މަސްވެރިން ބާނާ މަސް ނުއަގުގައި ވިއްކަން ޖެހުމަކީ ހިތާމަ ކުރާކަމެއް: ރައީސް

ދިވެހި މަސްވެރިން ކިތަންމެ ގިނަމަހެއް ބޭނިޔަސް އޭގެ ވަރަށް ބޮޑު ބައެއް، ނުއަގުގައި ވިއްކަން ޖެހުމަކީ ހިތާމައެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެންސިސްގެ މަސްކާރުޚާނާ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ބާނާ މަހުގެ ދެބައިކުޅައެއްބައިވެސް، އޭގެ އަގު އެއްކުރެވިގެން ވިއްކޭނެ ގޮތަށް އުފެއްދުންތައް ރާއްޖޭގައި ތައްޔާރު ނުކުރެވޭ ކަމަށެވެ. އެގޮތަށް ތައްޔާރު ނުކުރެވޭތީ،"ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކުރަންޖެހުމަކީ، އިޤްތިޞާދީ ވަރަށް ބޮޑު ގެއްލުމެއް،" ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަކަންކަން ޙައްލުކޮށް ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން މެނުވީ މަސްވެރިކަމުން ރައްޖޭގެ އިގްތިސާދަށް ލިބެންވާ ހަގީގީ ފައިދާ ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި މަސްވެރިން ބާނާ ކަނޑުމަހަށް ރަނގަޅު އަގެއް ނުވަތަ ފައިދާއެއް ލިބެނީ ދަޅުގައި ބަންދުކޮށްގެން ނުވަތަ ވެލިއު އެޑްކޮށް ޕްރޮސެސްކޮށް އެކްސްޕޯރޓް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ދިވެހި މަސްވެރިކަމުގެ ފުރާނައަކީ ދޮށީގެ މަސްވެރިކަން" ކަމަށާއި  ދިވެހި މަސްވެރިކަމުގެ ރޫފަ މިހާ ހެޔޮކޮށް، މިއަދާ ހަމައަށް އޮތުމުގެ ސިއްރަކީވެސް، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި ކުރަމުން ގެންދާ މަސްވެރިކަން ކަމަށެވެ. ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރަމުންގެންދާ މަސްވެރިކަމަކީ ދުނިޔޭގެ މަހުގެ ބާޒާރުގައި ވެސް އެންމެ މަޤުބޫލް މަސްވެރިކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިސަބަބާހެދި "ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކޮށް، ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ދިވެހި މަސްވެރިންނާއި، މަސްވެރި ކުންފުނިތަކުން މިކަމުގައި ކުރިއަށްދާން ބޭނުންވާވަރަކަށް، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.