އައްޑޫގައި ގެސްޓް ހައުސްއެޅުމަށް ބޭނުންވާ ފައިސާ ލިބޭނެ ޕްރޮގްރާމެއް ފަށަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް

އައްޑޫސިޓީގައި ގެސްޓުހައުސް އެޅުމަށް ބޭނުންވާ ފައިސާ ލިބޭނެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓުގެ މަގުހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ޑިޒައިން ކުރަން ބަޔަކާ ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައްޑުއަކީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމަވާފައިވާ ސިޓީއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެފައިސާ ލިބޭނެގޮތް ހައްދަވާނީ އެސްއެމްއީ ބޭންކު މެދުވެރިކޮށް ކަމަށެވެ.

"އައްޑޫގައި ގެސްޓް ހައުސް އުފެއްދުމަށް ބޭނުންވާ ފައިސާ އެސްއެމްއީ ބޭންކު މެދުވެރިކޮށް ލިބޭނެ ޕްރޮގްރާމެއް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން. އެކަމުގެ ތައްޔާރީތައް ވަމުން މިދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުންމީދު ކުރައްވަނީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އައްޑޫގައި ފަނަރަ ސަތޭކައާއި ދެހާހާ ދެމެދުގެ ޢަދަދަކަށް ގެސްޓުހައުސް އެނދު އެޅުމުގެ މަސައްކަތް ފެށުން ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ޓާގެޓު ކުރަނީ އައްޑޫ ސިޓީއަކީ ރާއްޖޭގެ ވަރުގަދަ އިކޮނޮމިކް ހަބަކަށް ހަދައި މާލެއަށް މި ބަރޯސާވާ ބަރޯސާވުން ނައްތާލުން. ހަމަ މިގޮތަށް ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް މިމަސައްކަތް ކުރިއަށް ގެންދިޔުން. އެކަންކަންވެސް ރައްޔިތުންނާ ހަމައަށް ވަރަށް އަވަހަށް ގެނެސްދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.