ޤައިދީންނާމެދު އޮފިސަރުން ޢަމަލު ކުރަންވާނީ ހެޔޮމަގު ތައްދައްކާ ބައެއްގެ ގޮތުގައި: މިނިސްޓަރ

ޖަލުގައި ބަންދުކޮށްފައި ހުންނަ މީހާއާމެދު ޖަލު ބަލަހައްޓާ މީހުން ނުވަތަ އޮފިސަރުން ބަދަލުވާންޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ މީހަކު ޖަލަށް ވަންނާނީ މަދުފަހަރެއްގައި ނޫނީ ކޮންމެވެސް "ވިޔާނުދާ ކަމެއް" ކޮށްގެން ކަމަށެވެ. އެހެންނަމަވެސް އެމީހާއަކީ އިސްލާޙު ވެފައިވާ މީހެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށްޓަކައި "ތިޔަބޭފުޅުން (ޖަލު ބަލަހައްޓާ ބޭފުޅުން) އެމީހުންނާމެދު ޢަމަލުކުރަންވާނީ ހެޔޮމަގުދައްކާ ބައެއްގެ ގޮތުގައި" މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ48  ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޖަލު ބަދަލު ކުރުމަށްޓަކައި އެންމެ ބޮޑު ބަދަލެއް އަންނަން ޖެހެނީ ވެސް އޮފިސަރުންގެ ވިސްނުމަށް ކަމަށެވެ.  "ތިޔަ ބޭފުޅުންގެ ވިސްނުމަށް އެބަދަލު އައިސްގެން ނޫންގޮތަކަށް މިކަން ވާކަށްނެތް. ސަރުކާރުގެ ސިޔާސަތު ކިތަންމެ ރަނގަޅަށް އޮތަސް އެކަން ތަންފީޒުކުރަން ތިބޭބަޔަކީ ތިޔަ ބޭފުޅުން. ޖަލުގައި މީހުން ބަންދުކުރުމުގައި އަޅުގަނޑުމެން މިގެންގުޅޭ ފަލްސަފާ ތިޔަ ބޭފުޅުން ބަލައިގަންނަން އެބަޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ބަލައިގަންނަ އަދި ޤަބޫލުކުރާ ފަލްސަފާއެއް އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. "ކުށްކުރާމީހުން، ޖަލުގައި ބަންދުކުރަން ޖެހޭ ސަބަބަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އިތުރު ގޮތެއް ނޯންނާތީ މުޖުތަމަޢު ސަލާމަތްކުރުމަށާ އަދި އެފަދަ މީހުން އިސްލާހުކޮށް ކުށް ތަކުރާރު ނުކުރާ ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައަށް ގެނައުން. ކުށްކުރާ މީހުން ޖަލުގައި ބަންދުކުރަނީ އެމީހުންނާމެދު އިހާނެތި ޢަމަލު ހިންގާކަށް ނޫން. އަނިޔާވެރި އަމަލުހިންގާކަށް ނޫން،" ސަރުކާރުގެ ފަލްސަފާއާ ބެހޭގޮތުން އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކާމިޔާބީ މިންކުރުމަށް އެމަނިކުފާނު ބައްލަވާ މިންގަނޑަކީ ޖަލުގޮޅިގައި ބަންދުކުރެވިފައި ތިބޭ މީހުންގެ އަދަދު ނޫންކަމަށެވެ. އެކަމުގައި އެމަނިކުފާނު ބައްލަވާ މިންގަނޑަކީ އަޅުގަނޑު އެކަމުގައި ކުށް ސާބިތުވެގެން ޖަލަށް ގެނެވޭ މީހުންގެ ތެރެއިން އިސްލާޙުވުމަށްފަހު ޖަލުން ނިކުމެ ކުށް ތަކުރާރު ނުކުރާ މީހުންގެ ނިސްބަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "ޙުކުމް ތަންފީޒުކުރުމަށްފަހު ޖަލުން ނުކުންނަ މީހާ އިސާހިތަކު އެއަށްވުރެ ބޮޑުކުށަކަށް އަރައިގެން އެނބުރި ޖަލަށް އަންނަކަމަށް ވާނަމަ އޭގެ މާނައަކީ ޖަލުގައި އޭނާ އިސްލާޙުކުރުމުގެ ބަދަލުގައި އޭނާ ޖަލުން ނެރުނީ ކުރިއަށްވުރެ ބޮޑު ކުށްވެރިއަކަށް ހަދާފައޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.