ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދެއްވުމުގައި ތަފާތެއް ނުކުރާނަން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި މީހެއްގެ ނަސްލަށް، ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ބައްލަވައި، ތަފާތެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ކަމުގެ ހުވައި ކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ޚިތާބުގައި ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޚިދުމަތް ދެއްވާނީ އެއްވެސް ރައްޔިތަކު ބާކީނުވާ ގޮތަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހީންނަށް ގެނެސްދިން ޤާނޫނުއަސާސީއަކީ، ދިވެހި ރައްޔިތުންނަށް ކުރިން ލިބިފައިނުވާ އެތަކެއް ޙައްޤުތަކެއް ކަށަވަރުކޮށްދިން ޤާނޫނުއަސާސީއެއް ކަމަށެވެ. އެއީ ތިންބާރު ވަކިވެފައިވާ، ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހިންނަށް ގެނެސްދިން ޤާނޫނުއަސާސީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

އައު ޤާނޫނުއަސާސީއެއް ލިބުނަސް ހިތާމައަކީ އަޅުގަނޑުމެން ކުރި އުއްމީދުތައް މިއަދު ވިއްސިވިހާލިވެ، އެ ޤާނޫނުއަސާސީ ގެނެސްދިން ނިޒާމު ޚަރާބުވެފައިވުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

 [މިއަދު އަޅުގަނޑު ކުރަން މިފަށާ މަސައްކަތަކީ، ދިވެހި ދައުލަތުގެ އެންމެހައި ކަންތައްތައް ޤާނޫނުއަސާސީގެ އިމުގެތެރެއަށް ގެނެސް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކޮށްދިނުމުގެ މަސައްކަތް. މާތް ﷲ ގެ ވާގިފުޅާއެކު، މިފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ދެކޭނީ ދިވެހި ދައުލަތުގެ އެންމެހައި ކަންކަން އިންސާފުގެ މަގަށް މިސްރާބުވެގެން ދާ މަންޒަރު. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެން ދާ މަންޒަރު.] ރައީސް ޞާލިޙު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.