ފުސްބިއްލޫރި - 31

(28 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން މީ ކަލޭގެ ކާކުކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަންނަކީ ކަލެއަށް ރައްކާތެރިކަން ހޯދައިދިން ނިވައިފައްގަނޑު؛ އަބުރުވެރި އަންހެެނެއްގެ ތަސްވީރު ކުރަހައިލަ ދިން މީހާ. "ހާދަ ރަނގަޅު އަންހެނެކޭ؟" އެންމެން ބުނޭ "އޭނާގެ ޒުވާން އުމުރު ހޭދަކުރީ އެހެން މީހެއްގެ ދަރިއެއް ބަލައި ބޮޑުކުރަން." މިހާރު އަހަރެން ބޭނުންވަނީ އެންމެންނަށް ކަލޭގެ ހަގީގަތް އެނގެން. އެހެން މީހެއްގެ ދަރިއެއް ބަލައިބޮޑުކުރަން ޒުވާން އުމުރު ހޭދަކުރި. މުސްކުޅި އުމުރުގައި އެ ކުއްޖާގެ ފިރިމީހާއާއި ކާވެނިކޮށް އޭނާގެ ދިރިއުޅުން ބަރުބާދުކޮށްފި. ކަލޭ އަހަރެން ދެކެ ދުވަހަކުވެސް ލޯތްބެއް ނުވޭ. ކަލޭ އަހަރެން ބަލައިބޮޑުކުރީ ކަލޭގެ އެކަނިވެރިކަން ފިލުވަން. ގެންގުޅުނު ޖަނަވާރުންނާ އަހަންނާ ވަކި ތަފާތެއް ނެތް... އެހެންތާ ވާނީ، ވާހަކަ ދައްކާ ޖަނަވާރެއްވެސް ބޭނުންވާނެތާ!"

"އަހަރެންގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވީ އަހަރެން ކުޑައިރު އެކަންޏެއް ނޫން. ފަހުންވެސް... ޒަނީނަކީ ޒުވާނެއް. ރީތި ފިރިހެނެއް. މުއްސަންޖެއް... އެހެން ނޫން ނަމަވެސް ކަލެއަކަށް މައްސަލައަކަށް ނުވާނެ. އަހަރެން އެހެން މީހަކާ އިން ނަމަ އެ މީހަކު ވެސް މަޅީގައި ޖެއްސީސް. ކަލޭ ހީކުރީތަ އަހަރެން އަނގައިން ނުބުނެ ހުންނާނެއޭ. އަހަންނާ ދޭތެރޭ ހެޔޮކޮށް ކަންތައް ކުރީތީ ކަލެއަށް ދަރަނިވެރިވެފައި އޮންނާނެއޭ ހީވީތަ؟ ހުދު ޗާދަރެއް ގައިގައި އޮޅައިގެން ހުރެ އަހަރެންެގެ ފިރިމީހާއާއެކު އުފަލުގައި އުޅެން ދޫކޮށްލައިގެން ހިމޭނުން ހުންނާނެއޭ ހީކުރެވުނީތަ؟ ކޮންމެ ކަމެއްވެސް ގުރްބާންކުރަން ޖެހޭނެކަމަށް އަހަންނަށް ކިޔައިދިނީ އެހެންވެތަ؟ އަހަރެންގެ ފިރިމީހާ ޖަހައިގަނެގެން ދާއިރު އަހަރެންގެ އަމިއްލަ ނަފްސު ގުރްބާންކުރާނެއޭ ހީވީތަ؟ ހިލާ އެހެންވިޔަކަ ނުދޭނަން. އަތުގެ އިނގިލި ތަކުގެ ދޭތެރެއިން ދޮންވެލި ފައިބައިގެން ދާހެން އަހަރެންގެ އަތުން ނަސީބު ބީވިޔަދޭން ފުރުސަތު ދޭނެ މީހެއް ނޫން އަހަންނަކީ. ޒަނީން ދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަރެންގެ ތަގްދީރުގައިި އޭނާގެ ނަންވަނީ ދާއިމަށް ލިޔެވިފައި...  އަހަރެންގެ އެކަނި މީހެއް އެއީ! އޭނާ އެހެން މީހަކާއެކު ދިޔަކަ ނުދޭނަން."

"ކޮންމެހެން ރޯނެ ކަމެއް ނެތް. މިތަނުން ދުރަށްދޭ. ދުވަހަކުވެސް..." ތޫފާނެއްހައި ހަލުވިކޮށް އެގެއިން ނުކުމެގެން ގޮސް އޭނާ ކާރަށް އެރިއެވެ.

މަރިޔަމްގެ ބޮލުގައި ރިއްސަން ފެށިއެވެ. "މި އަންހެން މީހާއަކީ އަހަރެންގެ ކުރިމަތީގައި އެއްވެސް އަގެއް އޮތް މީހެއް ނޫން... އެކަމަކު ޒަނީން... އޭނާއަކީ އަހަރެންގެ ފިރިމީހާ، އަހަރެންގެ ދަރިފުޅުގެ ބައްޕަ... އަހަންނާ މެދު މިގޮތަށް ކަންތައް ކުރަން އޭނާއަށް ކެރުނީ ކިހިނެއް؟ އަހަންނާ މެދު އެންމެ ފަހަރަކުވެސް ވިސްނައިނުލަނީތަ؟ ދީނަށްޓަކައި އުފެދުނު ލޯބިން އޭނާގެ ލޯ ކަނުވީތަ؟ އެ މުސްކުޅި މީހާއާ އިނީ ކީއްވެބާ؟ އޭނާގެ ލޯ އަނދިރިވީތަ؟ ނޫނީ ހައްޖަށް ގެންދާން ވެގެން އިނީތަ؟ އޭރުން އޭނަގެ މަހްރަމަކަށް ވާން؟ އެއީ ހަޔާތްކުޑަ އަންހެނެއް. އެކަމަކު ޒަނީނަކީ ގައިމު ބުއްދި ހަމަޖެހޭ ފިރިހެނެެއް." އެކި ޚިޔާލުތައް އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ވިސްނުން ބަހައްޓަންވީ އަމާޒު ގެއްލުނެވެ. އެހެންނަމަވެސް ދެން ކަންތައް ކުރަންވީ ގޮތެއް ނިންމަން އެބަޖެހެއެވެ.

"އަަހަންނަށް އެނގިހުރި މައުލޫމާތާއެކު ގޮސް ޒަނީނާ ކުރިމަތިލާންވީތަ؟ އެ ހިތްވަރު އަހަރެންގެ އެބަހުރިތަ؟ ޒަނީންގެ އާއިލާގެ އެހީ ހޯދަންވީތަ؟ އޭރުން އަހަންނަކީ މަންމަގެ އަސްލު ދަރިއެއް ނޫންކަން އެންމެންނަށް އެނގޭނެ. އެކަން އެނގިއްޖެނަމަ ޒަނީންގެ މަންމަ ހަޅޭއްލަވާނެ. އަހަރެން ޒަނީނާ އިންނަން އުޅުނުއިރުވެސް އޭނާ ހުރީ އަހަންނާ ދޭތެރޭ ހިތްހަމަ ނުޖެހިފައި. އެެހެންވީމާ މި ކަމުގައި ޒަނީންގެ އާއިލާ ބައިވެރިކުރުން ބުއްދިވެރިއެއް ނޫން. ތާސްބައި އަތުރައިލާނީ އަހަރެން އަމިއްލައަށް. އެކަމަކު އޭގެ ކުރިން އަހަރެން ހަމައަކަށް އެޅެން އެބަޖެހޭ. މިހާރު ގޮސް ޒަނީނާ ތަޅައިފޮޅައިގެންފިނަމަ ކަންތައް ދާނީ ގޯހުން ގޯހަށް. އެ އަންހެން މީހާ ވަރިކުރަން އޭނާ ދެކޮޅު ހަދައިފާނެ. އޭރުން އަހަރެން ކުރާނީ ކީއް؟ ރުޅި އައިސްގެން އަހަރެން ވަރިކޮށްފިއްޔާ... އޭރުން ކަމަކު ނުދާނެ. ހަމަޖެހިލައިގެން އިނދެ، ދެން ކަންތައް ކުރަންވީ ގޮތެއް ރަނގަޅަށް ރާވައިލަންވީ،"  

ކަންކުރަންވީ ގޮތް ރާވައިލުމަށްފަހު ކާރު އަނބުރައިލިއެވެ. ކަސްރަތުޚާނާގެ ޕާކުގައި ކާރު ޕާކު ކުރުމަށް ފަހު އެތަނަށް ވަދެ ސްވިމިންޕޫލުގައި ދޮޅުގަޑިއެއް ހައި އިރު ހޭދަކުރިއެވެ.

***

އޭނާ ގެއަށް ދިޔައިރު ޒަނީން އިނީ ޒައިނަބާއެކު ކުޅޭށެވެ. ރުޅީގެ ބާންޏެއް ހަށިގަނޑުގައި ދައުރުވިއެވެ. އެއާއެކު ވިސްނުންތެރިކަމާއެކު މަޝްވަރާކުރަން ނިންމައިގެން ހުރި ނިންމުން ވައި ރޯޅިއާއެކު ހިނގައްޖެއެވެ. " މި ފިރިހެންމީހާ... މީނަ ދެކެ އަހަރެން ހާދަ ލޯތްބެއް ވީމޭ. އޭގެ އަގު އަދާކުރާ ގޮތަކީ މިއީތަ؟ އަހަންނަށް އެއްވެސް އިހްތިރާމެއް ނުކުރި. އަހަންނަށް ވުރެ ހުރިހާ ކަމަކުން ވެސް އިސްކަންދިނީ އެ އަންހެން މީހާއަށް..." ރުޅި އައިސްގެން އޭނާގެ ބޯ ފަޅައިގެން ދާ ވަރުވިއެވެ. "ޒަނީން ކަހަލަ ފިރިހެނަކު އެކަހަލަ  މުސްކުޅި އަންހެނެއް ދެކެ ލޯބިވެދާނެއޭ ހީކުރާނީ ކާކު... އެ އަންހެންމީހާއަކީ ޒާހިދުކަމުގެ ނަމޫނާއަކަށް ހެދިގެން އުޅުނު މީހެއް. ޒާހިދުކަމަކީ މިއީތަ؟"

ޒައިނަބަށް މަންމަ ފެނުމުން އުފަލުން ހޭން ފެށިއެވެ. ޒަނީން އެނބުރި ފަހަތް ބަލާފައި މަރިޔަމާ ހީނލިއެވެ. މަރިޔަމް ހީނވެސް ނުލައި ރުޅި އައިސްގެން ކޮޓަރިން ނުކުތެވެ. ޒަނީން ހައިރާންވިއެވެ. މަރިޔަމްގެ ސިނގު ރުޅިއަށް މިހާރު އޭނާ އާދަވެއްޖެއެވެ. އެކަމަކު މިހާރު ރުޅި އައިސްގެން އުޅޭ ސަބަބެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އާޔާއާ ޒައިނަބް ހަވާލުކޮށްފައި މަރިޔަމް ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން މަރިޔަމް އިނެވެ.

"މަރިޔަމް، ކިިހިނެއްވީ؟ ކޮންކަމަކާތަ މާ ފިކުރު ބޮޑުވެފައި ތީނީ؟" އޭނާ އެހިއެވެ. "ތި އައީ ކޮންތަނަކުން؟"

ރުޅި ހިފަހައްޓަން ކުރެވުނު ހުރިހާ މަސައްކަތެއް މަރިޔަމް ކުރިއެވެ. ޒަނީން ގައިގައި އެތިފަހަރެއް އަޅައިލަން އޭނާގެ ހިތަށް އެރިއެވެ.

"ޒަނީން، އަހަންނަށް މަކަރު ހެދީ! އޮޅުވައިލީ!"

"މަކަރޭ؟" ޒަނީން ވަރަށް ހައިރާން ވިއެވެ.

"ޒަނީން، އަހަންނަކީ މޮޔައެއް ކަމަށް ހީނުކުރާތި."

"މަރިޔަމް، ތިކިޔާ އެއްޗެއް އަހަންނަކަށް އަދި ނުވިސްނޭ."

"ޒަނީން، އަހަރެމެންގެ ކާވެންޏަށް މިވީ ތިން އަހަރު. ތިރީސް އަހަރެއް ނޫން. ތި ފާޑަށް އަހަންނަށް އޮޅުވާލައިގެން އުޅުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން ގާތު..."

މަރިޔަމްގެ ވާހަކަ ނުނިމެނީސް ޒަނީން ވާހަކަ ދައްކަން ފެށިއެވެ. "ތި ބުނަން އުޅޭ އެއްޗެއް ސާފުކޮށް ނުބުނެވެނީތަ؟"

"ސާފުކޮށް ބުނަންވީތަ؟ އެންމެ ރަނގަޅު. ޚަދީޖާ ނޫރާއި ޒަނީނާއި އޮންނަނީ ކޮން ގުޅުމެއް؟ އެގެއަށް އެހައި ގިނައިން ދަނީ ކީއްކުރަން؟ ދެ މަސްވަންދެން ކޮންތާކު އުޅެފަ ދެ މީހުން ތިއައީ؟"

އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަނީން ޚިޔާރުކުރީ ހިމޭންކަމެވެ. މަރިޔަމް ވިހަ ފާޑަކަށް ހީނލިއެވެ.

"ބުނާނެ އެކައްޗެއްވެސް ނެތް ދޯ؟ އެންމެ ރަނގަޅު. އަހަރެންނަށް އޮޅުންފިލުވައި ދޭންޖެހޭ ކަމެއް ވެސް ނެތްތަ؟ ތި ދެމީހުން ހީކުރީތަ އަހަންނަށް އޮޅުވާލައިގެން އުޅެވިދާނެއޭ؟ ތި ގަންނަ ގަނޑު އަހަންނަށް ނޭނގޭނެ ކަމަށްތަ ހީކުރީ؟ އަދި ބުންޏެއްނު އަހަރެން މިދަނީ ވިޔަފާރި ދަތުރެއްގައި އިންގްްލެންޑަށޭ. މަންމަގެއަށް ދެކިލަން ނުދާތާ ވަރަށް ގިނަ ދުވަސްވެއްޖެއޭ." މަރިޔަމް ޒަނީނަށް މަލާމާތް ކުރަނީއެވެ. "ތީ ކޮންފަދަ ބޮޑު ދޮގުވެރިއެއް. ޒަނީނާއި ޒަނީންގެ... ތި ދެމީހުން! ދެ މީހުންވެގެން ދޭދޭ ގުޅުންތަކަށް ވެސް ތިކުރަނީ ކިހައި ބޮޑު މަލާމާތެއް."      

"މަރިޔަމް! އަނގަމަޑުން ލައިގެން ހުރޭ! ދެން އަނގަ ނުހުޅުވާތި! އިތުރު އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއް ނޫން!" ޒަނީން ވަރަށް ބާރަށް ބުންޏެވެ.

"އަހަރެން ޒަނީން ދެކެ ލޯބިވާވަރު އެނގޭތަ؟ ޒަނީނަށް އަޅާލާވަރު އެނގޭތަ؟"

"އަހަރެން ދެކެ ލޯބިވެޔޭ؟ އަޅާލަމޭ؟ އަހަރެން ދެކެ ތިވާ ލޯބީގެ ހަގީގަތް ކިޔައިދޭންވީތަ؟ އެއަށް ކިޔަނީ އަމިއްލަ އެދުންތައް ފުއްދުން. ތިމާ ބޭނުންވާ މާއްދީ ކަންކަން ހާސިލުކުރުން. މަރިޔަމަށް މުހިއްމުވަނީ މަރިޔަމް ބޭނުންވާ ކަންކަން އެކަނި. ތިމާ ބޭނުންވާ ތިމާއަށް ކުރިއެރުން ލިބޭ ކޮންމެ ކަމެއް މަރިޔަމަށް ވަރަށް މުހިއްމު. އަހަރެން ދެކެ ލޯބިވެއޭ ނުބުނާތި ދެން. މަރިޔަމް ލޯބިވަނީ މިލިއަނަރުގެ ދަރި، ޒަނީން އަވާބް ޚާން ދެކެ. އޭނާ ދެކެ ލޯބިވަނީ އޭނާއަށް އަކީ ގަދަރު އުފުލިގެންވާ މީހަކަށް ވާތީ، މަރިޔަމަށް އޭނާގެ ފަރާތުން ލިބޭ ތަކެއްޗާ ހެދި."

މަރިޔަމަށް ހީވީ އޭނާގެ މޫނުމަތީގައި ޒަނީން އެތިފަހަރެއް ޖެހިހެންނެވެ. އަމިއްލަ ކުށަށް އިއުތިރާފުވުމުގެ ބަދަލުގައި މަރިޔަމްގެ ބޮލުގައި އެކަހަލަ ތުހުމަތެއް އަޅުވަފާނެކަމަކަށް މަރިޔަމަކަށް ގަބޫލެއްނުކުރެވެއެވެ.

"އަހަންނާ އިނީ އަމިއްލަ ފައިދާ އަށް، އަހަރެންގެ ނާޖާއިޒު ފައިދާ ނަގަން." ޒަނީން ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ބޭނުންކުރީ ކުރިބޯށްޓާ ހަމައަށް އަރާނެ ހަރުގަނޑެއްގެ ގޮތުގައި. މަރިޔަމްގެ އަބަދުގެ ވެސް އުއްމީދަކީ އެއީ. އެއީ ތިކަހަލަ އަންހެން ކުދީން ދެކޭ ހުވަފެނަކީ ބޮޑު ގެއަކާއި، އަގުބޮޑު ކާރަކާއި، ގުނައި އަދަދުނުކުރެވޭ ވަރަށް ފައިސާ އާއި... އެއީތަ ތިކިޔާ ލޯތްބަކީ؟ މަރިޔަމް ދުވަހަކުވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ. ލޯބިވީ އަހަރެންގެ މިލްކިއްޔާތުގައި ހުރި އެއްޗެއްހި ދެކެ. މަރިޔަމް ހިތަށް އަރާ ހުރިހާ ކަމެއް ކޮށްނުދެވުނުނަަމަ އަހަރެން ދެކެ ލޯބިވާނެތަ؟ ޑިޒައިނަރ ބްރޭންޑް އަންނައުނުގެ ބަދަލުގައި އާދައިގެ ފިހާރައަކުން އާދައިގެ ހެދުން ގަނެވޭ ފެންވަރުގައި ހުރި މީހެއް ނަމަ އަހަންނާ އިންނާނެތަ؟"

ރުޅި އައިސްގެން ގޮސް މަރިޔަމްގެ މޫނު ރަތްވިއެވެ.

"އަހަރެންގެ ފެންވަރަކީ ތި ދުއްވާ އަށާރަ ލައްކަ ރުފިޔާގެ ކާރުގެ ބަދަލުގައި، ހަތަރު ހާސްރުފިޔާގެ ސައިކަލެއް ނަމަ، އަހަރެން ދެކެ ލޯބިވާނަންތަ؟ ލޯބި!!! އަހަންނާ ލޯބީގެ ވާހަކަ ނުދައްކާތި. އަހަރެން ދެކެ ތިވަނީ ލޯތްބެއް ނޫން. އެއަށް ކިޔަނީ އަމިއްލަ އެދުން. މަރިޔަމް ބޭނުންވަނީ އަހަރެންގެ ނަން، އަހަރެންގެ ގެ، އަހަރެންގެ މުއްސަނދިކަން، އަހަރެންގެ އެކުވެރިންނާއި ގަދަރުވެރީން، އަގު ބޮޑު ކާރެއް... އެ މުއްސަނދި ދިރިއުޅުން. މި ހުރިހާ އެއްޗެއްސެއް ފޯރުކޮށްދެވޭ މީހަކު ދެކެ މަރިޔަމް ލޯބިވާނެ، އެއީ ޒަނީން އަވާބް ޚާން ވިޔަސް އަދި އެހެން މީހެއް ވިޔަސް. އެއީކީ ލޯތްބެއް ނޫން. ތިއުޅެނީ މާއްދިއްޔަތާ ހެދި. މަރިޔަމާއި މަރިޔަމްހެން ކަރުގައި ލޯބީގެ ތަވީދު އަޅައިގެން އުޅޭ މީހުންނަކަށް އެ ތަވީދުގެ ބޭނުމެއް ނެތް. ލޯތްބަކީ ކޯޗެއް ކަމެއް މަރިޔަމަކަށް ނޭނގޭ. މަރިޔަމަށް އެނގެނީ އަމިއްލަ އެދުމާއި، ދަހިވެތި ކަމާއި، ހަސަދަވެރިކަން. އަހަންނާ ލޯބީގެ ވާހަކަ ނުދައްކާތި!"

"އިނދެގެން މިއުޅުނު ތިން އަހަރުގެތެރޭގައި އެއްވެސް ކަމެއް މަނާކުރިންތަ؟ އެއްވެސް އެއްޗެއް ހިފެހެއްޓިންތަ؟ އެއްވެސް ކަމެއް ކުރުން މަނާ ކުރިންތަ؟ އެންމެ މޮޅު އާޓިސްޓުގެ ލަގަބު ލިބުނީ ކިހިނެއްކަމާ މެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟"

މަރިޔަމަށް ނުހުރެވިގެން ވާހަކަ ދައްކަން ފެށިއެވެ. "އަހަންނާ އިންނަން އެހީ ޒަނީން. އަހަންނެއް ނޫން ޒަނީނާ އިންނަން އުޅުނީ. އަހަރެން ދެކެ ލޯބިވެއޭ ބުނީވެސް ޒަނީން. އަހަންނެއް ނޫން." މަރިޔަމް ބުންޏެވެ.

"އާނ، އިންނަން އެހީ އަހަރެން. ލޯބިވާ ވާހަކަ ބުނީވެސް އަހަރެން. އޭރު ލޯބިވި. އަހަންނަކަށް ނޭނގޭ ކިހިނެއް ކަމެއް އޭރުވީ. އަހަރެންގެ ސިކުނޑީގައި މަރިޔަމް ނޫން އެހެން އެއްޗެއް ނެތް އޭރަކު. އަހަރެން ކޮންމެ ކަމެއް ކުރިޔަސް މަރިޔަމްގެ ހަނދާންތަކާ ދުރަކަށް ނުދެވޭ. މިހާރު އަހަންނަށް އެނގޭ އެއީ މަރިޔަމްގެ ކަމެއް ނޫންކަން. އެއީ މަންމަގެ ދުއާ. ސޯފިއާ މަތިން ފޫހިވެ މަރިޔަމަށް ހިތް ލެނބެން ފެށީ މަންމަގެ ދުއާއިން. އޭރު އަހަރެން ހުރީ ސޯފިއާއާ އިންނަން ތައްޔާރުވެގެން. އެކަމަކު އޭނާގެ މަތިން ފޫހިވީ މަންމަގެ ދުއާ އިޖާބަކުރެއްވުމުން. އެއްގޮތަކަށް ވެސް ސޯފިއާއާއެކު އުޅޭ ހިތްނުވީ. އޭނާ ފެންނައިރަށް ފާޑެއްގެ ފޫއްސެއްވަނީ. އަހަރެން ހުރީ ވާނުވާ ނޭނގިފައި. އެެހެންވީމާ އެއީ މަރިޔަމް ކުރި ކަމަކުން ވީ ކަމެއް ނޫން. އެއީ ހަމައެކަނި މަންމަގެ ދުއާ."

"އޭރު ބުނީ އަހަރެންގެ ކުރެހުންތަކުންނޭ އަހަންނަށް ހިތް ލެނބެން ފެށީ!"

"މަރިޔަމްގެ ކުރެހުންތަކުން އެއްވެސް ޚާއްސަކަމެއް ފެންނަންޏާ އެއީ ވެސް މަންމަގެ ސަަބަބުން. އެގޭގައި އުޅުނު އިރު ކުރެހި ހުރިހާ ކުރެހުމެއްވެސް ނުލާހިކު ފެންވަރު ރަނގަޅު. ތަފާތު، މޮޅު. މިހާރު ތީ ކުރަހަނީތަ؟ މިހާރު ކުރަހަނީ އަވަގުރާނަ. އަހަރެން ހިތަށް އަރާ ހުރިހާ ކުރެހުމެއް އުކާލާނަމޭ."

"އާނ، އުކާލަބަލަ! އަހަރެންގެ ކުރެހުންތައް އުކާލާފަ، އަހަރެންވެސް ގެއިން ނެރެލަބަލަ. ޚަދީޖާ ނޫރް އެހެރީނުން. އަހަރެންގެ ބޭނުމެއް މިހާރަކު ނެތެއްނު؟ އަދި މިހާރު އޭނާއާ އިނދެގެން އުޅޭ އިރު މަންމަ އޭ ކިޔުން ހުއްޓާލަން ވެއްޖެއެއްނު."

އެވާހަކަ އަޑުއަހާފައި ޒަނީން ގާވެއްޖެއެވެ. ހީވަނީ ބުދެއްހެންނެވެ.

"އޭނާ ދުވަހަކުވެސް އަހަންނަށްޓަކައި ދުއާއެއް ނުކުރޭ." ޒަނީން ހައިރާންވެފައި އިންތަން ފެނުމުން އަދި މާ ރުޅިގަދަވިއެވެ. "އޭނާ ދުއާކުރީ އޭނާގެ އަމިއްލަ ބޭނުން ހާސިލުކުރަން. އޭނާގެ މީހަކަށް ޒަނީން ހަދަން! އެއީ ދުއާއެއް ނޫން. އެއީ ސިހުރު."

"ތީ ހާދަ މުޑުދާރު ވިސްނުމެކޭ. ތި ސިކުނޑި ދޮވެ ސާފުކުރަން މުޅި އުމުރު ހޭދަކުރިއަސް ސާފެއް ނުވާނެ." ޒަނީން އެހެން ބުނީ ވަރަށް މަޑުމަޑުންނެވެ.

މަރިޔަމް ރުޅި އައިސް ރަތްވިއެވެ. "ތީ ޒަނީން ގާތު މަންމަ ދައްކާ ވާހަކަ. އަކަމަކު އޭނާގެ ސިކުނޑީގައި ހުރި މުޑުދާރު ޚިޔާލުތަކުގެ ވާހަކަ ބުނިތަ... އަހަރެން މިއައީ ބުނެފަ. އަހަރެން މިއައީ ހުރިހާ ވާހަކައެއް ބުނެފަ."

"މަރިޔަމް އެގެއަށް ދިޔައީތަ؟ މަންމަގެ ބޮލުގައި ވެސް ތި ހުރިހާ ތުހުމަތެއް އެޅުވީތަ؟" ޒަނީންގެ މޫނުމަތި ކިލަނބުވިއެވެ.

"އާނ، ބުނެފަ މިއައީ. ހުރިހާ ވާހަކައެއް ގޮވާފަ މިއައީ." މަރިޔަމް ބުންޏެވެ.

"އޭނައާ އަހަންނާ އޮތީ ކޮން ގުޅުމެއްކަން އެނގޭތަ؟" ޒަނީން އިނީ ރޮވިފައެވެ. އޭނާގެ އަޑު ރަނގަޅަށް ނުވެސް ނުކުމެއެވެ. އެކަމަކު މަރިޔަމް އިނީ އެކަން ފާހަަގަކުރެވޭ ހާލަތަކު ނޫނެވެ. އެއަށްވުރެ މާބޮޑަށް ޖަޒުބާތުގައި ޖެހިފައެވެ.

"އާނ، އެނގޭ. އެއީ ޒަނީންގެ..."

ޒަނީންގެ އޭނާގެ ވާހަކަ ހުއްޓުވިއެވެ. "އެއީ އަހަރެންގެ މަންމަ. އަހަރެންގެ އަސްލު މަންމަ."

މަރިޔަމްގެ ބޮލަށް އުޑު ވެއްޓުނު ކަހަލައެވެ. 

***

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

9 ޚިޔާލު

  1. Varah reethi.
    Vaahakaige aslu liyefa vanee kaakukan balan varah beynun vejje.tharujamaa kuraa baeh meehun,aslu liyunu meehaage nan liyelaafa hunnathan baeh faharu feney.Meegaves egothah nan liyelaafa oiynama

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.