ހަފުސްވެދާ ދިރިއުޅުމަކަށް ދިވެހީންގެ ބޯ މަހާލިޔަ ނުދޭނަން: ރައީސް ނަޝީދު

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރުތެރޭގައި މަސައްލަތް ކުރައްވާފައިވަނޯ މުޅި ދިވެހިރާއްޖެ އުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފެށި ވިޔަވަތި ރާއްޖެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނީ ވިދާޅުވީ ރައިސް ޔާމީން ސަރުކާރުން މަސައްކަތް ކުރެއްވީ ހަތަރެސްކަން ގޮޅިއަކަށް ދިވެހީން ގެނެސް އަޅާލައި ބިމުގެ ވެއްޔާއެކީގައި ހަފުސްވެދާ ދިރިއުޅުމަކަށް ބޯމަހާލަން ކަމަށެވެ. އެހެންނަމަވެސް އެކަން އެހެން ނުކުރެވޭނެ ކަމަށަށާއި އެކަން އެހެންވިޔަނުދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިދިޔަ ފަސްއަހަރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަމާޒު ހިފާފައިހުރީ މުޅި މިދިވެހިރާއްޖެ އުވާލާ، ޖަޒީޒާ ދިވެހި ގޮތްނަގާލާ، ހިއްކި ބިމެއްގެ ހަތަރެސްކަން ގޮޅިއަކަށް ދިވެހީން ގެނެސް އަޅާލާ އެބިމުގެ ވެއްޔާއެކީގައި ހަފުސްވެދާ ދިރިއުޅުމަކަށް ދިވެހިންގެ ބޯމަހާލާން. އެކަން އެހެން ނުވާނެ. އަޅުގަޑުމެން އެހެންވިޔަވެސް ނުދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި، ކެކުޅުންތަކާއި ހާލުއަހުވާލެއް އޮޅިވަޑައިނުގަންނަވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ހާސްކަމެއްނެތް ރީތި ދިރިއުޅުމެއް އުޅެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ ކުއްޔާއި ހުރިހާ ބިލްތަކެއް ދައްކައިގެން ކަންމަތީ ފިހާރައަށް ނުދަރާ އުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖގެ ރައްޔިތުންގެ އުންމީދުތަކެއް އިހުސާސްތަކެއް ކެކުޅުންތަކެއް ހާލުއަހުވާލެއް އަޅުގަނޑުމެންނަކަށް ނޯޅޭނެ. "ރައްޔިތުންގެ ބޭނުމަކީ ރިވެތި ދިރިއުޅުމެއް އުޅުން. ހާސްކަމެއްނެތް ދިރިއުޅުމެއް އުޅެވޭނޭގޮތް ހަމަޖެހުން. ބޭނުމަކީ ނުދެރުން. ފޯނުބިލު، ފެންބިލު ނުދެއްކިގެން ގޭގެ ކުލި ނުދެއްކިގެން ކަންމަތީ ސްޓޯރަށް ނުދަރާ ގަދަރުވެރި ދިރިއުޅުމެއް އުޅުން. ބޭނުމަކީ މުޅިން އެހެން ރަށްވެހިކަމެއް ހޯދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް ރައްޔިތުން ބޭނުންވަނީ މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް އުޅެ އިންސާނީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ މާހައުލެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި "ރަށުގެ ގުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރެވި ރަށާއި އަތޮޅުގައިވާ އެހެންރަށްރަށާ ދެމެދު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލެވިފައިވާ ވަޒީފާގެ ފުރުސަތުތައް ރަށުގައި އުފެދިގެން އަންނާނެ ރަށްވެހިކަމެއް ބިނާކުރުން،" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އަބަދުވެސް ދެކެނީ ތަނަވަސް ދިރިއުޅުމެއް ލިބޭނީ ދޫކޮށްލިވިގެ ކަމަށާއި، "އޮބަހައްޓައިގެން ހިފަހައްޓައިގެން" ލިބޭނެ ތަރައްގީއެއް އަދި ކުރިއެރުމެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.