މިއަހަރުތެރޭ ތިންވަނަ އާއްމު އިންތިޚާބަކަށް ނުގޮސް ވޭތޯ އިސްރާއީލުގެ ސިޔާސީ ލީޑަރުން ގަދައަޅައި މަސައްކަތްކުރަނީ

އިސްރާއީލުގެ ރައީސު ރޫވެން ރިވްލިން

ފަލަސްޠީނުގެ ބިމަށް ޔަހޫދީ އަތްގަަދަކުރުމަށް ފަހު އުފައްދާފައިވާ ޔަހޫދީ ދައުލަތް އިސްރާއީލުގައި މި އަހަރުތެރޭ ބޭއްވި ދެވަނަ އާއްމު އިންތިޚާބަށް ފަހުވެސް ސަރުކާރެއް އެކުލަވާލެވޭ ގޮތް ނުވުމުން އެންމެ ފަހުގެ ހައްލެއްގެ ގޮތުގައި ބޮޑުވަޒީރަކު އިޚްތިޔާރުކުރުމުގެ މަސައްކަތް އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓްއާ ރައީސު ރޫވެން ރިވްލިން މިއަދު ހަވާލުކޮށްފިއެވެ.

ކްނެސެޓަށް ފޮނުވި ސިޓީއެއްގައި ރައީސު ރިވްލިން ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށްވެސް އަދި އޭނާއާ ވާދަކުރައްވާ ބެނީ ގަންޓްޒްއަށްވެސް ސަރުކާރެއް އެކުލަވާނުލެވުނު ކަމުގައެވެ.

"އަންނަނިވި 21 ދުވަހުގެ ތެރޭގައި (ސިޔާސީ) 'ބްލޮކެއް' ވެސް އަދި 'ޕާޓީއެއް' ވެސް ނުއޮންނާނެ. ކޮންމެ މެންބަރަކުވެސް އޭނާގެ ޟަމީރާއެކު އިިށީނދެ ހޯދަންވީ އެންމެ ސުވާލެއްގެ ޖަވާބު: އިސްރާއީލަށްޓަކައި އަހަރެން އަދާކުރަން ޖެހޭ ވާޖިބަކީ ކޮބައިތޯ؟" އޭނާގެ ސިޓީގައި ވެއެވެ.

އިސްރާއީލުގައި މިއަަހަރު ތެރޭގައި އާއްމު އިންތިޚާބެއް ފުރަތަމަ ބޭއްވީ މިއަހަރުގެ އެޕްރީލް މަހުގެ 9 ވަަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާގެ ލިކޫޑް ޕާޓީއާއި، އޭނާއާއި ވާދަކުރި ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީން ވަނީ ކޮންމެ ޕާޓީއަކަށް  35 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ފަހަރު ސަރުކާރެއް އެކުލަވާލަން ހަވާލުކުރީ ބޮޑުވަޒީރު ނަތަންޔާހޫއާއެވެ. ކްނެސެޓްގެ އަޣުލަބިއްޔަތަށް 61 ގޮނޑި ބޭނުންވާއިރު، ނަަަތަންޔާހޫއަށް އެ އަދަދަށް މެންބަރުން ހަމަކޮށްގެން ސަރުކާރެއް އެކުލަވާލެވޭ ވަރެއް ނުވިއެވެ.

ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ދެވަނަ އާއްމު އިންތިޚާބެއް ބޭއްވުމުން ބްލޫ އެންޑް ވައިޓް ޕާޓީން 33 ގޮނޑި ކާމިޔާބުކުރިއިރު، ލިކޫޑް ޕާޓީއަށް ލިބުނީ 32 ގޮނޑިއެވެ. މި ފަހަރު ބްލޫ އެންޑް ވައިޓްގެ ލީޑަރު ބެނީ ގަންޓްޒްއާ ހަވާލުކުރުމުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އޭނާއަށްވެސް ވަނީ ސަރުކާރެއް އެކުލަވާލެވޭ ވަރަށް ތާއީދު ނުހޯދިފައެވެ.

ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ކްނެސެޓަށް ސަރުކާރު އެކުލަވާލާނެ ފަރާތެއް އައްޔަންކުރެވިއްޖެއްޔާ އެފަރާތަކަށް ސަަރުކާރެއް އެކުލަވާލުމަށް 14 ދުވަސް ދެވޭނެއެވެ.

ފާއިތުވިތަނުގެ ވާދަވެރިކަމަށް ބަލާއިރު، ކްނެސެޓަށްވެސް ސަރުކާރެއް އެކުލަވާލާނެ މީހަކު ހޮވުމުގައި ކާމިޔާބު ހޯދޭނެ ކަމަކަށް ނުބެލެއެވެ. އަދި ޑިސެންބަރު މަހުގެ 11  ވަނަ ދުވަހުގެ ކުރިން ސަރުކާރެއް އެކުލަވާނުލެވުނު ނަމަ، އިސްރާއީލުގެ ރައްޔިތުން މި އަހަރުގެ ތެރޭ ތިންވަނަ ފަހަރަށް އާއްމު އިންތިޚާބުގައި ވޯޓުލާނެއެވެ. މިއީ އިސްރާއީލުގެ ތާރީޚުގައި މިހާތަނަށް އަދި ވެފައިނުވާ ކަމެެކެވެ.

މިރޭ އިސްރާއީލުގެ އެޓާނީ ޖެނެރަލް އަވިޝާއީ މެންޑަލްބްލިޓް ވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް ރިޝްވަތާއި، މަކަރުހެދުމާއި، ހަވާލުކުރެވިފައިވާ އަމާނާތަށް ޚިޔާނަތްތެރިވުމުގެ ދައުވާ އުފުލަން ނިންމާފައެވެ. ނަތަންޔާހޫ ބުނެފައި ވަނީ އިސްތިއުފާދިނުން އޭނާގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ނުވަނީސް އިސްތިއުފާ ނުދޭނެ ކަަމަށެވެ. އޭނާ ހުރީ އަދިވެސް ދޫ ދޭގޮތަކަށް ނޫނެވެ.

.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.