އެކި ޒާތުގެ ރިޕޯޓުތައް ހަދައިގެން ރާއްޖޭގެ ޢިލްމުވެރިން ޝިކާރަ ކުރުން ހުއްޓާލުމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލައްވައިފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި އެދެބޭފުޅުން ވަކިކުރުމަށް ވޯޓުދޭން އެމްޑީޕީގެ ޕީޖީން ނިންމާފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.
"ޝަރުޢީ ޢިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ ޢަމަލެއް.. ބޭނުން ގޮތަކަށް، ބެލުމެއް ނެތި ޑިއު ޕްރޮސެސް ތިޔަ ނަގާލަނީ. ތިޔައީ ކޮން މެންޑޭޓެއް އޮވެގެން ހިންގާ ކަމެއްތޯ؟ އެކި ޒާތުގެ ރިޕޯޓް ހަދައިގެން ޢިލްމުވެރިން ޝިކާރު ކުރުން ހުއްޓާލާ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
މިހާތަނަށް ފަނޑިޔާރުން ވަކޮކޮށްފައިވަނީ ނާތަހުޒީބުކޮށް ކަމަށާއި މިހާރު އެކަން ތަފާތުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ޑރ. ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި "ފަނޑިޔާރަކު ވަގަށްނަގައި މިނިވަކަން ނިގުޅައިގަތީ ތަހުޒީބުވެގެންބާ؟ ސުޕްރީމް ކޯޓުގައި އެދުވަހު ތަޅުއެޅުވީ ވެސް ހަމަ ތަހުޒީބުވެގެންތޯ؟" ޑރ.ޖަމީލް ފާޑުވިދާޅުވަމުން ސުވާލު ކުރެއްވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް ކޯޓުން ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްދިންދުވަހު އެވަރުގެ ފަނޑިޔާރުންނެއް ނެތްކަމަށާއި، "އެދުވަހު ވެސް މިއަދު ވެސް ތިޔަ ދައްކަވަނީ ޚުދުމުޚުތާރުކަން،" ކަމަށް ޖަމީމް ވިދާޅުވެފައިވެއެވެ.