ދިރާގުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ރާއްޖޭގެ 4 އަތޮޅަކާ ގުޅާލަދީފި

ދިރާގުން ރާއްޖޭގެ ޤުރުއާނާއި ބެހޭ މަރުކަޒަށް މުޅިންހިލޭ މެގަރ އެކްސެސް ޤާއިމްކޮށްދީ ރ.އަލިފުއްޓާއި، އދ މާމިގިއްޔާއި، ފ.ނިލަންދޫއާއި ޏ.ފުވައްމުލަށް މާލޭއާއި ގުޅާލަދީފިއެވެ. މިކަން ކުރެވިގެން ދިޔައީ ރާއްޖެ އިސްލާމި ދުވަހާއި ގުޅިގެންނެވެ.

މިޚިދުމަތުގެ ސަބަބުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ވަގުތުން ޤުރާންކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިތަފާތު 4 އަތޮޅުން ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގައިތޮބެގެން ކިލީހުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެއެވެ. އަދި 'އިންޓަރެކްޓިވް ރިމޯޓް ކްލާސް'ތަކުގެ ސަބަބުން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާފަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެއެވެ. މިއީ މިފަދަ ޒަމާނީ އުސޫލަކުން މިމަސައްކަތް ޤުރުއާނާއި ބެހޭމަރުކަޒުން ޤާއިމު ކުރާ ފުރަތަމަފަހަރެވެ.

ދިރާގާއި ޤުރުއާނާ ބެހޭ މަރުކަޒާއި ވެވުނު އެއްބަސް ވުމުގައި ސޮއި ކުރައްވަމުން ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް، އަލް އުސްތާޛް އިބްރާހިމް ރަޝިދު މޫސާ ވިދާޅުވިއެވެ. "މިއަދު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި ދިރާގާއި ދެމެދު ވެވުނު އެއްބަސްވުން އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް މުހިންމު އެއްބަސް ވުމެއް. ޚާއްޞަ ކޮށް މި އެއްބަސްވުން މި އެއްބަސް ވެވެނީ ދިވެހި ރާއްޖެ އިސްލާމް ވި ދުވަހުގެ މުނާސަބަތާ ވެސް ގުޅިގެން. އެހެންވީމަ، އަޅުގަނޑު ދެކެނީ މީ ރަގަޅު ހެޔޮ ފާލެއްގެ ގޮތުގައި. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އުފައްދާފައިވަނީ ދިވެހި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރުމުގައި، އެކަމުގައި ހިއްސާ ވުމުގައި. ދެން ދިރާގާ އެކު އަޅުގަނޑުމެންނަށް މިއަދު މި ސޮއި ކުރެވުމު އެއްބަސް ވުމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތް، އެއީ ކީރިތީ ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތައް ހިދުމަތް ކުރުން. މާލެ، އަދި ރާއްޖޭގެ ރަށް ރަށަށް ފޯރު ކޮށް ދިނުނަށް އިތުރު ލުއި ފަސޭހަތަކެއް އިތުރު ވަސީލަތްތަކެއް މަހު ފަހި ވެގެން ދާނެ. ހާއްސަ ގޮތެއްގައި ރާއްޖޭ ތެރޭގެ ރަށް ރަށް މި ހުންނަނީ މާލެ އާއި ވަރަށް ދުރުގައި، ދެން އެ ރަށް ތަކުގައި އެންމެ ބޮޑަށް ކުރިމަތިވާ މައްސަލައަކީ މުދައްރިސުންގެ ދަތިކަން. އެހެންވީމަ، އަޅުގަނޑުމެންނަށް މި ލިބުން ދިރާގުގެ ސަބަބުން ވިމާ އެކު ވަރަށް ބޮޑަށް ޝުކުރިއްޔާ ދިރާގަށް އަދި ދިރާގުގެ މަސްއޫލު ވެރިންނާއި މެނޭޖްމެންޓަށްވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން."

"އަޅުގަނޑުމެންގެ އިޖުތިމާއީ ޒިމްމާ ގެ ދަށުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް މި ހަދިޔާ ކުރި މެގަ އެކްސެސް ގެ ސަބަބުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ މަސައްކަތްކަތަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރަން. އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ނެގޭ ކިލާސްތަކުގައިވެސް އެއްވެސް ދަތިކަމެއްނެތި އަތޮޅު ތެރޭގެ ރައްރަށުގައި ތިބެގެންވެސް ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު އިރާދަކުރެއްވިޔާ ހުޅުވިގެންދިޔައީ. އެގޮތުން ކީރިތި ޤުރާނާއި ބެހޭ ކިލާސްތައްވެސް ޑިސްޓަންޓް ލާރނިންގެ ޑިޖިޓަލް ޕްލެޓްފޯމަކަށް ޤެނައުމުގައި އައުޅުގަނޑުމެންނަށްވެސް އިސް ރޯލެއް އަދާކުރަން ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދާކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތްތާގައިވެސް ރާއްޖޭގެ ވީހާވެސް ގިނަ ހިސާބަކަށް މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ފޯރުކޮށްދިނުން." ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ، އިމްޖާދް ޖަލީލް ވިދާޅުވިއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމުކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުގެ މަތިން، މި އަހަރު ތެރޭ ވެސް ދިރާގުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފަދަ އެތައް އެހީއެއް ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި، މި ހިނގާ ޑިސެންބަރު މަހުގައިވެސް ވަނީ ރާއްޖޭގެ 4 ރީޖަނަލް ހޮސްޕިޓަލަށް އޮސްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާ ކޮށްފައިއެވެ. މީގެ އިތުރުން، ލ. އަތޮޅާއި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުން ވާ ތަފާތު ވަސީލަތްތައް ވަނީ ހަދިޔާ ކޮށްފައިއެވެ. އަދި ހަމަ އެޔާ އެކު، ފުވައްމުލަކުގައި ގާއިމު ކުރަން އުޅޭ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް ވަނީ ދިރާގުން ނިންމާފައިއެވެ. މީގެ އިތުރުން މި އަހަރުގެ ޑިސްއެބިލިޓީ އެވޯޑްސް އަށްވެސް ދިރާގުން ވަނީ އެހީތެރިކަށް ފޯރު ކޮށްދީފައިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.