ރާއްޖެގެ ފަނޑިޔާރުން ތިބީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ވަކީލުންގެ ނުފޫޒުގެ ދަށުގައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަން އެހެން އޮއްވައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދު ރާއްޖޭގެ ޖުޑިޝަރީ ވަނީ މިނިވަންވެފައި ކަމަށް ވިދާޅުވެފައިވަނީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ހޫދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިމަހު 25 ވަނަ ދުވަހު ވިދާޅުވީ މިސަރުކާރަށް އެއްއަހަރު ވެގެންދިޔައިރު ރާއްޖޭގެ ކޯޓުތައްވަނީ މިނިވަންވެފައި ކަމަށެވެ. އަދި އަމިއްލަ މިނިވަންކަމާއެކު ކަންކަން ނިންމުމުގެ ފުރުސަތު ވެސް ކޯޓުތަކަށް ވަނީ ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިވާހަކައަށް ރައްދު ދެއްވައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީއާއި ޖޭއެސްސގައިވެސް ތިއްބެވީ އެމްޑީޕީގެ ވަކީލުން ކަމަށެވެ. އެހެންވީމާ ޖުޑިޝަރީ މިނިވަންވި ކަމުގެ ސެޓުފިކެޓު ޙޫދު ދެއްވި ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތެއް ނޭނގެ. ރައީސް ނަޝީދާއި އެމްޑީޕީގެ ވަކީލުންގެ ޓީމް ޖޭއެސްސީގައި. ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީގެ ވަކީލުން. ފަނޑިޔާރުން އެމްޑީޕީގެ ރައީސާއި ވަކީލުންގެ ނުފޫޒުގެ ދަށުގައި. ކުރިން މިނިވަން ނޫނީ ކޮން ކަމެއްތޯ،" ޑރ. ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައެވެ.
ޖޭއެސްސީގެ މިހާރުގެ ރައީސަކީ ރައީސް ނަޝީދުގެ ދިފާޢުގައި މަސައްކަތް ކުރެއްވީ ޙިސާން ހުސައިންނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައެވެ. ޖުޑިޝަރީ ކޮމިޓީގައި ރައީސް ނަޝީދުގެ ދިފާޢުގައި މަސައްކަތް ކުރެއްވި ވަކީލުން ހިމެނިވަޑައިގަންނަވައެވެ.