ޕާޓީގެ ޖަލްސާތަކަށް ވަޒީރުން ވަޑައިނުގެންނެވުމަކީ ރައީސް ކުރައްވާނެ ކަމެއްނޫން: ޤާސިމް

ސަރުކާރުގެ އެކި ވަޒީފާ ތަކުގައި ތިއްބެވި ޖުމްހޫރީޕާޓީއަށް ނިސްބަތްވާ މަދު ވަޒީރުންނާއި އެހެން ބޭފުޅުން ޕާޓީގެ ޖަލްސާތަކާށާއި ޕާޓީ ކުރިއަރުވަން ވަޑައިނުގެންނެވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާނެ ކަމެއް ނޫންކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާމިގިލީގައި މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޕާޓީގެ އެފަދަ ބޭފުޅުން ޕާޓީ ކުރިއަރުވަން ވަޑައިނުގެންނެވުމާއި ޖަލްސާތަކަށް ހާޒިރު ނުވުމަކީ އެބޭފުޅުންގެ ކަމެއް ކަމަށެވެ. އެކަމާ އެމަނިކުފާ ކަންބޮޑުވެ ވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ އެބޭފުޅުންނަށް ވަޑައި ނުގަނެވެނީ އުޅުއްވާ ބުރަކަމުން ކަމަށް ވެދާނެ ކަމަށެވެ. ޚުދު އެމަނިކުފާނަށް ވެސް އެކަށީގެންވާ ވަގުތު ލިބިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމާއި، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ޓްރާންސްޕޯޓު މިނިސްޓަ ނަހުލާއި، ރައީސް އޮފީހުގެ މިނިސްޓަރ އަޙުމަދު ސަމީރާއި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި، ޓެކްނޮލޮޖީ މިނިސްޓަރ މަލީހަކީ ޖޭޕީގެ ސްލޮޓް ތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ޖޭޕީގެ އިސް ބޭފުޅުން އެޕާޓީގެ ޖަލްސާތަކުން ނުފެންނާތީ އެކަމުގެ ފާޑުކިޔުންތައް ޖޭޕީއަށް ވަނީ އަމާޒުވެފައެވެ. ޖޭޕީން ބާއްވާ ކޮންމެ ޖަލްސާއެއްގައި ގާސިމް ވިދާޅުވަމުން ގެންދަވަނީ އެބޭފުޅުން ތިއްބެވީ ޕާޓީއާއެކުގައި ކަމަށް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.