އައްޑޫސިޓީގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންފައިވާ ކަންކަމަކީ ނަނާ ހުވަފެނެއް ނޫންކަން ޔަޤީން ވެއްޖެކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އައްޑޫސިޓީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ބައެއް ޕްރޮޖެކްޓުތަކުގެ ކޮންސަލްޓޭޝަން މަސައްކަތް ޙަވާލު ކޮށްފައިވާ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެކު އިއްޔެ ބައްދަލު ކުރެއްވުމަށްފަހު އާފަތިހަށް މަޢުލޫމާތު ދެއްވަމުންނެވެ.
ޔަސްރިފް ވިދާޅުވީ އެ ބައްދަލުވުމަކީ އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒު ކުރުމުގެ ގޮތުން ސިޓީކައުންސިލްގެ ބަސް ހޯއްދެވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"އެ ބައްދަލުވުމުގައި އިއްޔެ އަޅުގަނޑުމެން ވާހަކަ ދައްކާލީ އައްޑޫގެ ތަރައްޤީގެ ޕްރޮޖެކްޓު ތަކުގެތެރެއިން ބިން ހިއްކުމުގެ ތެރޭގައި ހިމެނޭ ހިތަދޫން ނުވަދިހަ ހެކްޓަރު ބިން ހިއްކުމާއި ހުޅުދޫ އަދި މީދޫއިން ތިރީސް އަށް ހެކްޓަރުގެ ބިން ހިއްކުމާއި، އަދި ރިސޯޓުތައް ހެދުމަށް އައްޑޫ ފަޅުން ހިއްކާ ފަންސަވީސް ހެކްޓަރުގެ ބިން ހިއްކުމާބެހޭ ގޮތުން،" ޔަސްރިފް ވިދާޅުވިއެވެ. އޭގެ އިތުރަށް އައްޑޫގެ މަގުތައް ތާރުއަޅައިގެން ހެދުމާއި މިހާރުހުރި މަގުތައް މަރާމާތު ކުރުމާއި ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމުގެ ނިޒާމް ޤާއިމް ކުރުމާ ބެހޭގޮތުން ވެސް އިއްޔެ ވާހަކަ ދެއްކެވި ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
ޑެޕިޔުޓީ މޭޔަރ ވިދާޅުވީ އިއްޔެ ބައްދަލުވުމުން ވެސް ޔަޤީންވީ "މި ޕްރޮޖެކްޓް ތަކަކީ ނަނާ ހުވަފެނެއް ނޫންކަން. ރައީސުލްޖުމްހޫރިއްޔާ ވަޢުދުފުޅުގައިވާ ޕްރޮޖެކްޓު ތަކަކީ ޙަޤީޤަތުގައިވެސް ޙަޤީޤަތަކަށް ހައްދަވަން ވެވަޑައިގެންނެވި ވަޢުދުތަކެއް،" ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ފައިސާ ހަމަޖެއްސުމެވެ. މި މަޝްރޫޢުތަކަށް ފައިސާ ހަމަޖައްސަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. ފައިސާ ހަމަޖެހުމަށްފަހު ދެން އޮންނާނީ އެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އެމަސައްކަތެވެ.
އެއްޗެއްގަ ސޮއިކުރުމަކުން އެ އަދި ތައްޤީ ޔަޤީންވީއެއްނޫން އެވެސް ހުސް ހުވްފެން.