ވޭތުވެދިޔަ އަހަރުތަކުގައި ބަޖެޓްކޮށްފައިވާގޮތާ ޚިލާފަށް 90 އިންސައްތަ ޚަރަދުކޮށްފައިވޭ- މާލީ ވަޒީރު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވޭތުވެދިޔަ އަހަރުތަކުގައި ބަޖެޓްކޮށްފައިވާގޮތާ ޚިލާފަށް 90 އިންސައްތަ ޚަރަދުކޮށްފައިވާކަމަށް މާލީ ވާޒީރު  އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

 ބަޖެޓްކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ 2020 ގެ ބަޖެޓް އެކުލަވާލެވިފައި ވަނީ ކަނޑައެޅިފައިވާ ކަންކަމަށް ނޫނީ ޚަރަދު ނުކުރެވޭ ގޮތަށް ކަމަށެވެ. އަދި މިއީ މިފަދަ ގޮތަކަށް މަޖިލީހަށް ހުށަހެޅިގެން ފާސްވެގެން ދާނެ ފުރަތަމަ ބަޖެޓްކަންވެސް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބަޖެޓް ބައިކުރާ ގޮތާއި ބަޖެޓް އެއްބައިން އަނެއްބަޔަކަށް ބަދަލުކުރުމާބެހޭ އުޞޫލެއް ކަނޑައަޅުއްވައި  ގެޒެޓްކުރައްވައިފައި ވާނެކަމަށް ވެސް މާލީ ވަޒީރު ވިދާޅުވިއެވެ. ބަޖެޓްގައި ކަނޑައެޅިފައި ނެތްކުއްލި ކަމެއް ދިމާވެގެން ވެސް ޚަރަދު ކުރެވޭނީ 5 އިންސައްތައަށްވުރެ ބޮޑު ނުވާ ގޮތަށް ކަމަށް މާލީވަޒީރު ވިދާޅުވިއެވެ.

ބަޖެޓް އެކުލަވާލައްވައިފައި ވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ގެ އެއްވެސް ބަޖެޓަކަށް ބަދަލު ނުގެނެވޭނެ ގޮތަށް ކަމަށް މިނިސްޓަރ އަމީރު ބަޖެޓް ކޮމެޓީގައި ފާހަގަ ކުރެއްވިއެވެ. ޑޮމެސްޓިކް އާމްދަނީގެ 5 އިންސައްތަ ކޮންޓިންޖެންސީގެ ގޮތުގައި ހިމަނާފައި ވާނެކަމަށް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ. މިޢަދަދުގެ ބޭނުމަކީ ޕީއެސް އައިޕީގެ މަޝްރޫއަކަށް ކަނޑައެޅިފައިވާ ޢަދަދުން ނުވާނަމަ ކުރަންޖެހޭ ޚަރަދު ކުރުންކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެއީ ހިލޭއެހީއާއި ޓެކުހަށް ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރެވެ.

ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ވެސް އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައިވަނީ ރިކަރަންޓަ ށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ ޚަރަދުގެ 59 އިންސައްތައެވެ. ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެހެނިހެން ކެޕިޓަލް ޚަރަދުތަކަށް ކަނޑައަޅަsއިފައިވަނީ 5 ބިލިއަން ރުފިޔާ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.