ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިފައިފިއެވެ.
އެ ޕާޓީގެ ނާއިބު ލީޑަރު ޢަބަދުﷲ ރިފާޢު (ބޮޗޭ) ވިދާޅުވީ ޕްރައިމަރީއަކީ އެޕާޓީން ގަބޫލުކުރާ ކަމެއް ނޫންކަމަށެވެ. އެއީ މަކަރު ހެދުމާއި އޮޅުވާލުންފަދަ ކަންކަން ތިލަވެ ޕާޓީތެރެ ގަޑުބަޑުވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަމަޖައްސާފައިވާނީ ކެންޑިޑެސީ ބޭނުންވާ ކޮންމެ ބޭފުޅަކު ވެސް ސަތޭކަ މެމްބަރޝިޕް ފޯމު ޕާޓީއަށް ހުށަހަޅާގޮތަށް. އެގޮތަށް ހުށަހެޅުމުން އެމީހަކަށް ޕާޓީގެ ޓިކެޓު ލިބޭނެ. އެކަމަކު ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ މީހުންނަށް އެފުރުސަތު ލިބޭނީ،" އޭނާ ވިދާޅުވިއެވެ.
ޑީއާރުޕީން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުން ބޮޑު ކާމިޔާބެއް ހާދާނެ ކަމަށެވެ. އެޕާޓީ މިހާރުއޮތް ޙާލަތުން އެކަން ކުރެވޭނީ ކިހިނެއްތޯ ދެންނެވުމުން ރިފާޢު ވިދާޅުވީ އެފަދަ ކާމިޔާބެއް ލިބޭނީ މެމްބަރުން އިތުރުވެގެން ނޫންކަމަށެވެ. "މީގައި އޮންނާނީ މަޝްހޫރުކަން، ޕޮޕިޔުލަރިޓީ. އަޅުގަނޑުމެންގެ ލީޑަރު (ޢަބުދުﷲ ޖާބިރު) ގެ މަޝްހޫރުކަން މުޅިރާއްޖޭގައި ދަނީ އިރާދަކުރެއްވިއްޔާ އިތުރުވަމުން،" ރިފާޢު ވިދާޅުވިއެވެ.
ޖާބިރު މިހާރު ވެސް ހުންނެވީ ކ. ގާފަރުގައެވެ. އެއީ އެރަށު ޒުވާން އަންހެން ކުދިންގެ އެދުމުގެ މަތީން ޖާބިރު އަޅުއްވައި ދެއްވި ހޭންޑްބޯލް ކޯޓެއް ހުޅުއްވައި ދެއްވުމަށް ކުރައްވާ ޒިޔާރަތެކެވެ. އެ ކޯޓު އަޅާފައި ވަނީ އެރަށު ސްޕޯޓްސް އެރީނާ ސަރަޙައްދުގައެވެ.