ދެ ދައުރުވެސް ހާޒިރީގެ އެންމެ ފުލުގައި ދ. މީދޫ ދައިރާގެ މެމްބަރ ޝިޔާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދެދައުރުވެސް ހާޒިރީގެ އެންމެ ފުލުގައި އުޅުއްވަނީ ދ. މީދޫ ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް މުޙައްމަދެވެ.

ނިމިދިޔަ ދައުރުގައި 30 ޖަލްސާ ބާއްވައިފައި ވާއިރު ސިޔާމް ވަޑައިގެންނެވީ އެންމެ 13 ޖަލްސާ އަށެވެ. ހާޒިރުވެ ވަޑައި ނުގަންނަވާ 17 ޖަލްސާގެ ތެރެއިން ފަސް ޖަލްސާއަށް ވަޑައިނުގެން ވަނީ ސަލާމްގައި ހުންނެވުމުގެ ސަބަބުންނެވެ. ނަވާރަވަނަ މަޖިލިހުގެ ފުރަތަ ދައުރުގައި ވެސް ބޭއްވި 47 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގަތީ އެންމެ 16 ޖަލްސާއަކަށެވެ. ޝިޔާމަކީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ޙާޒިރީ ދަށްކޮށް އުޅުއްވި އެއް މެމްބަރެވެ.

މިފަހަރުގެ ޙާޒިރީ ރިޕޯރޓްގައި ވާގޮތުން އެންމެ ގިނަ ދުވަހު ސަލާމުގައި ހުންނެވީ ށ. ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ޝާހިދެވެ. އެގާރަ ޖަލްސާއަށް އޭނާ ވަނީ ސަލާމް ފޮނުއްވައިފަ އެވެ. ނުވަ ޖަލްސާއަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ސަލާމް ވިދާޅުވެފައެވެ.

ނިމި ދިޔަ ދައުރުގައި ރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމުގެ ސަބަބުން ދެމެމްބަރަކު ވަނީ 10 ދުވަހު ޖަލްސާއަށް ހާޒި ނުވެވިއެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ އާއި ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުޞައިންނެވެ.

ކުރީ ދައުރާ އަޅާ ބަލާއިރު މަޖިލީހުގެ ނިމިދިޔަ ދައުރުގައި ގިނަ މެމްބަރުންގެ ހާޒިރީ ރަނގަޅެވެ. ސަބަބެއް ކަމަށް ބެލެނީ ހާޒިރީއަށް ބައްލަވާ މެމްބަރުންގެ މުސާރައިންކެނޑޭ އުޞޫލެއް މަޖިލީހުގެ ހިންގާ ޤަވާޢިދަށް ގެނައުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.