ފަތުރުވެރިކަމަށް އިތުރު ކުންފުންޏެއް ހަދާކަށް ނޫޅޭ: އިކޮނޮމިކް މިނިސްޓަރ

ޓޫރިޒަމް ވިޔަފާރިއަށް އިތުރު ކުންފުންޏެއް ހަދަން އުޅޭ ވާހަކަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ދޮގުކުރައްވައިފިއެވެ.

ސަރުކާރުން އިތުރު ކުންފުންޏެއް ހަދަން އުޅޭ ވާހަކަތައް ދޮގުކޮށް މިނިސްޓަރ ފައްޔާޒު ވިދާޅުވީ ޕްރައިވެޓް އައިލެންޑް ދިގުމުއްދަތަށް ދޫކުރުމުގެ ވިޔަފާރީއާއި ދިގުމުއްދަތައް ވިލާތައް ދޫކުރުމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަންނަނީ، ސަރުކާރަށް މިވަގުތު އާމްދަނީ އިތުރު ކުރަން ޖެހޭތީކަމަށެވެ. އަދި އެކަން ކުރާނީ މިހާރު ވެސް އުފެދިފައިވާ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުނިތަކުން ކަމަށެވެ.

ޕްރައިވެޓް އައިލެންޑް އަމިއްލަ ބޭނުމަށް ދިގުމުއްދަތަށް ދޫކުރުމުގެ ވިޔަފާރިއަކީ އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ވިޔަފާރިއެއް ނޫންކަމަށް ވިދާޅުވިއެވެ. އެވިޔަފާރިން މަދު ރަށްކޮޅަކުންވެސް އެކަށީގެންވާ ބޮޑު ރެވެނިއު އުފެއްދިދާނެކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ވިޔަފާރިކުރާ ދުނިޔޭގެ ފަރާތްތަކާ މަޝްވަރާ ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ. ތިން ހެކްޓަރު ނުވަތަ ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 ވަރަކަށް މިލިއަން ޑޮލަރު ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތަށް ރަށްތައް ދޫކުރެވޭނީ ޓޫރިޒަމް ނޫންކަންކަމަށް، ކަމަށްވެސް ވިދާޅުވިއެވެ.

ވިލާތައް ދިގުމުއްދަތަށް ދޫކުރުމުގެ ވިޔަފާރީއަކީ މިހާރުވެސް އަމިއްލަ ފަރާތްތަކުންވެސް ކުރަމުންދާ ވިޔަފާރިއެއްކަމަށް ވިދާޅުވިއެވެ. މިހާރުވެސް 10 ވަރަކަށް ވިލާ އެގޮތަށް ދިގު މުއްދަތަށް ދޫކޮށްފައިވާކަން މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު އެކަން ކުރަމުންދަނީ ޤަވާޢިދެއްގެ ދަށުންކަމަށް ފާހަގަ ކުރެވިއެވެ. ޤާނޫނުގައި އެކަން ބަޔާންކުރުމުން އެކަމަށް ޤާނޫނީ ބާރު ލިބިގެންދާނެކަމަށް ފާހަގަކުރެއްވި އެވެ.  

"ރާއްޖޭގައި ކަންކަން ގޮސްފައި އޮތް ގޮތުން، އަޅުގަނޑާ ދޭތެރޭގައި ވިއަސް، ނޫނީ މިކަހަލަ މަޤާމުތަކުގައި ތިބޭ މީހުންނާ ދޭތެރޭގައިވެސް އެކަހަލަ ކަންބޮޑުވުން ހުރުމަކީ އެކަށީގެންވާކަމެއް. އެހެންނަމަވެސް މީގައި (ޤާނޫނުގައި) ވަރަށްސާފުކޮށް ބަޔާންކޮށްފައިވާނެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޤަރާރެއްގެ ދަށުން ވަކި ޚާއްޞަ ކަމަކަށް ވަކި ޚާއްޞަ ގޮތަކަށް (ކަން ދޫކުރެވޭނީ). އެމްއެމްޕީއާރުސީން ރަށްތައް ދޫކުރިގޮތަށް ދޫކުރެވޭނެ ގޮތަކަށް އޮންނާނެކަމެއް ނޫން. އަދި އޭގެ ޙައްޤެއް ބަދަލުކުރެވޭނީ ވެސް 10 އަހަރު ފަހުންކަމަށް. އޭގެ މާނައަކީ ކުރިން ބޭނުންކުރި ގޮތަށް ބޭނުންކުރުމުގެ ޖާގައެއް ނޯންނާނޭ. އަދި އެކުންފުނީގެ ޙިއްސާވެސް އެހެން ފަރާތަކަށް ބަދަލުކުރެވެން ނޯންނާނޭ. މީގެ ބޭނުމަކަށްވީ ކުރިން ކަންކަން ހިނގާފައިހުރި ގޮތުން. ރައްޔިތުންނަށް އެ އެޝުއަރެންސް ދިނުމާއެއްކޮށް، ސަރުކާރަށް ރެވެނިއު އިތުރުކުރުމާއި ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތަށް ޖާގަ ހޯދުމަށް، ޤާނޫނީ ގޮތުން ބަދަލު ގެނެސްގެން އެއިތުބާރު ހޯދުން. ގޯހެއް ހަދައިފިނަމަ މަޖިލީހާއި މިނިވަން މުއައްސަސާތަކުން، އެކައުންޓަބަލް ކުރެވޭނެ ގޮތްތައް އެބަ އޮތް. އެހެން ކަމުން ގޯހެއް ހަދާފާނެ ކަމަށް (ބަލައި) ފުރުޞަތު ހުޅުވާނުލުމުގެ ބޭނުމެއްނެތޭ. " މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.