ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް ހުށަހަޅައިފި

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކަފާލާތުގެ ދަށުން މިނިވަން ކޮށްދެއްވުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައި ކަމަށެވެ. އެއީ ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ ޙައްގެއް ކަމަށާއި އެ ޙައްޤު ރައީސް ޔާމީނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ރައްޔިތުންނަށް ލިބިދޭ މިފަދަ ޙައްޤުތައް މީގެ ކުރިން ވެސް ރާއްޖޭގެ ކޯޓުތަކުން ވަނީ ނަގަހައްޓަވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފަރާތުން ވާނީ ބެއިލް އަށް އެދި ހައި ކޯޓަށް ހުށަހަޅާފައި. ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ޙައްޤުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުޞަތު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް،" ޖަމީލް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލަށް ލައިފައިވަނީ މަނީލޯންޑަރ ކުރުމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެގެންނެވެ. އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލްކޯޓުން ޙުކުމްކުރެއްވީ ނޮވެމްބަރ 28 ގައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ އެ ޙުކުމް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.