ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު ދެއްވި މަޢުލޫމާތާއެކު ޒުވާނުން މިއަދު މަހަށް ފުރައިފިއެވެ.
މިއީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ މަސް ދަތުރެކެވެ. މިއަދު މަހަށްފުރި ޒުވާނުން އެނބުރި އަންނާނީ މާދަމާއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ ދަތުރަށް ފުރުމުގެކުރިން މިނިސްޓަރ ޒަހާވަޙީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ދޮށީގެ މަސްވެރިކަމުގެ ފައިދާއާއި އެ މަސްވެރިކަމުގައިހުރި ފުރުސަތު ތަކާބެހޭ ގޮތުން ޒުވާނުންނަށް މަޢުލޫމާތު ދެއްވައިފައެވެ. ޒުވާނުން މަހަށްފުރީ މިނިސްޓަރުގެ އެވާހަކަތަކުން ހިތްވަރާއި އުންމީދު ލިބިގެންނެވެ.
މިއަދު މަހަށް ފުރާފައިވަނީ 30 ޒުވާނުންނެވެ. އެމީހުން ފުރާފައިވަނީ ދެދޯންޏެއްގައެވެ.
މިއީ ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް އެމީހުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބާއްވާ ދަތުރެކެވެ.
މިދަތުރު ބާއްވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެންނެވެ. މި ދަތުރުގައި އެންވެރިކަންކުރާ ގޮތާއި މާކަނޑުގައި ދޮށީގެ މަސްވެރިކަން ކުރާނެ ގޮތް އަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުޞަތު ޒުވާނުންނަށް ލިބިގެންދާނެއެވެ.