކުބާ؟"

"އެއީ އުއްމު މަރިޔަމް. އޭނާގެ އަށް ކުރެހުން ގަތީމުސް. އެކަމަކު އެތަނަށް ވަދެވުނު އިރު ހަތަރު ކުރެހުން ހުރި ވިކިފައި."

"އާހ!"

"އެކަހަލަ މޮޅު ކުރެހުމެއް ނުފެންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ." ޒަނީން ބުންޏެވެ. "މިދިޔަ ފަސް އަހަރުތެރޭ ހުރިހާ މައުރަޒަކަށް ދިޔައިން. ހުރިހާ ފަންނާނުންގެ މަސައްކަތް ދުށިން. އެކަމަކު މީ ތަފާތު ކުއްޖެއް." ޒަނީން ތައުރީފު އޮއްސާލިއެވެ.

"ތިބުނާހާ މޮޅު ކުއްޖެއް ނޫން އެއީ. އޭނާގެ މަސައްކަތްވެސް ރަނގަޅު. ހަމައެގޮތަށް އެހެން ކުދީންގެ މަސައްކަތް ވެސް މޮޅު." ސޯފިއާ އިނީ ހިތް ހަމަނުޖެހިފައެވެ.

"ތިވާހަކަޔާ އެއްބަސްވެވޭކަށް ނެތް. ވަރަށް އެއްގޮތް ކުރެހުންތައް ހުރީ. އުފެއްދުންތެރި ކަން ފާހަގައެއް ނުކުރެވޭ. އަމިއްލަ ޚިޔާލުގެ ކުރެހުންތައް އެހައި މަދު. އުއްމު މަރިޔަމް ތަފާތު. އޭނާގެ މަސަައްކަތް ވަރަށް މޮޅު. އޭނާއަކީ މަޝްހޫރު މީހަކަށް ވާނެ."

ސޯފިއާ އިނީ އަދިވެސް ނުރުހިފައެވެ.

"އަދި މާގިނައިރެއް ނުވޭ އަހަރެންގެ ކުރެހުމަށް ތައުރީފުކުރިތާ."

"އާނ، އެ ކުރެހުން ރީތި." ޒަނީން ބުންޏެވެ. އެކަމަކު އުއްމު މަރިޔަމްގެ މަސައްކަތް ލާމަސީލު. އޭނާ މަސައްކުރަނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ. ހޭދަކުރަނީ ކިހައި ވަގުތެއް ކަމެއް ނޭނގޭ. އެކަމަކު އޭނައަށް ލިބިފައިވާ ހުނަރު އެ މަސައްކަތުން ފެނޭ. ބައެއް މީހުންނަކީ އުފަންވާއިރުވެސް ހުނަރުވެރީން. އޭނާއަކީ އެފަދަ ކުއްޖެއް."

ސޯފިއާ ހިމޭނުން އިނެވެ.

"ސޯފިއާ، އަހަރެން ހިތަށް އަރާ އަަހަރެންގެ ޕްރޮޖެކްޓްގައި ބައިވެރިވާން އޭނާއަށް ދައުވަތު ދޭން. އަހަރެންގެ ސިކުނޑީގައި ހުރި އެއްޗެއް ކަރުދާހަށް ގެނެވޭނީ އޭނާއަށް." ޒަނީން ބުންޏެވެ.

'އެކަމަކު އޭނާއަކަށް ޓެކްސްޓައިލް ޑިޒައިނާ ބެހޭގޮތުން އެކައްޗެއްވެސް ނޭނގޭނެ." ސޯފިއާ ދެކޮޅު ހެދިއެވެ.

"އެއީ މައްސަލައެއް ނޫން. އޭނާއަކީ އާޓިސްޓެއް. ކުލައާއި ސްޓައިލް އެނގޭ ކުއްޖެއް. ޓެކްސްޓައިލް ޑިޒައިން އަކީ އޭނާއަށް ލިބޭނޭ އިތުރު ކުރިއެރުމެއް." ޒަނީން ބުންޏެވެ. "އޭނާއާ އަހަންނާ ބައްދަލުކޮށްދީ، ނުވަތަ އޭނާއާ ގުޅޭނޭ ނަންބަރެއް ދީ. އަނެއްކާ އޭނަ ދަންނަންތަ؟"

"އާނ، ދަންނަން. އޭނާގެ މަސައްކަތް މޮޅުކަން ވެސް އެނގޭ. އެކަމަކު އެއީ ވަރަށް ފާޑެއްގެ ކުއްޖެއް. މޮޅުވީމާ ތިމާއަށް ތިމާ ފެނިފަ ހުންނަ ކުއްޖެއް އެއީ. ވަރަށް ބޯހަރުވާނެ. ޒަނީން އޭނައަށް ތައުރީފުކުރާ ގޮތަށް ކޮލެޖުގެ ހުރިހާ ޕްރޮފެސަަރުން އަބަދު އޭނާއަށް ތައުރީފުކުރާނެ. މިހާރު އޭނައަށް އެނގޭ އަހަރެމެން އެންމެންނަށްވުރެ އޭނާގެ މަސައްކަތް ރީތިކަން. އެހެންވީމާ އެކަމާ ބޮޑާވެފައި މިހާރު ހުންނަނީ. އޭނަގެ މަސައްކަތް ވެސް ރަނގަޅުވާނެ. އެކަމަކު ރީތި އަޚުލާގާއި މީހުންނާ އިހުތިރާމްކުރުމާ ގުޅޭ އެކައްޗެއްވެސް ދަންނަ ކުއްޖެއް ނޫން އެއީ." އުއްމު މަރިޔަމަކީ ކާކުން ސޯފިއާ ވަރަށް ރަނގަޅަށް ޒަނީނަށް ކިޔައިދިނެވެ.

ޒަނީން ހިނިތުންވެލިއެވެ. "ކޮންމެ މޮޅު ފަންނާނެއްގެ ވެސް ހުންނާނެ އެކަހަލަ ގޮތެއް. ލަވަކިޔުންތެރިޔަކަސް، އެކްޓަރަަކަސް، ކުރެހުންތެރިޔަކަސް ރުންކުރު ގޮތެއް ހުންނާނެ. އެއީކީ މައްސަލައެއް ނޫން. މަރިޔަމް އަކީ ރުންކުރު ކުއްޖެއްކަމަށް ގަބޫލުކޮށްފިން. އޭނާއާއެކު މަސައްކަތް ކުރަން އަހަންނަށް އެނގޭނެ."

"އޭނައަކީ ތިހީކުރާހާ މޮޅު އާޓިސްޓެއް ނޫން. އެކަމަކުވެސް އޭނަގެ ރުންކުރުކަން ބަލައިގަންނަންޖެހޭތަ؟ އެހެން ނޫނަސް އެންސީއޭގައި އުޅޭ މީހުންގެ އިތުރަށް އޭނާ ދަންނަނީ ކާކު؟" ސޯފިއާ އިނީ ވަރަށް ބޮޑަށް ނުރުހިފައެވެ.

"އެންމެ ރަނގަޅު. އަޑު އިވިއްޖެ! އެކަމަކު އަހަންނާ އޭނައާ ބައްދަލުކުރުވަ ދީ. އެއަށްފަހު ގޮތެއް ނިންމާނީ." ޒަނީން ބުނެލިއެވެ.

"އާނ، މައްސަލައެއް ނެތް. އެކަމަކު އެދުވަހު ޒަނީން ކޮލެޖަށް ދިޔަ ދުވަހު އެހެން ކުދީން ގާތު ޒަނީންގެ ޕްރޮޖެކްޓުގެ ވާހަކަ ބުނީމާ އޭނާ އެއްވެސް ޝައުގުވެރިކަމެއް ނުދައްކާ. އަހަންނަކަށް ހިއެއްނުވޭ ތި ޕްރޮޖެކްޓުގަ މަަސައްކަތް ކުރަން އޭނަގެ ޝައުގެއް ހުރިހެނެއް." އާއިޒާ އާއި މާރިޔާ ގާތު ޒަނީންގެ ޕްރޮޖެކްޓުގެ ވާހަކަ ބުނިދުވަހުގެ ހަނދާން އާވިއެވެ.

"ވެދާނެ. އޭނައާ ބައްދަލުވީމާ ތިއެއް އެނގިދާނެ. މާދަމާ ކޮލެޖަށް ދަންތަ؟"

"އާނ، އާދޭ. އަހަރެން އުޅޭނަން."

***

ޖެހިގެން އައި ދުވަހު ޒަނީން އެންސީއޭއަށް ދިއުމުން ކުރިއަށް އޮތް ތިން ދުވަހުވެސް މަރިޔަމް ކޮލެޖަށް ނާންނާނެ ކަމަށް ސޯފިއާ ބުންޏެވެ. ޒަނީން މާޔޫސްވިއެވެ.

"އޭނާގެ ފޯން ނަންބަރު ލިބުނުތަ؟" އޭނާ ސޯފިއާ ގާތު އެހިއެވެ.

"ނޫން، އޭނަގެ ހުރިހާ ރައްޓެހިން ގާތު އަހައިފިން. އެކަކަށްވެސް އޭނާގެ ނަންބަރެއް ނޭނގޭ.." ސޯފިއާ ބުންޏެވެ.

"މިރޭ މައުރަޒަށް އޭނާ ދާނެހެން ހީވޭތަ؟"

"އެއްގޮތަކަށްވެސް ނޭނގޭ. ހިނގައިވެސް ދާނެ. ނުގޮސްވެސް ހުރެދާނެ."

"ސޯފިއާ ދާނަމެއްނު. އޭނާ ދިޔައިއްޔާ މަށަށް ގުޅާނަންތަ؟ އޭރުން އަހަރެން ދާނަން އޭނައާ ބައްދަލުކުރަން."

"އާނ، މައްސަލައެއް ނެތް." ސޯފިއާ ކޮނޑުއަރުވައިލަމުން ބުންޏެވެ.

މަރިޔަމާ އެރޭ މައުރަޒަކަށް ނުދެއެވެ.

މައުރަޒުގެ ތިންވަނަ ދުވަހު ޒަނީން އޭނާ ގަނެފައި ހުރި ކުރެހުންތައް ނަގަން ގެލެރީއަށް ދިޔައެވެ. އޭނާ ހުރީ އެކުރެހުންތަކަށް ކުރިން ފައިސާ ދައްކާފައެވެ. ކުރެހުންތައް ގެންދެވޭނީ މައުރަޒު ނިމުމުން ކަމަށް އޭނާއަށް އޮތީ އަންގާފައެވެ. ކައުންޓަރަށް ދިއުމުން ކޯޑިނޭޓަރު އޭނާއާ ހަވާލުކުރީ ތިން ކުރެހުމެވެ. އުއްމު މަރިޔަމްގެ އެއްވެސް ކުރެހުމެއް އޭގެތެރެއަކު ނެތެވެ.

"އުމް-މީ ގެ ކުރެހުންތަކަށް ވެސް ފައިސާ ދައްކާފަ ހުންނާނީ." ކައުންޓަރުގައި ހުރި މީހާ ގާތު ޒަނީން ބުންޏެވެ.

"އާނ، ވަރަށް ބޮޑަށް މާފުކުރޭ. އެހެން މީހަކު އެކުރެހުންތައް ގަނެފި. އޭނާގެ ކުރެހުންތައް ގެންގޮސްފި." އެމީހާ ޒަނީނަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. "އެކުރެހުންތައް ގަތް ފައިސާ އަނބުރައި ދޭގޮތަށް..."

"އަހަންނަކަށް ނުވިސްނޭ. އަހަރެން ދިޔައީ އެކުރެހުންތައް ގަނެފަ، ފައިސާވެސް ދައްކާފަ. އެދުވަހު އަހަންނަށް އެންގީ މައުރަޒު ނިމޭ ދުވަހު އައިސް ކުރެހުންތައް ގެންދަން. މިހާރު ތިބުނަނީ އެކުރެހުންތައް އެހެން މީހަކު ގަނެފިއޭ. އަހަރެން ރިފަންޑެއް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ކުރެހުންތައް."

"އެއީ އަހަރެމެންގެ ބެލުމުގެ ދަށުން ހިނގާ ކަމެއް ނޫން." އެމީހާ މާފަށް އެދުނެވެ. "އިއްޔެ އެ އާޓިސްޓު ގުޅާފައި އޭނާގެ ކުރެހުންތަކުގެ މައުލޫމާތު ހޯދި. އަށް ކުރެހުންވެސް ވިކިފައިވާ ވާހަކަ އަހަރެމެން ބުނިން. އަދި އެކަކު ހަތަރު ކުރެހުން ގަތް ވާހަކަ ވެސް ބުނިން. އެއީ ކާކުތޯ އޮޅުންފިލުވަން އޭނާ ބޭނުންވި. ނަން ބުނުމުން އެމީހަކަށް ކުރެހުންތައް ވިއްކަން ބޭނުން ނޫން ވާހަކަ ބުނި. އަނބުރައި ފައިސާ ދީފައި އަލުން ކުރެހުންތައް ވިއްކުމަށް ނުވަތަ އޭނާާއަށް ރައްދުކޮށް ދިނުމަށް އެދުނު. ވިކިފައި ކަމަށް ލިޔެފައި ހުރި ނޯޓުތައް ނަގާއިރަށް އެހެން މީހަކު އައިސް އެކުރެހުންތައް ގަނެފި. ވަރަށް ބޮޑަށް މާފަށް އެދެން. އެކަމަކު އާޓިސްޓުގެ ހުއްދަޔަކާ ނުލައި އޭނާގެ ކުރެހުމެއް ނުވިއްކޭނެ."

"އަހަރެންގެ ނަން ބުނީމާ އޭނާ އަހަންނަށް ކުރެހުންތައް ވިއްކަން ބޭނުންނުވީތަ؟" ޒަނީނަށް ލިބުނީ ބޮޑު ޝޮކެކެވެ.

"އާނ، ރަނގަޅަށް ތިބުނީ."

"އޭނާގެ ފޯން ނަންބަރު ލިބިދާނެތަ، އަހަރެން ގުޅައިލަން؟" ޒަނީން އެހިއެވެ.

"އޭނާގެ ނަންބަރެއް ނެތް. ކަމެއް ބޭނުން ވެއްޖެއްޔާ އޭނާ އަމިއްލައަށް ގުޅާނެ." އެމީހާ ޒަނީނަށް ސިޓީ އުރަ ދީފައި އެހެން ކަސްޓަމަރަކާ ވާހަކަ ދައްކަން ފެށިއެވެ.

ޒަނީން މާޔޫސްވެފައި ހުރެ ގެލެރީން ނުކުތެވެ. އެކަމާ މެދު ވިސްނަމުން ކާރު ޕާކާ ދިމާއަށް ހިނގަންފެށިއެވެ. "އެ އާޓިސްޓަށް އަހަރެން އެނގެނީބާ؟؟ އޭނާ ނުރުހޭ ކަމެއް އަހަންނަށް ކުރެވުނީބާ؟"

ކުރެހުންތައް ބަހައްޓަން އޭނާ ކާރުގެ ފަހަތު ދޮރު ހުޅުވި ވަގުތު ސީޓުގައި މެނީލާ ފޯލްޑަރެއް ފެނުނެވެ. ސީޓުގައި ފޯލްޑަރެއް ބޭއްވި ހަނދާނެއް އޭނާ ނުވެއެވެ. ކުރެހުންތައް ސީޓުމަތީ ބަހައްޓާފައި ފޯލްޑަރު ނަގައިގެން އޭނާ ޑްރައިވަރު ސީޓަށް އެރިއެވެ. ފޯލްޑަރު ހުޅުވާފައި ރީތި ކުލަތަކުންް ޑިޒައިން ކޮށްފައި ހުރި ޕެޓާންތައް ނަގަމުން ދިޔައެވެ. ޒަނީން އިނީ ބުނާނެ އެއްޗެއް ނޭނގި އާގަމަ ވެފައެވެ. މިކުލަތަކާއި ކުދިކުދި ތަފްސީލުތަކަކީ ޕްރޮޖެކްޓަށް އޭނާ ބޭނުންވާ ޕެޓާންތަކެވެ. އެއީ އޭނާގެ ސިކުނޑީގައި ހުރި ޑިޒައިންތަކެވެ. އެކަމަކު އެއަށްވުރެ މާ ފުރިހަމައެވެ. ފަރުވާތެރިކަމާއެކު ވަކިވަކީން ކޮންމެ ޕެޓާނެއް ބެލުމަށްފަހު ފޯލްޑަރު ލައްޕައިލިއެވެ. އަދި ފުން ނޭވައެއް ލާފައި ކާރު ދުއްވައިލިއެވެ. އެއީ ކޮން ފޯލްޑަރެއް ކަމެއް ކާރުގައި ފޯލްޑަރު ބޭއްވީ ކާކު ކަމެއް އަދި އެއީ ކާކުގެ މަސައްކަތެއް ކަމެއް، އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އެމީހަކު ހޯދަންޖެހޭ ކަމެވެ. މީގެ ކުރިން އެ ފޯލްޑަރު ފެނުން ހަނދާނެއް ވެސް ނުވެއެވެ. ކާރަށް އެރި ހަމައެކަނި މީހަކީ ސޯފިއާއެވެ. އެއީ ސޯފިއާގެ މަސައްކަތް ނޫންކަން އޭނާއަށް ޔަގީނެވެ. އޭނާ ބޭއްވި އެއްޗެއް ނަމަ އެވާހަކަ ބުނީހެވެ.

ގޭގައި އުޅޭ މީހަކަށް އެ ފޯލްޑަރާ ބެހޭ މައުލޫމާތެއް އެނގިދާނެއޭ އޭނާގެ ހިތަށް އެރިއެވެ. ގެއަށް ވަދެފައި އޭނާ ސުވާލުކުރިއެވެ. ދޮރުވާނު ދިން ފޯލްޑަރެއް ކާރުގައި ބޭއްވިކަމަށް ކައްކާ މީހާ ބުންޏެވެ.

"ހަނދާން ނެތުނީ ބުނަން." އޭނާ ބުނެލިއެވެ. "އެއީ އެއްކަލަ ދުވަހު ހެނދުނު ގެއަށް އައި އަންހެން ކުއްޖާ ދޮރުވާނު އަތަށް ދިން އެއްޗެއް."

"އަންހެން ކުއްޖެކޭ؟ ކޮން ކުއްޖެއް؟" ޒަނީން ރުންކުރުވިއެވެ. ކުއްލިއަކަށް އޭނާ ހަނދާން ވިއެވެ.

"އޯހ، އޮފީހުން އަހަންނާ ބައްދަލުކުރަން ބުނި ކުއްޖާތަ؟ މަރިޔަމް؟"

"އާނ."

"މަރިޔަމް... އުއްމު މަރިޔަމް..." ވެގެން އުޅޭގޮތް ވިސްނެންފެށިއެވެ. އޭނާ ސޯފާގައި އިށީނެވެ. މަރިޔަމްގެ ކުރެހުންތައް އޭނާއަށް ވިއްކާން ދެކޮޅު ހެދި ސަބަބު މިހާރު އެނގިއްޖެއެވެ. ޕްރޮފެސަރ ޢަައްބާސް މަރިޔަމަށް އެވަރަށް ތައުރީފު ކުރިއެވެ. އޭނާގެ މޮޅު ވާހަކަ ދެއްކިއެވެ. "ހާދަ ދެރަގޮތެކޭ މި ދިމާވީ." އޭނާ ހިތާހިތުން ބުނެލިއެވެ. މަރިޔަމްގެ ޝައުގުވެރިކަމެއް ނެތްކަމަށް އޭނާއަށް ހީވިހީވުމަކީ އޭނާގެ ފާޑެވެ. އަހަރެން ބުނި ހުރިހާ އެއްޗެއް އޭނާއަށް ރަނގަޅަށް ދޭހަވެއްޖެއެވެ. އޭނާ އަހަރެންގެ ވާހަކަ ހަމައެކަނި އަޑު އެހީއެއް ނޫނެވެ. ކޮންމެ ލަފުޒެއް ވަރަށް ރަނގަޅަށް އެނގުނެވެ. ސުވާލުނުކުރީ ކުރާނެ ސުވާލެއް ނެތީމަައެވެ. އަހަރެން ބޭނުންވި ގޮތް ވަރަށް ފުރިހަމައަށް އެނގުނީމައެވެ. މި ފޯލްޑަރުގައި މިހިރީ އަހަރެންގެ ޚިޔާލުތަކެވެ. ޕްރޮޖެކްޓުގެ އިތުރު ތަފްސީލު ނާހައި އުޖޫރައިގެ ވާހަކަ ދެއްކީ އަމިއްލަ ނަފްސަަށް އޮތް އިތުބާރު ބޮޑުވީމައެވެ.

"ޒަނީން، ކަލޭ ތިީ ބޮޑު މޮޔައެއް." އޭނާ ވައި އަޑުން ބުނެލިއެވެ.

(އަށްވަނަ ބާބު)

"އަހަރެން ވަރަށް އަވަހަށް ޕާކިސްތާނަށް ފުރާނަން." ކެތަރިން ސިިހިފައި އިސްއުފުލައިލިއެވެ. އޭނާއަށް އަޑުއިވުނު ވާހަކަ ޔާގީންނުވާ ކަހަލަ ގޮތަކަށެވެ. މަޒްހަރު މި ދެތިން ހަފްތާއަކު އިމްތިހާނަށް ތައްޔާރުވާށެވެ. ދެމީހުން މިދިމާވީ އެތައް ދުވަހެއް ކޮށްފައެވެ. ކުއްލި ޚަބަރުން އޭނާގެ ހިތުގައި ރިއްސަން ފެށިއެވެ. "ޕާކިސްތާނަށް؟"

"ކުޑަ ދުވަސްކޮޅަކަށް. އަންނާނަން ދެތިން މަސް ފަހުން."

އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދިން ނަަމަވެސް އެއީ އޭނާ މާ ގަޔާވާ ޖަވާބަކަށް ނުވިއެވެ.

"ކީއްކުރަން ދަނީ؟"

"ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި..." އޭނާ ކެތަރިން އާ ހަތަރުކަޅި ހަމަކުރިއެވެ. "އަަދި އަހަރެންގެ ކާވެންޏާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅަންވެސް ޖެހޭ." މަޒްހަރް ބުންޏެވެ. ކެތަރިން އިނީ ނޭވާ ހާސްވެފައެވެ. އޭނާއަށް ފިނިވާން ފެށިއެވެ. އޭނާގެ މައިބަދައިގެ ތެރެއިން ފިނިފިނި އޮއިވަރެއް ދައުރުވިއެވެ. އަތް ތުރުތުރު އަޅަންފެށިއެވެ. ކޮފީތަށި ބެހެއްޓިއެވެ. ހާސްވެފައި އިންކަން މަޒްހަރަށް ދައްކާން ބޭނުން ނުވީއެވެ. ދުރަށް ބަލަހައްޓައިގެން އިނދެ ހަމައަކަށް އެޅޭތޯ ބެލިއެވެ.

"އޭނާ އަހަންނާ ކާވެނިކުރާނެޔޭ އަހަންނަށް ހީވީ ކީއްވެހެއްޔެވެ؟ ކާވެނީގެ ވާހަކައެއް ދުވަހަކުވެސް ނުދައްކައެވެ. އިންނާކަށް ނާހައެވެ. ކާވެނީގެ ޚިޔާލު އަހަންނަށް އައީ ކިހިނެއްހެއްޔެވެ؟" އޭނާ ވިސްނާން މަސައްކަތް ކުރިއެވެ. އަދި ހިތަށް ވެރިވަމުން ދިޔަ ބިރުވެރިކަން ފިލުވަން މަސައްކަތް ކުރަމުން ދިޔައެވެ. މަޒްހަރަށް ތަހުނިޔާ ނުކިޔާ ހަނދާންވީ ދެނެވެ.

"ތަހުނިޔާ." ކުރަކި ވެފައިވާ އަޑަކުން އޭނާ ބުންޏެވެ. ހިނިތުންވާން މަސައްކަތް ކުރަމުންނެވެ.

"ކޮންކަމަކަށް؟" މަޒްހަރު ހައިރާންވެފައި އެހިއެވެ.

"ކާވެންޏަށް ޕާކިސްތާނަށް ދާ ވާހަކަ ބުނީމަ."

މަޒްހަރް ކަޅިޖަހައިނުލައި ކެތަރިންއާ ދިމާއަށް ބަލަން ފެށިއެވެ. އެ އިޝާރާތުން ކެތަރިން ހައިރާންވިއެވެ. އޭނާއަށް މަޒްހަރު ބުނި އެއްޗެއް އޮޅުނީބާވައެވެ؟ ދެމީހުން ކުރެ މީހަކު އަނގައިން ނުބުނެ އިރުކޮޅަކު ތިއްބެވެ.

ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ މަޒްހަރެވެ. "އަހަރެން ޕާކިސްތާނަށް ދަނީ ކާވެނިކުރާށޭ ބުނީ ކާކު؟"

"ކާވެންޏާ މެދު ގޮތެއް ކަނޑައަޅަން ޕާކިސްތާނަށް ދާ ވާހަކަ ބުނީ މަޒްހަރެއްނު." ކެތަރިން ބުންޏެވެ.

"ކެތަރިން އެލެގްޒެންޑަރ ބްރައުން، ކާވެންޏާ މެދު ގޮތެއް ކަނޑައެޅުމާއި ކާވެނިކުރުމާއި އެއީ ތަފާތު ދެކަންތައް." ލަސްލަހުން ފަހަރަކު ނަމެއް ތަލައްފުޒު ކުރަމުން އޭނާ ބުންޏެވެ. "އަހަރެން މިދަނީ ކެތަރިން އާ ކާވެނިކުރަން މައިންބަފައިންނާ ވާހަކަ ދައްކަން ކަމެއް ނޭނގޭތަ؟" އޭނާ އެހިއެވެ.

"މައްސަލައެއް ނެތް." އޭނާ އެއްޗެއް ބުނޭތޯ މަޒްހަރު އިނީ އަދިވެސް އޭނާއަަށް ބަލަހައްޓައިގެންނެވެ.

"އަހަންނަށް ކިހިނެއް އެނގެނީ؟ މަޒްހަރު ދުވަހަކުވެސް އަހަންނާ ކާވެނީގެ ވާހަކައެއް ނުދައްކަމެއްނު، އިންނާކަށް ވެސް ނާހަމެއްނު؟ އެހެންވީމާ އަހަންނާ އިންނާން ބޭނުންވެގެން އުޅޭ ކަމެއް ކިހިނެއް އެނގެނީ؟"

"އޯހ! އިންނާކަށް ނާހަންތަ ދުވަހަކުވެސް؟ އެންމެ ރަނގަޅު." މަޒްހަރު ކަކޫ މައްޗަށް ތިރިވިއެވެ. ރަސްމީކޮށް ކާވެންޏަށް އެހިއެވެ. "ކެތަރިން އެލެގްޒެންޑަރ ބްރައުން، އަހަންނާ އިންނާނަންތަ؟"

ކެތަރިން ޖަވާބެއް ނުދެއެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރެފައި ހޭން ފެށިއެވެ. މަޒްހަރު ކަންތައް ކުރިގޮތް އޭނާއަށް ވީ ހެއްވާ ކަމަކަށެވެ.

މަޒްހަރު އޭނާގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވެ އިނެވެ. "އަހަންނާ އިންނާނަންތަ، ކެތަރިން؟" އޭނާ އަނެއްކާ އެހިއެވެ.

ކެތަރިން އަށް އަދިވެސް ހެވެނީއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

"ކަމަނާގެ ކާވެންޏަށް އެދި މިއަހަނީ، އަހަންނާ އިންނާނަންތަ؟" މަޒްހަރު އިނީ އަދިވެސް ކަކޫ މަައްޗަށް ތިރިވެއެވެ.

ކެތަރިން އަވަސްއަވަހަށް ކަރުނަ ފޮހެލާފައި މަޒްހަރްގެ އަތުގައި ހިފިއެވެ. އަދި ވައި އަޑުން ބުނެލިއެވެ. "އާނ."

"މީ ހާދަ ބޮޑު ޝަރަފެކޭ." މަޒްހަރް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.