ފަލަސްޠީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ އުފައްދާފައިވާ ޔަހޫދީ ދައުލަތް، އިސްރާއީލުގައި ވެރިކަންކުރާ ލިކޫޑް ޕާޓީ އެގައުމުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓަށް މެންބަރުން އިންތިޚާބުކުރަން އިއްޔެ ބޭއްވި އިންތިޚާބުގައި ކުޑަ ތަފާތަކުން ކުރި ހޯދައިފިއެވެ. މިހާތަނަށް (ރާއްޖޭ ގަޑިން ހެނދުނު 7:30) %93 ވޯޓު ގުނިފައިވާއިރު، އެ ޕާޓީ ވަނީ 36 ގޮނޑި ކާމިޔާބުކޮށްފައެވެ. މިނަތީޖާގެ ސަބަބުން ބޮޑުވަޒީރުގެ ކަމުގެ ފަސްވަނަ ދައުރެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ލިބުމުގެ ފުރުސަތު ބޮޑެވެ. މިއީ 2015 ގެ އާއްމު އިންތިޚާބުގައި ލިކޫޑަށް ލިބުނު ވަރަށްވުރެ 5 ގޮނޑި އިތުރު އަދަދެކެވެ.
އިސްރާއީލުގެ ތާރީޚުގައި މިހާތަނަށް އެއްވެސް ޕާޓީއަކަށް ކްނެސެޓްގެ އަޣުލަބިއްޔަތު ހޯދިފައި ނުވެއެވެ. ކޮންމެ އިންތިޚާބަކަށް ފަހުވެސް 120 މެންބަރުން ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ އަޢުލަބިއްޔަތު ހޯދަން ޖެހެނީ ކޯލިޝަން ހަދައިގެންނެވެ.
ނަތަންޔާހޫގެ ލިކޫޑް ޕާޓީއާ އެންމެ ގާތުން ވާދަކުރީ އިސްރާއީލު ސިފައިންގެ ކުރީގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް (ރިޓާޔަޑް) ބެންޖަމިން (ބެނީ) ގަންޓްޒްއެވެ. އޭނާ އިސްވެހުރެ އުފެއްދި 'ބްލޫ އެންޑް ވައިޓް ކޯލިޝަނުން ވަނީ މިހާތަނަށް 35 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ކޯލިޝަނަކީ ޖެނެރަލް ގަންޓްޒް 2018 ވަނަ އަހަރު އުފެއްދި 'އިސްރާއީލު ރެޒިލިއަންސް ޕާޓީ' އާއި، ޔައިރް ލަޕިޑްގެ ޔެޝް އަތިދު ޕާޓީ ގުޅިގެން ފާއިތުވި ފެބުރުއަރީ މަހުގެ ތެރޭގައި އުފެއްދި ކޯލިޝަނެކެވެ.
ނަތަންޔާހޫ އޭނާ މޮޅުވެއްޖެކަން އިއުލާންކޮށް ސަރުކާރު އެކުލަވާލަން ތައްޔާރުވާއިރު، އޭނާގެ ވާދަވެރިޔާ ގަންޓްޒް ބުނަނީ މިފަހަރު ސަރުކާރު އެކުލަވާލާނީ އޭނާ ކަމުގައެވެ.
ކޮރަޕްޝަނާއި، އިސްރާއީލުގެ ސަލާމަތީ ކަންކަން ދޯދިޔާވެފައިވާ ކަމުގެ ތުހުމަތާއެކުވެސް ނަތަންޔާހޫގެ ލިކޫޑް ޕާޓީ މިވަނީ 'ބްލޫ އެންޑް ވައިޓް' ކޯލިޝަނުގެ މައްޗަށް ކުރި ހޯދާފައެވެ. އިސްރާއީލުގެ ކޮންމެ އާއްމު އިންތިޚާބަކަށް ފަހު ކަން ހިނގާ ބީދައިން ދެން ފެށިގެން ދާނީ ކްނެސެޓްގެ އަޣުލަބިއްޔަތު ހޯދައި ވެރިކަންކުރަން ކޯލިޝަން ހެދުމުގެ މަރުހަލާއެވެ.
ކޯލިޝަނެއް ހަދައި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާކަން ރައީސު ރެއިވެން ރިވްލިންއަށް ސާބިތުކޮށްދެވޭ ބަޔަކަށް ސަރުކާރު އެކުލަވާލުމުގެ ދައުވަތު ރައީސު ރިވްލިން ދޭނެއެވެ.
ކުރިން އިސްރާއީލުގައި ވެރިކަންކޮށްފައިވާ، އަދި އެ ޕާޓީއެއްގެ ވެރިކަމުގައި ފަލަސްޠީނު މީހުންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި ލޭބަ ޕާޓީއަށް، މިހާތަނަށް ގުނުނު ވޯޓަށް ބަލާއިރު، ލިބުނީ ފަސްނައެވެ އެ ޕާޓީއަށް ކާމިޔާބުކުރެވުނި އެންމެ 6 ގޮނޑިއެވެ. މިހާތަނަށް ތިންވަނައިގައި އުޅެނީ ޝާސް ޕާޓީއެވެ. އެ ޕާޓީ ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އަރަބި އެއް ޕާޓީއަށް 5 ގޮނޑި ލިބިފައިވާއިރު އަނެއް ޕާޓީއަށް ގޮނޑިއެއް ލިބޭވަރު ނުވެއެވެ. އިސްރާއީލުގެ އިންތިޚާބުގެ ގާނޫނު ބުނާގޮތުން ކްނެސެޓުން ގޮނޑިއެއް ލިބޭނީ ވޯޓުގެ %3.25 ހޯދައިގެންނެވެ.
މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލައި، އިސްރާއީލުގެ ބައެއް ޓީވީ ޗެނަލްތަކުން ލަފާކުރާ ގޮތުގައި ކަނާތު ފިޔައިގެ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ނަތަންޔާހޫއަށް 66 ގޮނޑި ލިބުން ގާތެވެ. ކްނެސެޓްގެ އަޣުލަބިއްޔަތަކީ 56 ގޮނޑިއެވެ.
ބެންޖަމިން ނަތަންޔާހޫއަކީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރި ބޮޑުވަޒީރެވެ. އޭނާ ވަނީ 1996 އިން 1999 އަކަށް ބޮޑުވަޒީރުކަން ކޮށްފައެވެ. 10 އަހަރުގެ މެދުކެނޑުމަކަށް ފަހު 2009 އަހަރު އަނެއްކާވެސް ބޮޑުވަޒީރުކަން ހޯދިއެވެ. އޭގެ ފަހުން 2013 އަދި 2015 ގައި ތިންވަނަ އަދި ހަތަރުވަނަ ދައުރަށް ހޮވުނެވެ. މި ފަހަރު އޭނާއަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ އެއީ ފަސްވަނަ ދައުރެވެ.
އާ ދައުރަކަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ، ހުޅަނގު އައްސޭރީގައި އިސްރާއީލުން ގާނޫނާ ޚިލާފަށް ބިނާކޮށްފައިވާ އާބާދީތައް އެއީ އިސްރާއީލު ބައެއް ކަމުގައި ހަދާނެކަމަށް ނަތަންޔާހޫ ވަނީ ވައުދުވެފައެވެ.