ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙުމަދު ހައިލަމް ޤާޒީ ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންމަވައިފިއެވެ.
ޤާޒީ ކަމުން ހައިލަމް ވަކިކުރުމަށް ނިންމައި ޖޭއެސްސީން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނުފަށެއް ޖަހައި ގަންހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ހިމެނޭ ވައިބާ ގުރޫޕަކަށް ލެއްވި މައްސަލާގައި ސަސްޕެންޑުގައި ބެހެއްޓުމަށްފަހުގައެވެ. އަދިވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.
ހައިލަމް މަގާމުން ވަކިކުރަން ނިންމަވައި މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމެވީ ހައިލަމް އެ ފޮޓޯލި މައްސަލަ ތަޙުގީގު ކުރުމަށްފަހުގައެވެ. އެ
މައްސަލާގައި ހައިލަމް ވިދާޅުވެފައިވަނީ އެފޮޓޯ ވައިބަރ ގުރޫޕަށް ލެއްވިއިރު އޭގައި ތިއްބެވީ ކޮންބޭފުޅުންނެއް ކަމަށް ނުބައްލަވާ ކަމަށެވެ. ހަމައެކަނި އެއިން ފާހަގަވީ ބާޣީ ޢަބްދުﷲ ލުތުފީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމައްސަލާގައި ހައިލަމް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދުގެ އަރިހުން މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ދިވެހި ރައްޔިތުންގެ ކިބައިންވެސް އޭނާ މަޢާފަށް އެދިވަޑައިގެންނެވިއެވެ.
އެ ފޮޓޯ ލެއްވުމުގެ މައްސަލަ ޖޭއެސްސީން ބަލައިގެންފައިވަނީ ޤާޒީއެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލެއްގެ ގޮތުގައެވެ. މިކަން މިގޮތަށް ނިންމަވާފައިވަނީ މުޅިކޮމިޝަންގެ އިއްތިފާޤުންނެވެ. އެ ޢަމަލަކީ ޤާޒީ ކަމުގެ މަޤާމާ އެކަށީގެންނުވާ ޢަމަލެއް ކަމަށްވެސް ޖޭއެސްސީން ވަނީ ނިންމަވައިފައެވެ.
ހައިލަމްގެ އެ ޢަމަލާ ގުޅިގެން އޭނާ ސަސްޕެންޑު ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނަށް ޙުކުމްކުރަން ތައްޔާރުވެފައިވަނިކޮށްނެވެ.