އަދުރޭގެ އާދޭސް: ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްދީ

ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން މިހާރު ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށްޓަކައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމް އާއި ޕީއެންސީ އިން ކާމިޔާބު ކުރަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމުގެ މަގްސޮދުގައި އެ ދެޕާޓީން ކުރަމުންދާ މަސައްކަތުގައި މިވަގުތު އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

އަދުރޭ ވިދާޅުވީ މި މަސައްކަތުގައި ކައުންސިލް އިންތިޚާބުގައި އެ ދެޕާޓީގެ ސަޕޯޓަރުން އާއިލާއަށް ނުބެލުން އެދޭ ކަމަށެވެ. އާއިލާއަށް ނުބަލައި ކައުންސިލް އިންތިޚާބުގައި ޕާޓީއަށް ވޯޓު ދިނުމަށް އާދޭހާއެކު ތަކުރާރުކޮށް އަދުރޭ އެދިވަޑައިގަތެވެ.

" ރަށްރަށުގައި ތިއްބެވި ލޮބުވެތި އަޚުން އެބަޖެހޭ ވަރަށް ސާބިތުވާން. ވަރަށް ސާބިތުވާން އެބަޖެހޭ. ބައްޕައެއް، މަންމައެއް، ދަރިއެއް، ކޮއްކޮއެއް، ބޭބެއެއް ބައްލަވައިގެން ނުވާނެ. ޕީޕީއެމް ޕީއެންސީއަށް ބައްލަވާ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ މެދުގައި މައްސަލަ ޖެހިގެން އުޅޭކަމަށް ދެކެވޭ ވާހަކައަކީވެސް ދޮގެއް ކަމަށެވެ. އަދި އެ ދެޕާޓީގެ އިސް ސަފުގައި ތިއްބެވި ކޮންމެ ބޭފުޅެއްގެވެސް މަގްސޮދަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުން ކަމަށާއި، އެނޫން އެއްވެސް މަގްސޮދެއް އެއްވެސް ބޭފުޅެއްގެ ނެތް ކަމަށް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅިގެން ޕީޕީއެމް އިން ވަނީ އެ ޕާޓީން ހުރިހާ ގޮނޑިތަކަށްވެސް ވާދަކުރަން ނިންމާފައެވެ. އަދި ޕީޕީއެމް އާއި ޕީއެންސީން ނިންމާފައި ވަނީ ދެ ޕާޓީގެ ކޯލިޝަނުގެ ތެރެއިން ހުރިހާ ކެންޑިޑޭޓުންވެސް ޕީޕީއެމްގެ ޓިކެޓުގައި ނެރެން ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.