މާލީގޮތުން ތަނަވަސް އަފުރާދުން ގައުމަށް ފައިދާހުރި ކަންކަމަށް ހޭދަކުރަންޖެހޭނެ ކަމަށް ހޯމްމިނިސްޓަރ އަހުމަދު އަޒުލީން ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނޫ ވިދާޅުވީ އޭގެ އިތުރަށް އިލްމީ ގާބިލްކަންހުރި އަފުރާދުން ގައުމު ކުރިއަރުވާ ތަމައްދުންކޮށް ތަހުޒީބު ކުރުމަށްޓަކައި ސިކުނޑީ ތަކުގެ ބޭނުންވެސް ކުރަންޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުތަކަށް ތަރައްގީއާއި ތަމައްދުން ލިބިގެން އަންނަނީ ގައުމުތަކުގައި އޮންނަ އަމާންކަމާއި އޮމާންކަމުގެ ތެރެއިން ކަމަށާއި، ވަކިބައެއްގެ ނާޖާއިޒު ބޭނުންތައް ފުއްދައި ދިނުމަށްޓަކައި ދިވެހި ރައްޔިތުން އެކަންކަމަށް އިޖާބަދީގެންނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޭހގެ ބަދަލުގައޮ ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ މަސްލަހަތަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތު އިސްކުރަންކެހޭނެ ކަމަށްވެސް އަޒުލީން ވިދާޅުވިއެވެ. އަދުއްވުންގެ ހަމަލާތަކުން ގައުމު ދިފާއު ކުރުމަށްޓަކައި ޖެހިލުން ނުވުމަށާއި، އެފަދަ ވަގުތެއްގައި ތިމާނޫން އެހެންމީހަކު ނެތަސް ގައުމު ދިފާއުކުރުމުގައި ކެރިގެން ސާބުތުކަމާއެކު ކުރިމަތި ލާންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމަށް ޚިދުމަތް ކުރުމަކީ މީހަކު ބުނެގެން ކުރަންޖެހޭ ކަމެއްނޫން ކަމަށެވެ. އެއީ ހުއްބުލްވަތަނުގެ ލޯބީގައި ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
ޝަހީދުންގެ ދުވަހުގެ ބަތަލް ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވަމުން ވަޑައިގެންނެވިއިރު އެމަނިކުފާނަށް ރުކުރާ ފޮދެއް އަރުވަން ރައިވެރިބޭ ގާތުބު ބުނިއެކަކުވެސް ނެތްކަމަށާއި އެހެންނަމަވެސް ރައިވެރިބޭ އަމިއްލައަށް އެކަމަށް އިސްނަގައިގެން ކަނޑުފަތާފައި އައިސް އަލިރަސްގެފާނަށް ރާފޮދު އެރުވީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން ގައުމަށް ޚިދުމަތްކޮށްދޭން ބޭނުން ކަމަށްވާނަމަ ލިބިފައިވާ ގާބިލިއްޔަތާ އެއްވަރަކަށް ގައުމަށް ޚިދުމަތްކޮށްދެއްވުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.