ބ. އަތޮޅު ރިސޯޓަކުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރާ ރަށެއްކަމަށްވާ ބަތަލާއިން ވަގަށް ނަގާފައިވާ ސާމާނުތައް ހޯދައި 4 މީހަކާއި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.
މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެރޭގެ ބ. އަތޮޅު ބަތަލާއިން ވައްކަން ކޮށްފައިވާކަމަށް ބުނެ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ މީހުންނާއި އެރަށުން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށްޓަކައި ފުލުހުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މި ޑިސެމްބަރު 19 އަދި 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ރ. މަޑުއްވަރިންނެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަތަލާއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ 5 ކިލޯވޯޓުގެ ޕޯޓަބަލް ޖަނަރޭޓަރަކާއި ބީޗުގައި ބޭނުންކުރާ 10 ގޮނޑީގެ އިތުރުން ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ސާމާނުތަކަކާއި ބޮޑު ޓެންޓެއްގެ ސަތަރި ހޯދާފައިވާއިރު މިތަކެތީގެ ތެރެއިން ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ސާމާނުތަކާއި 8 ގޮނޑިއާއި ޓެންޓް ސަތަރި ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 24 އަހަރުގެ މީހާ އުޅެމުންދާ ކޮޓަރީގެ ސީލިންގ މަތިންނެވެ. އަދި ބަތަލާއި ވަގަށް ނަގާފައިވާ 10 ގޮނޑީގެ ތެރެއިން 2 ގޮނޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 25 އަހަރުގެ މީހާގެ ގެއިން ފެނުނުއިރު 5 ކިލޯވޯޓުގެ ޕޯޓަބަލް ޖަނަރޭޓަރު ފެނިފައިވަނީ ރ. މަޑުއްވަރި ފަޅު ގެއެއްގެ ތެރެއިންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 25 އަހަރުގެ މީހާ ފިޔަވައި ދެންތިބި 4 މީހުންނަށްވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން މި ހަތަރު މީހުންނަށް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު 25 އަހަރުގެ މީހާވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.
މިމައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހުޤީޤު ކުރަމުންނެވެ.