2020 ވަނަ އަހަރުގެ ބަޖެޓު ބަހުސް މަޖިލީހުގައި ފަށްޓަވައިފި، ހަވީރު 5 ޖެހުމާ ހަމައަށް ޖަލްސާ ކުރިއަށް ގެންދާނެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2020 ވަނަ އަހަރުގެ ބަޖެޓު ބަހުސް މަޖިލީހުގައި ފަށްޓަވައިފިއެވެ. ބަޖެޓް ބަހުސް ކުރިއަށް ގެންދަވާ ޖަލްސާ ކަމަށްވުމުން މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ޖަލްސާ ކުރިއަށް ގެންދެވުމަށް ނިންމަވައިފައިވާކަމަށް މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި މެމްބަރަކަށް 15 މިނެޓްގެ ފުރުޞަތު ދެއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ވަގުތު ޖެހޭއިރު މެމްބަރަކު ވަޑައިގެންނެތިއްޔާ އެމެމްބަރެއްގެ ވަގުތު ގެއްލިގެން ދާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ސާރޖެންޓް އެޓް އާރމްސްއަށް ދަންނަވައިގެން ވިއަސް ވަގުތު ޖެހޭއިރު ގޭގައި މެމްބަރުން ތިއްބެވިއަސް މަޖިލީހަށް ގެންނަވާނެކަމަށް މަޖިލީހުގެ ރައީސް ބަހުސް ފެށްޓެވުމުގެ ކުރިން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ބަހުސް ފަށްޓެވުމުގެ ކުރިން ބަޖެޓާ ބެހޭގޮތުން ވާހަކަ ދެއްކެވީ މާލީ ވަޒީރެވެ. މާލީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ބަޖެޓް އެކުލަވާލެއްވުމުގައި އެކި ދާއިރާތަކުން ކަނޑައަޅުއްވައިފައިވާ ބަޖެޓަށް އަލި އަޅުވާލެއްވިއެވެ. އަދި ބަޖެޓް ޑިފެސިޓް ކުޑަކުރުމަށް ކަނޑައަޅައިފައިވާ ގޮތް ވެސް މެމްބަރުންނަށް ސާފު ކޮށްދެއްވިއެވެ. އަދި އާމްދަނީ އިތުރު ކުރުމަށް އަލަށް ބަޖެޓްގައި ހިމަނުއްވައިފައިވާ ކަންކަން ވެސް ހާމަކުރެއްވިއެވެ.

 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެއީ ހިލޭއެހީއާއި ޓެކުހާއި ޓެކުހަށް ނުހިމެނޭ އާމްދަނީން ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރެވެ.

ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ވެސް އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައިވަނީ ރިކަރަންޓަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ ޚަރަދުގެ 59 އިންސައްތައެވެ. ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެހެނިހެން ކެޕިޓަލް ޚަރަދުތަކަށް ކަނޑައަޅައިފައިވަނީ 5 ބިލިއަން ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.