މަޑުއްވަރީ ރައްޔިތުންނަށް އިއްޔެއަކީ ވެސް މިއަދަކީ އާދައިގެ ދުވަހެއް: ކައުންސިލް

ރ. މަޑުއްވަރީގެ ރައްޔިތުންނަށް އިއްޔެ ވެސް އަދި މިއަދަކީ ވެސް އާދައިގެ ދުވަސްހެއް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޢަބްދުﷲ އަޙުމަދު އާފަތިހަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފުލުހުންނާއި ސިފައިން އެރަށުގައި މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

"ފުލުހުން ގެންދަވަނީ އެބޭފުޅުން ބޭނުންފުޅުވާ ގެއަކަށް ވަންނަވައި ތުހުމަތުކުރެވޭ ކަމެއްވާނަމަ އެކަމެއް ބައްލަވަމުން. އަދި ބަންދު ކުރައްވަން ޖެހޭ މީހަކު ވިއްޔާ ބަންދުވެސް ކުރައްވަމުން. އެހެންނަމަވެސް ރާއްޖޭގެ ބައެއް ނޫސްތަކުގައި މިރަށާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ލިޔަމުންދާތީ މިރަށާ ބެހޭގޮތުން މީހުން ދެކެމުންއައިގޮތް ވަރަށް ބޮޑަށް ބަދަލުވެއް،" އޭނާ ވިދާޅުވިއެވެ.

ޢަބްދުﷲ އަހުމަދު ވިދާޅުވީ ނޫސްތަކުން ސިފަކޮށްފައިވާފަދަ ކަމެއް ނުވަތަ މާހައުލެއް އެރަށުގައި ނެތް ކަމަށެވެ.  އިއްޔެ ވެސް މިއަދު ވެސް އެރަށުގެ މީހުން އުޅުނީ ހަމަ އާއްމުކޮށް އުޅެމުންދާ ގޮތަށް މަސައްކަތުގޮސް އެހެންޏާވެސް ކުރަމުންދާ ކަންކަން ކުރަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ސައްހަ މަޢޫލޫމާތު ހޯދައިގެން ނޫސްވެރިން ވެސް ޚަބަރު ފެތުރުމަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ޢަބްދުﷲ އަހުމަދު ވިދާޅުވީ އެރަށުގައި ދީނީއެއްބައިވަންތަކަމާއި ރަށުގެ އެއްބައިވަންތަކަން ނަގާލައި ރަށުގެ އަގުވައްޓާލައި ޖިނާއީ ކުށްތައް ކުރަމުންދާ މީހުން ހޯދުމަށް ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކައުންސިލުން އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި އަދި ރައްޔިތުންގެ ނަމުގައި ފުލުހުންނާއި ސިފައިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.