ރ. މަޑުއްވަރީއަށް ބޮޑު ހިލައިގެ ހުރިހާ ޝިޕްމެންޓެއް ގެންގޮސްފި

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތްކުރާ ކުންފުނި އެމްޓީސީސީ އިން ހާމަކޮށްފި އެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށާއި އެގޮތުން 73,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 582 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި 2,840 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ހުރީ 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫޢަކީ 82.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.