ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މ. ގުލްފާމުގޭ، އަޙުމަދު މުޢުތަސިމް އަދުނާނު އައްޔަނު ކުރުމަށް ޖޭއެސްސީގެ މަޝްރާއަށް އެދި މިއަދު ފޮނުއްވައިފި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލީހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާފައި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ވެސް ދެ ބޭފުޅުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މަޝްވަރާއަށް މިއަދު ފޮނުއްވިކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ މަޝްވަރާއަށް އެދި ރައީސް ފޮނުވާފައިވާ ބޭފުޅުންނަކީ، ސ. މީދޫ ޙަސަންކާރީގޭ، ޙުސްނުއްސުޢޫދާއި، މ. ވޭސައިޑު، ޢަބްދުއްރައުފް އިބްރާހީމްގެ ނަމެވެ.
ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް އެންމެފަހުން ހުންނެވީ ޑރ. އަޙުމަދު ޢަބްދުﷲ ދީދީއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވަނީ އެމަނިކުފާނު މަޤާމުން ވަކިކުރައްވައިފައެވެ. އޭގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އާދަމް މުޙައްމަދު ވެސް ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ނިންމަވައި އޭނާ ވެސް މަޤާމުން ވަކިކޮށްފައެވެ. އެ ކޯޓުގެ ފަނޑިޔާރަކަށް ދެން ހުންނެވި ޢަބްދުﷲ ޢަރީފް ވަނީ ރިޓަޔަރ ކުރައްވައިފައެވެ. ރައީސް ޖޭއެސްސީގެ ލަފައަށް އެދި މިއަދު ނަން ފޮނުވި ތިން ބޭފުޅުންނަކީ މި ބޭފުޅުންގެ ބަދަލުގައި ސްޕްރީމް ކޯޓަށް އައްޔަން ކުރައްވާ ބޭފުޅުންނެވެ.
މި މަޤާމްތައް ހުސްވުމުން އެމަޤާމްތަކަށް ކުރިމަތި ލެއްވުމަށް އެދި ފުރުސަތު ހުޅުވާލީ ނޮވެމްބަރު 21 ވަނަދުވަހުއެވެ. އެ ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް މިއަދު ފޮނުއްވި ބޭފުޅުންނާ ބެހޭ ގޮތުން ޖޭއެސްސީގެ މަޝްވަރާ ނުވަތަ ލަފާ ރައީސަށް ލިބިވަޑައިގެންނެވުމުން އެނަންތައް ދެން ފޮނުއްވާނީ ރައްޔިޔުންގެ މަޖިލީހަށެވެ. އެބޭފުޅުން މަޤާމްތަކަށް އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.