މުގާބިލާ - 41

(16 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ސަރަހައްދީ ސަރުކާރުގެ ތެރެއިން ކުރި މަސައްކަތުން ޝައިޠާނުންނަކަށް ކާމިޔާބީއެއް ނުލިބުނެވެ. އެހެންވީމާ ދެން މަސައްކަތް ފެށީ ސީދާ މަރުކަޒީ މައި ސަރުކާރުގެ ތެރެއިން ސުލައިމާނަށް ހަމަލާ ދޭށެވެ.

އެފްއައިއޭ (ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ) ގެ މީހުން އައުމާއެކު ސުލައިމާންގެ ބޮލުގައި ރިއްސައިލިއެވެ. އެމީހުން ވާހަކަ ދެއްކި ގޮތާއި އަމަލުތައް ބެހެއްޓި ގޮތަށް ބަލާނަމަ ވަރަށް ރަނގަޅެވެ. ހިތް ހެވެވެ. އެކަމަކު ތަހުގީގު ކުރާން ފެށްޓީ ވަރަށް ބޮޑު މައްސަލައެކެވެ. އެމީހުންގެ ސުވާލަކީ ސުލައިމާން ހަމަ ހުރެފައި ކުއްލިއަކަށް އެހައި ބޮޑު މުއްސަންޖަކަށްވީ ކިހިނެއްތޯއެވެ. ސުވާލު ކުރިޔަސް އެ ސުވާލަކަށް ތެދު ބަހުން ޖަވާބެއް ދެވޭކަށް ނެތެވެ. ޖަވާބެއް ދިނަސް ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟

"ތިޔަ ބޭފުޅުންނަކީ އަޅުގަނޑާ ތިޔަ ސުވާލު ކުރެއްވުމުގެ ބާރާއި އިޚްތިޔާރު އޮތް ބޭފުޅުންތަކެއް ކަމަކަށް އަޅުގަނޑެއް ނުދެކެން." ސުލައިމާން ބުންޏެވެ.

"ތިޔަކަމެއް އަޅުގަނޑުމެންނަކަށްވެސް ނޭނގޭ. އަޅުގަނޑުމެން މި އައީ މަތީން އައި އަމުރަކަށް ކިޔަމަންތެރި ވާން ވެގެން." އައި ދެމީހުންކުރެ އެކަކު ބުންޏެވެ.

"ޖާއިޒު ވަސީލަތަކުން އެއްވެސް މީހަކު އެންމެ ދުވަހެއްގެ ތެރޭގައި ބިލިއަނަރަކަށް ނުވާނެއެއް ނޫންތޯ؟" އަނެއް މީހާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

"ތިޔަ ބޭފުޅުން ތިޔަ ތިއްބަވަނީ ކޮން ކަމަކުތޯ؟" ސުލައިމާން ހިނިތުންވެލިއެވެ. "ކަންވީގޮތް އަމިއްލަފުޅަށް ހޯއްދަވާންވީ ނޫންތޯ؟ ތަހުގީގު ކުރައްވާ. އަޅުގަނޑަކީ ކުށްވެރިއެއް ކަމުގައި ވިޔަސް އަމިއްލައަކަށް އިއުތިރާފެއް ނުވާނަމެއް ނޫންތޯ؟"

"ފައިސާ ހޯއްދެވީ ހުއްދަ ގޮތަކަށް ކަމުގައި ވަންޏާ އެ ގޮތެއް ވިދާޅުވެ ނުދެއްވާންވީ ކީއްވެގެންތޯ؟"

"އަޅުގަނޑަށް ފައިސާ ލިބުނީ ހުއްދަ ނޫން ގޮތަކަށް ކަމުގައި ވަންޏާ ވާނީ ކިހިނެއްތޯ؟"

"އަޅުގަނޑުމެންނަށް ސުލައިމާން ހައްޔަރުވެސް ކުރެވިދާނެ."

"އެހެން ވެއްޖެއްޔާ އަވަހަށް ކުރައްވާ." ސުލައިމާން އެއްވެސް ބިރެއް ނެތި ބުނެލިއެވެ.

"އަޅުގަނޑުމެންނާ އެއްބާރުލައްވަންވީ ނޫންތޯ؟" ފުރަތަމަ މީހާ އަނެއްކާވެސް ބުނެލިއެވެ.

"އެހެން ނޫނީ މަތީ ފަރާތްތަކާާ ވާހަކަ ދައްކަވައިގެން އެބޭފުޅުންގެ ހިތްޕުޅު ހަމަޖެހޭ ގޮތަކަށް ހައްދަވާ." ދެވަނަ މީހާ ބުންޏެވެ.

"މަތީގައި ހުންނަވާނީ އެންމެ ފަރާތެއް. އެފަރާތަށް ހުރިހައި ކަމެއް އެނގިވޮޑިގެންވޭ." ސުލައިމާން ފުން ނޭވައެއް ލިއެވެ. "ތިޔަ ބޭފުޅުން އަޅުގަނޑުގެ ބޭންކާ ގުޅުއްވާންވީ ނޫންތޯ؟ އަޅުގަނޑަށް ލިބުނު ފައިސާ ލިބިފައި އެހެރީ ބޭންކު މެދުވެރިކޮށް."

"ތިޔަކަން އަޅުގަނޑުމެން ކޮށްފިން. ސުލައިމާނަށް ފައިސާ ލިބިވަޑައިގެންފައި ވަނީ ދެ ފަހަރެއްގެ މަތީން ޗެކުން. ޗެކު ދިން ކުންފުނި ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރިން. އެއީ ނުވެސް ހައްދަވާ ކުންފުންޏެއް."

"އެކަމުގައި އަޅުގަނޑުގެ އޮތީ ކޮން ކުށެއްތޯ؟" ސުލައިމާން އަނެއްކާވެސް ހިނިތުންވެލިއެވެ.

"އެކަމަކު އެ ކުންފުނިން ފައިސާ އެރުވީ ކޮން ކަމެއްގެ ބަދަލުގައިތޯ ވިދާޅުވެ ދެއްވޭނެއެއް ނޫންތޯ؟"

"އެއީ ތިޔަ ބޭފުޅުން އަމިއްލަފުޅަށް ހޯއްދަވާންވީ ކަމެއް. އަޅުގަނޑަށް އެނގޭ ވަރަކީ އެ ފައިސާ ލިބިފައި އެހެރީ ކޮންމެވެސް ކަމެއްގެ ބަދަލުގައިކަން. އަދި އަޅުގަނޑު އެ ފައިސާގެ ބޮޑުބައެއް ޚަރަދުކުރީ ހިލޭސާބަހަށް. އެއީ އެ ފައިސާ އަޅުގަނޑަށް ދިން މީހާގެ އެދުމެއް ކަމުގައި ތިޔަބޭފުޅުން ބައްލަވާ. ބައެއް މީހުން ހެޔޮ ކަންތައް ކުރަނީ ނަން ފައުޅުނުކޮށް ވަންހަނާގައި ތިބެގެން ނޫންތޯ؟"

"ތިޔަ ޖަވާބަކުން އަދި ނުފުދޭ."

"ވަރަށް ދެރަ. ފުދުނަސް ނުފުދުނަސް އަޅުގަނޑު ކުރާނޭ ކަމެއް ނެތް."

އެ ދެމީހުން ހިނގައްޖެއެވެ. މާގިނަ އިރުތަކެއް ނުވެ ވުޒާރާގެ ސެކްރެޓަރީ ފޯނު ކޮށްފިއެވެ. އޭނާ ދެއްކި ވާހަައިގެ ޚުލާސާއަކީ ހެޔޮ ކަންތައް ކުރުން އިހަށް ބާއްވާފައި ވުޒާރާގެ އިސްވެރިންގެ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރުމެވެ. ވެރިން ތިބީ ވަރަށް ބިރުން ކަމަށްވެސް އޭނާ ބުންޏެވެ.

"ކޮން ބިރެއްތޯ؟ އަޅުގަނޑަކީ ސިޔާސީ ވިސްނުމެއްގައި ހުރި މީހަކީމެއް ނޫން." ސުލައިމާން ބުންޏެވެ.

"ފުރަތަމަ ކޮންމެ މީހަކުވެސް ބުނާނީ ތިޔަހެން." ސެކްރެޓަރީ ބުންޏެވެ.

"އަޅުގަނޑު ޔަގީންކަން..."

"ސުލައިމާން. އެވަރަކުން ނުއެއް ފުދޭނެ. ސުލައިމާނަށް އަދި އެނގިވަޑައިނުގަންނަވަނީ. ބާރުގަދަ ބޮޑެތި މީހުންނަކީ ހެޔޮ ކަންތައް ދެކެ އަލިފާނަށް ގަންނަ ބިރު ގަންނަ ބައެއް."

"ތިޔަ ބިރު ފިލުވުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫން. އަޅުގަނޑު ކުރާ ކަމެއް މި ކުރަނީ ގާނޫނީ އިމުގެ ތެރޭގައި. ގާނޫނާ ޚިލާފު އެއްވެސް ކަމެއް އަޅުގަނޑެއް ނުކުރަން."

"މިހާރު އެ އޮތީ ތަހުގީގު ފެށިފައި. ސުލައިމާން ހައްޔަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް. ވިސްނައިލައްވާ." މިއީ ސެކްރެޓަރީގެ އެންމެ ފަހުގެ ޖުމުލައެވެ.

ސުލައިމާން އަނެއް ދުވަހު ދެކަމެއް ކުރިއެވެ. ފުރަތަމަ ކަމަކީ ހައްޔަރު ކޮށްފިނަމަ ކަފާލާތު ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމެވެ. ދެން ކުރި ކަމަކީ ނޫސްވެރިން އެއްކޮށްގެން ބައްދަލުވުމެއް ބޭއްވުމެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި މައި ސަރުކާރުން އޭނާޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ކާކު ބުނެގެން ކީއްވެގެން އަޅާ ފިޔަވަޅުތަކެއްކަން އޭނާއަށް އެނގެއެވެ. އޭނާ ބުންޏެވެ. "އެހެންވީމާ އަޅުގަނޑު މިހާރު މި ޚަބަރުދާރު ކުރަނީ. އިތުރަށް މި މައްސަލަ ދިގުލައިގެން ހިނގައްޖެއްޔާ އަޅުގަނޑު ހިމޭނަކުން ނުހުންނާނަން. އަހުދު އުވައިލައި އަޅުގަނޑަށް އެހީތެރިވީ މީހާގެ ވާހަކަ ދައްކަން ފަށާނަން. އެއްބަސްވުންތައް މުޅި ދުނިޔެއަށް ހާމަ ކުރާނަން."

އޭނާ ހީކޮށްގެން ހުރީ އެފްއައިއޭގެ މީހުން އަނެއްކާވެސް އަންނާނޭ ކަމަށެވެ. އެކަމަކު އެމީހުންނެއް ނައެވެ. އޭނާގެ މެސެޖު އިބިލީހަށް ލިބިއްޖެއެވެ.

* * *

އިބިލީހުގެ ހާސްކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ. އިންސާނަކާ ޖެހި މިހައި ބޮޑު ނުފޮރުއްޕާނެއްގެ ތެރެއަށް ވެއްޓިދާނޭ ކަމަކަށް އޭނާ ފަަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ސުލައިމާން އެ ގެންދަނީ ފަހަރަކު ކަމަކުން އޭނާ ބަލި ކުރަމުން ގިއްގަޅުވަމުންނެވެ. ސުލައިމާންގެ ޗާލާކު ކަމުން މިހާރު ޚުދު އޭނާ ސުލައިމާން ދެކެ ބިރުގަންނާން ފަށައިފިއެވެ.

ސުލައިމާން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކައިގެ ތެރޭގައި އެ ދިން އިންޒާރު އޭނާއަށް ވަރަށް ރަނގަޅަށް ވިސްނުނެވެ. ފުރަތަމަ އޭނާގެ ހިތަށް އެރީ އަޅާނުލައި ދޫކޮށްލާށެވެ. އެކަމަކު ދެވަނަ ސިކުންތުގައި ހިތަށް އެރި އެއްޗަކުން ފައިތިލަދަށުގައިވާ ބިމާއެކު އޭނާ ތުރުތުރުއަޅާން ފެށްޓިއެވެ. އެއްވެސް އާދަމުގެދަރިއަކު ސުލައިމާންގެ ވާހަކަ ގަބޫލު ނުކުރާނޭކަން އޭނާ އެނގެއެވެ. އެންމެންވެސް ހީކުރާނީ ހަދަހަދައިގެން ދައްކާ ފުލޯކު ވާހަކައެއް ކަމުގައެވެ. އެކަމަކު އޭނާގެ ބައިވެރިން... ޝައިޠާނުންގެ ލަޝްކަރަށް އޭނާގެ ބަލިވުން ފަހުމު ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ދުވަސް ދާނޭކަން ގައިމެވެ. ޝައިޠާނުންގެ ކުރިމަތީގައި އޮތް އިއްޒަތާއި ގަދަރު އެއް ފަހަރުން ވެއްޔާ މޮޑެވި ނިމިދާނެއެވެ. އަނެއްކޮޅުން އިންސާނުން އޭނާ މޮޔަ ހައްދައި އިނދަޖެއްސުމާއިގެން އުޅެގެންފާނެއެވެ.

އެހެންވީމާ އެންމެ މޮޅު ގޮތެއް ކަމަށް އިބިލީހަށް ފެނުނީ ސަރުކާރުގެ ވެރިންގެ ބޮލަށް ވަދެގެން ސުލައިމާނާ ދެކޮޅަށް ކުރާން ފެށްޓި މަސައްކަތް ހުއްޓައިލުމެވެ. ދަރުމަ ކާގޭގެ ޒަހަރު ކޯވަރުވެސް ލޯމަރައިލައިފައި ބޮއިލާށެވެ. އެނޫން އެހެން ގޮތެއް ފެންނާކަށް ނެތެވެ.

ބައްދަލުވުމެއް ބާއްވަން އުޅެފައި އެ ޚިޔާލުވެސް ދޫކޮށްލައިފިއެވެ. އެއީ އޭނާގެ ދަރިވަރުންނާއި ބައިވެރިން އެކި ކަހަލަ ސުވާލު ކުރާނޭކަން އެނގޭތީއެވެ. އޭނާ ދެން ކުރި ކަމަކީ އެންމެންނަށް ފެންނާނޭހެން އާއްމު ބަޔާނެއް ނެރުމެވެ. ދަރުމަ ކާގޭގެ މައްސަލަ ބަލާން އެކުލަވައިލެވުނު ކޮމެޓީ އުވާލައިފިއެވެ. އެކަމަކުވެސް ހަރާދުކިޔައިގެން ސުލައިމާނަށް އެއްގޮތަކަށްވެސް މޮޅުވިޔަ ދީގެން ނުވާނެ ކަމަށް ވަރަށް ހަރުކަށިކޮށް އެންގިއެވެ. އެ އަމުރާ ޚިލާފުވީ ޝައިޠާނަކު ނަމަ އޮތީ އުލުބޭންދުންކަމުގައިވެސް ކަނޑައެޅިއެވެ.

މިހާރު އިބިލީސް ގިނަ ވަގުތު ހޭދަކުރަނީ އެކަންޏެވެ. ބައިވެރިންނަށް ފިލައިގެންނެވެ.

* * *

ވިމްބްލްޑަންގެ ކާމިޔާބީއަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެ ކާމިޔާބީއަށް ފަހު ޢަދްނާންގެ ވިޔަފާރި ފުޅާ ކުރާން ފަށާއިފިއެވެ. ދެން ދިޔައީ އެމެރިކާއަށެވެ. އެއީ އެމެރިކާގައި ބާސްކެޓް ބޯޅައާއި ބޭސްބޯޅަ މޫސުން ފެށުނު ދުވަސްވަރެވެ. އެމެރިކާގައިވެސް ކުރާން ޖެހެނީ ހަމަ ވިމްބްލްޑަންގައި ކުރި މަސައްކަތެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ ޢަދްނާން އެސޯސިއޭޓްސް މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ހިނގައްޖެއެވެ.

މިހާރު މަސައްކަތް އެހައި ބުރައެއް ނޫނެވެ. މަޝްހޫރު ވުމަކީ ވަރަށް ގިނަ ފައިދާކުރާ ކަމެކެވެ. އެއް ފަަހަރު ވަކި ކަމަކަށް މަޝްހޫރު ވެއްޖެނަމަ އެކަން ފިލައި ދިއުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ވާ ކަމެއް ނޫނެވެ.

ހޫނު މޫސުމުގައި ޕާާކިސްތާނުގެ ކްރިކެޓް ޓީމު އިނގިރޭސިވިލާތަށް ދަތުރެއް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުގައި ފަސް ޓެސްޓް މެޗާއި އެއް ދުވަހުގެ ހަ މެޗު ކުޅޭ ގޮތަށް އޮތީ ހަމަޖެހިފައެވެ. ހަމަ އެ ދުވަސްވަރު އޮސްޓްރޭލިއާގެ ލީގު މެޗުތައްވެސް ފަށާނެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ފިނި  މޫސުން އަންނައިރު އޮސްޓްރޭލިއާގައި އޮންނަނީ ހޫނު މޫސުމެވެ. އެހެންވީމާ މަސައްކަތް ބުރަވާނޭ ކަމަށް ލަފާ ކުރެވެއެވެ.

މީގެ އިތުރަށް ޑަރބީގައި އޮންނަ އަސްރޭސް "ލޫޓުވުމުގެ" ޚިޔާލުވެސް ޢަދްނާން ވަނީ ކޮށްފައެވެ.

* * *

ޓެސްޓް އެންޑް ކައުންޓީ ކްރިކެޓް ބޯޑުގެ މެންބަރު ޕީޓަރ ފޯރޑަކީ ހެރީ ގޯލްޑްސްމިތުގެ ގާތް ރައްޓެއްސެކެވެ. މި ވަގުތު އެ ދެމީހުން ތިބީ ސެންޓަރކޯޓުގައި ކުޅެމުން ދިޔަ ޓެނިސް މެޗު ބަލާށެވެ. މެޗަކީ މާ ފޯރިގަދަ މެޗަކަށް ނުވުމާއެކު ދެމީހުން ގެންދިޔައީ އެކި ކަހަލަ ވާހަކަ ދައްކަމުންނެވެ.

"މި ފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ކަލޭމެންނަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ ދޯ؟" ޕީޓަރ ފޯރޑް އަހައިލިއެވެ. "ނުކުޅެވި ދެ ދުވަސް ބޭކާރު ވެގެން ދިޔައެއްނު؟"

"އާނ. މިއީ މިކަހަލަ ގޮތަކަށް ކަންތައް މެދުވެރިވީ ފުރަތަމަ ފަހަރު."

"މިހާރު މޫސުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތީ ވާރޭ ވެހޭނޭ ދުވަސްކޮޅެއް."

"ތިޔަ ކަމަކާ އަހަރެމެން ކަންބޮޑެއް ނުވޭ." ގޯލްޑްސްމިތު ކޮނޑު ހިއްލައިލިއެވެ.

"އެއީ ކީއްވެގެން؟" ފޯރޑް ހައިރާންވެފައި އަހައިލިއެވެ.

(ނުނިމޭ)

5 ޚިޔާލު

  1. ކިޔާ ހިތުން ހުއްޓާ ކޮންމެ ބައެއް ވެސް މި ނިމެނީ.
    އަނެއް ބައި އަވަހަށް އަޕްލޯޑް ކޮށްދެއްވުން އެދެން....

  2. ބަހާ ޢަމަލާ ދިމާވޭ، ދޫހެލޭ،، ހާލަތާ ގުޅޭ ރަނގަޅު ނިންމުން އެކަށައަޅަން އެނގޭ...ދެވަނައެއް ނުވާފަދަ މިތުރެއް... ރަނގަޅު ސިފަތަކުގެ ލިސްޓެއް ހެދިދާނެ. ތީ މޭން އެއް..ސާ ބަހޭ ސުލައިމާން. އި ބިލީސް ނޭވާ ހަށްޓަށް ނުފެތޭވަރު ކޮށްފަ ބަހައްޓާ..ތިކަހަލަ މީހުން ދުނިޔެ އަށް ވަރަށް ބޭނުން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.