ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާބެހޭ ރިޕޯޓުގެ ޞައްޙަކަން ބަލާކަށް 241 ކޮމެޓީން ބޭނުމެއްނުވި

ޑރ. އަފްރާޝީމް އަވަހާރަކޮށްލިގޮތާބެހޭ ރިޕޯޓުގެ ޞައްޙަކަން ބެލުމަށް އިދިކޮޅު މެމްބަރުން ބޭނުންވި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ، 241 ކޮމެޓީން އެރިޕޯޓުގެ ޞައްޙަކަން ބަލާކަށް ބޭނުމެއްނުވި އެވެ.

ރޭ ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި، ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހުށަހެޅުއްވީ ރިޔާސީ ކޮމިޝަންގެ މެންބަރުން ފުރަތަމަ ހާޒިރުކޮށް، އެރިޕޯޓުގެ ޞައްޙަކަން ކޮމިޓީން ކަށަވަރުކުރުމަށެވެ. އެ ހުށަހެޅުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދު ކުރެއްވި އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ފިޔަވައި އެމްޑީޕީގެ މެމްބަރުން ތިއްބެވި ކޮމެޓީން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާ ބެހޭ ރިޕޯޓުގެ ޞައްޙަކަން ބަލާކަށް ބޭނުމެއް ނުވިއެވެ. ސަބް ކޮމިޓީގެ ރިޕޯޓާމެދު މައި ކޮމިޓީގައި މަޝްވަރާ ކުރައްވައި ފާސްކޮށް ނިމުމަށްފަހު ސުވާލު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އެކޮމެޓީގައި ތިއްބެވި އެމްޑިޕީގެ މެމްބަރުން ވިދާޅުވިއެވެ.

ރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުން ފަށްޓަވައިގެން ކުރިއަށް ގެންދަވަނިކޮށް ކޮމެޓީގައި ހިމެނިވަޑައިނުގަނަންނަވާ، ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދު ބައްދަލުވުމަށް ވެދެވަޑައިގެން ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ކޮމެޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން އެކަމާ ހިތްހަމަ ނުޖެހި ރައްދު ދެއްވަން ފެށުމުން ކޮމެޓީގެ ބައްދަލުވުން ހޫނުވިއެވެ. ކޮމެޓީގެ ބައަދަލުވުން އަލުން ކުރިއަށް ގެންދެވީ އިރުގަނޑެއްގެ ޒުވާބަށްފަހު އެދެމެމްބަރުން ކޮމެޓީން ބޭރަށް ނުކުންނެވުމަށްފަހުއެވެ.

ރޭގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާ ބެހޭގިތުން އެކުލަވާލެއްވި ރިޕޯޓާ ގުޅިގެން، އެ ކޮމިޓީން އެކުލަވާލައި ފާސްކުރި ރިޕޯޓްގައިވާ ރެކޮމެންޑޭޝަންތަކާ މެދު މަޝްވަރާ ކުރެއްވުމެވެ. ނަމަވެސް ރޭގެ ޖަލްސާ އެމަސައްލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ސަބް ކޮމެޓީގެ ރިޕޯޓު އެކުލަވާ ލައްވައިފައި ވަނީ ހަތް ނުކުތާއެއްގެ މައްޗަށެވެ. ނަމަވެސް 241 ކޮމެޓީން ރިޕޯޓު ފާސްކުރައްވައިފައި ވަނީ ދެ ނުކުތާ އިތުރު ކުރުމަށްފަހުއެވެ.

ސަބް ކޮމެޓީގެ ރިޕޯޓުގައި އެކޮމެޓީގެ މުޤައްރަރު ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަތީފް އެކަނި ސޮއިކުރައްވައިފައިވާ ސަބަބުވެސް ރޭގެ ކޮމެޓީގައި އޭނާ ވަނީ ސާފްކޮށް ދެއްވައިފައެވެ. އޭނާ ވިދާޅުވީ ކޮމެޓީގެ ރިޕޯޓުގައި ސޮއިކުރަނީ އެކޮމެޓީއެއްގެ މުޤައްރަރު އެކަނި ކަމަށެވެ. ހުރިހާ މެމްބަރުން ކޮމެޓީގެ ރިޕޯޓުގައި ސޮއިކުރުމަކީ އޮންނަ ގޮތް ނޫންކަމަށެވެ. ނަމަވެސް އެކޮމެޓީގެ ނިންމުން ނިންވައިފައި ވަނީ ހުރިހާ މެމްބަރުން ވެސް ތިއްބަވައިގެންނެވެ. ސަބް ކޮމެޓީގެ ނިންމުން މައި ކޮމެޓީން ނިންމަވައިފައިވަނީ އެރިޕޯޓާމެދު ތަފާތު ގޮތަކަށް ވާހަކަ ދައްކަވާ މެމްބަރުން ތިއްބަވައިގެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މީޑިއާގައި އެއްޗެއް ނުދެންނެވީ ސިއްރު ކޮމެޓީއެއްގައި ނިންމައިފައިވާ ނިންމުމަކަށް ވަތީކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރޭގެ ކޮމެޓީގައި އެކަން ވީގޮތް ސާފުކޮށް ދެއްވީ ހުޅުވާލައިގެން ބޭއްވޭ ކޮމެޓީގެ ބައްދަލުވުމަކަށް ވާތީ ކަމަށް ވިދާޅުވިއެވެ. ސިއްރުކޮށްގެން ބައްދަލުވުންތައް ބާއްވަން ވެސް އެދެނީ އިދިކޮޅުމެމްބަރުން ކަމަށާއި ހުޅުވާލައިގެން ބާއްވާ ބައްދަލުވުން ތަކުގައި ސަލަފް ޖަލްޢިއްޔާގެ ވާހަކަ ދައްކަން އެމެމްބަރުންނަށް އުދަނގޫފުޅުވާތީކަމަށް ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.