ޖޭޕީގެ ފުރަތަމަ ރައީސަކަށް އަލީ ވަހީދު

އަލީ ވަހީދާއި ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފުރަތަ ރައީސަކަށް ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު (ބަލަކް) އިންތިޚާބު ކޮށްފިއެވެ.

އޭނާ އެމަގާމަށް އިންތިޚާބުކުރީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި ރޭ ފަތިހުގެ ވަގުތެއްގައެވެ. އެ މަގާމަށް އޭނާ އެކަނި ކުރިމަތި ލުމުން އޭނާ އެމަގާމަށް އިންތިޚާބުކުރީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ.

އަލީ ވަހީދު އެ މަގާމަށް އިންތިޚާބު ކުރުމަށް ފެންނަ ކަމަށް 154 މީހުން ވޯޓުދިނެވެ. ނުފެންނަ ކަމަށް 102 މެންބަރުން ވަނީ ވޯޓު ދީފައެއެވެ. އޭނާއަކީ މެއި މަހު 26 ގައި އެޕީޓީއާ ގުޅި ވަޑައިގެންނެވި ބޭފުޅެކެވެ. ޕާޓީއަށް އެހާ އައު ބޭފުޅަކު ކުއްލިއަކަށް އެފަދަ މަގާމަކަށް އިންތިޚާބު ކުރަން ބައެއް މެންބަރުން އެހާ ގަޔާނުވާ ކަމަށް ވެއެވެ. އެހެންނަމަވެސް ގާސިމް އިބްރާހީމް ދާއިދު ކުރެއްވީ ވެސް އަލީ އަށެވެ.

އާލީ ވަހީދު ސިޔާސީ ދާއިރާއަށް ނުކުންނެވީ ރައީސް މައުމޫންގެ މޭސްތިރި ކަމުގެ ދަށުން ޑީއާރުޕީގެ ތެރެއިންނެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް މައުމޫނަށް ކާމިޔާބު ކޮށް ދެއްވުމަށް އެންމެ ވަރުގަދައަށް ކެންޕޭން ކުރެއްވި އެއްބޭފުޅަކީ ވެސް އަލީ ވަހީދެވެ. އެފަހަރު އޭނާ ހުންނެވީ ރައީސް މައުމޫނުގެ ކެންޕެއިންގެ ޑެޕިޔުޓީ މެނޭޖަރަކަށެވެ. އެފަހުން ރައްޔިތުންގެ މަޖިލީގެ ތޮއްޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި އޭރު އެންމެ ހަނގު އެމްޕީގެ ގޮތުގައި މަޖިލީހަށް ވެންނެވިއެވެ. އޭނާ ވަނީ ޑީއާރުޕީގެ ނާއިބު ލީޑަރުކަން ވެސް ކުރައްވައިފައެވެ. އެފަހުން އެމްޑީޕީއަށް ބަދަލުވެ އެޕާޓީގެ ޗެއާޕާސަން ކަން ވެސް ކުރެއްވިއެވެ. މިހާރު އެ ވަޑައިގެންނެވީ ޖޭޕީގެ އިދާރީ ހިންގެވުމުގެ އެންމެމަތީ މަގާމަށެވެ.

ޖޭޕީގެ ކޮންގްރެސްގައި އެޕާޓީގެ ނާއިބު ރައީސަކަށް އިންތިޚާބު ކުރައްވައިފައިވަނީ ޑރ. އަބްދުﷲ މައުސޫމެވެ.

ޑެޕިޔުޓީ ލީޑަރުންނަށް އިންތިޚާބު ކުރެއްވީ ވަރަށް ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމާއި، ޑރ. ހުސައިން ރަޝީދު ހަސަނާއި، ކުރީގެ ސްޓޭޓު މިނިސްޓަރު އަދި ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ފަޔާޒު (އެފްއޭ) އެވެ.

 ޕާޓީގެ ލީޑަރަކަށް އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާތީ މިވަގުތު ލީޑަރަކު ނެތެވެ. އެންމެ ފަހުން އެމަގާމުގައި ހުންނެވީ ގާސިމް އިބްރާހީމެވެ. އެމަނިކުފާނަށް އިއްވައިފައިވާ ހުކުމުގެ ސަބަބުން އެމަގާމަށް މިފަހަރު ކުރިމަތި ލެވޭ ގޮތެއް ނުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.