ނުކުޅެދުންތެރިންނަށްދޭ ތެރަޕިއުޓިކް ފަރުވާއަށް 2020 އަށް އޮތީ އުއްމީދީ ބަޖެޓެއް: އެންސްޕާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ތެރަޕީ ދިނުމަށް، 2020 ވަނަ އަހަރަށް ކަނޑައަޅާފައި އޮތީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ އިސްމާޢީލް ޢައްޒާމް ވިދާޅުވެއްޖެ އެވެ.

އެންސްޕާގެ ޚިދުމަތްތަކުގެ ތެރެއިން ތެރަޕިޓިކް ޚިދުމަތާބެހޭ މަޢުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ދިނުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރުންނަށް މަޢުލޫމާތު ދެއްވަމުން ޢައްޒާމް ވިދާޅުވީ، ވޭތުވެ ދިޔަ ދެ އަހަރުވެސް ތެރަޕީ ދިނުމުގެ ޚިދުމަތަށް ބަޖެޓެއް ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް ވަކިން އެކަމަށް ބަޖެޓުގައި ހިމަނާފައިވާ ކޯޑުގެ ދަށުން 2020 ވަނަ އަހަރަށް 36 މިލިޔަން ލިބޭގޮތަށް ހަމަޖެހިފައިވާ ކަމީ އުންމީދު އައުވެގެންދިޔަ ކަމެއް  ކަމަށެވެ. އޭނާ ވިދާޅުވީ އެ ބަޖެޓް ލިބޭއިރު ކުންފުންޏަށް އިތުރު ޒިންމާތަކެއް ނަގަންޖެހޭނެ ކަމަށެވެ. އެ ޒިންމާތަކާއެކު ޚިދުމަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢައްޒާމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް މިހާރުވެސް 169 ފަރާތަކަށް އެންސްޕާގެ އެހީގައި ދެމުން އަންނަ ކަމަށެވެ. އެތަނުން އެ ޚިދުމަތް ދެނީ ޚިދުމަތް ހޯދާ މަރުކަޒަކަށް ޚިދުމަތް ހޯދާ ފަރާތުން ދައްކަން ޖެހޭ ފައިސާ ދައްކައިދީގެން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނުކުޅެދުން ތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް، ޚިދުމަތްދޭ ކޮންމެ މަރުކަޒަކުން ޚިދުމަތް ހޯދި ނަމަވެސް ކަނޑައަޅާފައިވާ އުސޫލުން ފައިސާ ދައްކައި ދޭނެ ކަމަށެވެ.

ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ، (އަމިއްލަ މަރުކަޒަކުން ޚިދުމަތް ހޯދާނަމަ) ޚިދުމަތް ހޯދާ ފަރާތުގެ ޖީބުން 1،000 ރުފިޔާއަށްވުރެ ގިނަ ނުވާވަރަށް ފައިސާ ދެއްކޭގޮތަށް ފައިސާގެ ބާކީބައި އެންސްޕާއިން ދައްކައިދޭ ގޮތަށެވެ. ނަމަވެސް ސަރުކާރުގެ ޚިދުމަތްދޭ މަރުކަޒަކުން ޚިދުމަތް ހޯދާނަމަ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ޢައްޒާމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.