ގޭދޮށު މަސްޕްލާންޓް އަޅާނީ ހިތަދޫ، މަރަދޫ، ހުޅުދޫ-މީދޫގައި

ގޭދޮށު މަސްޕްލާންޓުތަކުގެ ސަބަބުން މަސްވެރިންނަށް ފަސޭހަތަކެއް ލިބޭނެ

އައްޑޫ ސިޓީގެ 3 ރަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމް ކުރުމަށް އިންޑިއާއިން އިއްޔެ ދިން އެހީގެ ދަށުން މަސްޕްލާންޓް ބަހައްޓާނެ ތިން ރަށް ކަނޑައަޅައިފިއެވެ.

އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވީ މަސްޕާލާންޓުތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ-މީދޫ ގައި ކަމަށެވެ. މިއީ އައްޑޫ ސިޓީން ކަނޑުމަސް ގަނެ، ޕްރޮސެސްކުރެވޭ ގޮތަށް ގާއިމްކުރާ ޕްލާންޓްތަކެވެ.

މިއިން ކޮންމެ މަސްޕްލާންޓެއް ގާއިމުކުރެވޭނީ 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭގޮތަށެވެ. މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން މަސްވެރިންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރަށް އިންޑިއާއި އިއްޔެވަނީ ރާއްޖޭގައި އިންޑިޔާގެ ރުޕޭ ކާޑު ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ވެސްސޮއިކޮށްފައެވެ.  މި އެއްބަސްވުން ބަދަލުކުރެވުނީ ބޭންކް އޮފް މޯލްޑިވްސްއާ އިންޑިޔާގެ ލީޑް އޮފް އިންޓަރނޭޝަނަލް އެލަޔަންސް އޮފް ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނާއި ދެމެދުއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދޭދޭ ފަރުދުންގެ ގުޅުންތައް ބަދަހިވުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގައި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ލުއިފަސޭހަކަން ލިބި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިންޑިއާއިން އިއްޔެވަނީ މާލޭގެ މަގުބައްތިތައް ލެޑްބޮކީގެ ބައްތިތަކަކަށް ބަދަލުކުރުމުގެ މަޝްރޫއާބެހޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން 2500 މަގުބައްތި ލެޑުބައްތިއަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން މާލޭގައި ހަކަތައަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަޑަކަށް 0.8 މިލިޔަން ރުފިޔާ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައި އޮކްސައިޑުގެ ބޮޑު ޢަދަދެއް މަދުކުރެވިގެންދާނެއެވެ. ލެޑުބޮކީގެ މަގުބައްތި ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލާ، އިންޑިއާގެ އެނަރޖީ އެފިޝަންސީ ސާވިސް ލިމިޓެޑާ ދެމެދުގައެވެ.

އިންޑިއާއިން އިއްޔެވަނީ ރާއްޖޭގެ ކޯސްޓްގާޑަށް އުޅަނދެއްވެސް ހަދިޔާ ކޮށްފައެވެ. ކާމިޔާބު ނަމަކަށް ކިޔާ އެ އުޅަނދާގުޅޭ ލިޔެކިއުންތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ އެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. ދިގުމިނުގައި 28 މީޓަރު ހުންނަ މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކަން ލިބިގެންދާނެ އަދި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައްވެސް ޤާޢިމުކުރެވިފައިވާ އުޅަނދެކެވެ. މި އުޅަނދުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަކުރެވިގެން އެމްއެންޑީއެފްގެ 7 ބޭފުޅަކު ވަނީ ތަމްރީނު ކުރެވިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.