ވ. އާރަށުގެ މައްސަލަ: ރައީސް ޔާމީނުގެ ޝައރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފި

ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީނުގެ ޝައރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

މާދަމާގެ އަޑުއެހުމުގައި ވެސް އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކެއްގެ ހެކިބަސްނެގުމެވެ. އެއީ މިމައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުން ކަމަށްވާތީ އެވެ.

މިމައްސަލާގައި މިހާތަނަށް ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު ރަޝީދުގެ ހެކިބަސް ވަނީ ނަގާފަ އެވެ.

މިމަހު 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނަރީޝް ވަނީ، ޔާމީން ހަވާލުކުރެއްވި ފައިސާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ހަވާލުކުރެއްވުމަށް އޭނާ އާ އެކު އަބްދުﷲ ރަޝީދު ދިޔަ ކަމަށް ހެކިބަސް ދީފަ އެވެ. އެދުވަހުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެ، އަބްދުﷲ ރަޝީދު ބުނީ، ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ދިޔައިރު، އެ ގޭގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ދެ ދަބަހެއްގައި އެ ފައިސާ ހުރިކަމަށެވެ.

އޭނާ ބުނީ އޭނާ އަކީ ޔާމީން ހަވާލުކުރެއްވި އެއް މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި މީހުންގެ ތެރެއިން އެކަކު ކަމަށާއި އެ ފައިސާ ހަވާލުކުރުމުން، ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ޔޫސުފް ނައީމް ވަގުތުން ސޮއިކުރެއްވި ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރީ ކަޅު ދަބަހެއްގައި ކަމަށާއި، އެ ފައިސާ އުފުލީ ނަރީޝް އާ އެއްކޮށް ކަމަށް ވެސް އަބްދުﷲ ބުންޏެވެ.

ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވި ކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ހެކިބަސް ދީފަ އެވެ.

ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވަނީ ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ޝާހިދު ވިދާޅުވެފައި ވަނީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށާއި އަދި ޑޮލަރު ވިއްކަން އެދުނު ކަމަށެވެ. ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާ އިރު، މުހައްމަދު އިސްމާއިލް ވެސް ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.