އުންމީދަކީ ޑީއާރުޕީ ކުރިން އޮތް މަޤާމަށް އެޕާޓީ އަލުން ގެންދިޔުން: ރިފާއު

ފަހުގެ ތާރީޚުގައި ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ގެ ރަންޒަމާނުގައި އެޕާޓީ އޮތް ފެންވަރަށް ގެންދިޔުމަކީ ވަރަށްބޮޑު އުންމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަން އޭނާ ވިދާޅުވީ ޑީއާރުޕީ އަލުން ކޮޅަށް ނަގައި ކުރީގެ ފެންވަރަށް ގެންދިޔުމުގެ މަސައްކަތް މިހާރުން މިހާރަށްވެސް ކުރަމުންދާ ކަމަށެވެ. އެކަން ކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތަކީ ޕްލޭންތައް ހަދައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތެވެ. ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށައި އަންނަ ހަފްތާގައި 300 އެއްހާ މެމްބަރޝިޕް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ބޮޗޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީގެ ލީޑަރޝިޕަށް އަންނާނީ ޒުވާނުން ކަމަށެވެ. ޒުވާނުން ލީޑަރޝިޕަށް ގެންނައިރު އެމީހުންނާއެކު އެތައްބަޔަކު އަންނާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ. "ޑީއާރުޕީގެ ލީޑަރޝިޕަށް އަންނާނީ ތާޒާ އައު ކުދިން. ކޮންމެ ފުރެޝް މީހެއްގެ ފަހަތުން އެތައް ބައެއް އައިސް ޕާޓީއާ ގުޅޭނެ،" އޭނާ ވިދާޅުވީއެވެ. ޕާޓީގެ ވިސްނުމަކީ މިހާރު ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އެއްވެސް މީހަކަށް ތަބަކަކަށް ލާފައި ލީޑަރޝިޕުން އެއްވެސް މަޤާމެއް ނުދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ލީޑަރ ޝިޕަށް އަންނަ ބޭނުންވާ އެފަދަ މީހުން ވެސް އަންނަން ޖެހެނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށް ބޮޗޭ ވިދާޅުވިއެވެ. "ޑީއާރުޕީއަށް ވަނުމަށް އެއްވެސް ބަޔަކަށް ހުރަހެއް ނޯންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ކޮންމެވެސް ވަރަކަށް އަޅާހުރަހަކީ މިހާރު ޕޮލިޓިކްސް ގައި އެކްޓިވްކޮށް އުޅޭ މީހަކަށް ތަބަކަކަށް ލާފައި ލީޑަރޝިޕަށް ނާދެވޭނެ ގޮތަށް ހެދުން. މިއީ ކައުންސިލްގެ ނިންމުމެއްނޫން. އެހެންނަމަވެސް އަޅުގަނޑުމެންގެ ވިސްނުން ބޮޑަށް ހުރިގޮތްމިއީ. އެކަމަކު ކޮންގްރެސްގައި ވާދަކޮށް އެފަދަ މީހުން ހޮވުނީމައި ކުރާނެ ކަމެއްނޯންނާނެ،" އޭނާވިދާޅުވިއެވެ.

ޑީއާރުޕީއަކީ އެންމެ ފުރަތަމަ ބޮޗޭ ވެސް އުޅުއްވި ޕާޓީއެވެ. އެޕާޓީގައި އުޅުއްވުމަށްފަހު އޭނާ ވަނީ ޕީޕީއެމް ވުޖޫދުވުމުން އެޕާޓީއަށް ބަދަލުވެފައެވެ. ދެވަނަފަހަރަށް ޑީއާރުޕީއަށް ބަދަލުވީ ޕީޕީއެމްއާއި އަދި އެޕާޓީގެ ލީޑަރޝިޕާ އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށް ބޮޗޭ ވިދާޅުވިއެވެ. އެޕާޓީގައި މިވަގުތު ލީޑަރެއްވެސް ނެތެވެ. މިވަގުތު ހުންނެވީ ވަގުތީ ލީޑަރެކެވެ. އެއީ ކާށިދޫ ދާއިރާގެ މަޖިސް މެމްބަރު ޢަބްދުﷲ ޖާބިރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.