ޖަލުގެ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ޙައްލެއް ހޯދައިދޭނަން: މިނިސްޓަރ

އަންނަ އަހަރު ނިމިގެންދާއިރު ޖަލުގެ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯއްދައިދެއްވާނެކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ 58 ގައިދީއަކު ދޫނިދޫގައި އެބަތިބި ކަމަށާއި އެމީހުން އެތާ ތިބީ ޖަލުތައް ފުރިފައިވުމުން ކަމަށް ފުލުހުން ވިދާޅުވެފައިވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތައް ފުރިގެން ގައިދީން އެގޮތަށް ތިބުމަކީ އެއްގޮތަކަށް ވެސް ބޭނުންފުޅުވާގޮތް ނޫންކަމަށެވެ. އެހެން ދިމާވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެކަށީގެންވާ ޖާގަ ނެތުމުންކަމަށާއި، އެތަނިގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ ގޮތުގައި ހުރީ 1300 އެއްހާ ޖާގަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިވަގުތުވެސް ޖަލުތަކުގައި ދެހާހެއްހާ މީހުން ބަންދުކޮށްފައި އެބަތިބިކަމަށާއި، އެއީ ހައްލެއް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލުގެ ޖާގައިގެ ދަތިކަން ފިލުވުމަށްޓަކައި ފާއިތުވި 10 އަހަރުކޮށްފައި ނުވާވަރުގެ ގިނަ މަސައްކަތްތަކެއް މިއަހަރުގެ އެކަނި ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް ވަނީ ކުރިން ބޭނުން ނުކުރެވޭ ހާލަތުގައި ހުރި 180 މީހުންގެ ޖާގަ ޖަލުތަކުގައި ބޭނުންކުރެވޭ ރަނގަޅު ހާލަތަކަށް ގެނެސްފައެވެ. އަދި ބިދޭސީންނަށް ޚާއްޞަ 60 މީހުންގެ ޖާގައިގެ ތަނެއް މުޅިން އަލަށް ހުޅުމާލޭގައި ހަދާފައެވެ.

" ކުރިއަށްއޮތް އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެންދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. މިއަންނަ އަހަރު އިރާދަކުރެއްވިޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. " މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.