ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިތުރު މީހަކަށް ދީފި

ސިޔާސީ  ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރު މީހަކަށް ދީފިއެވެ.

"ދިވެހި އެންމެންގެ ޕާޓީ" (ޑީއީޕީ) އުފެއްދުމުގެ ހުއްދަ މިއަދު ދެއްވީ މ. ހުނަރު، ޢަލީ ޝުޖާޢު ކިޔާ މީހަކަށެވެ.

އެ ޕާޓީ އުފެއްދުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިންހާސް މީހުންގެ ސައްހަ ސޮއި ހޯދައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމެވެ. އެ ހުށަހަޅާ ފޯމްތައް ޗެކުކުރުމަށްފަހު ސައްހަ ކަމަށްވާނަމަ ޕާޓީ ރަޖިސްކުރީ ކުރުމަށް ބާއްވަންޖެހޭ ޤާނޫނީ ޖަލްސާ ބޭއްވުމުގެ ހުއްދަ އިސީން ދެއްވާނެއެވެ.

އެޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި، ދިދައާއި، ކުލަ ފާސްކުރަންވާނެވެ. އަދި ވަގުތީ ރައީސާއި، ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވަންވާނެއެވެ. ޕާޓީ ރަޖިސްޓްރީކޮށް އީސީގެ ދަފްތަރުގައި ދަފްތަރު ކުރާނީ އެފަހުންނެވެ.

ރާއްޖޭގައި ދެން އެންމެ އަވަހަށް ރަޖިސްޓްރީ ކޮށްދޭނީ މޯލްޑިވްސް ރިފޯމްމޫވްމަންޓް (އެމްއާރުއެމް) އެވެ. އެޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށްފަހު ސެޓުފިކެޓު ހަވާލުކުރުން މިމަހު 25 ގައި އޮންނާނެއެވެ.

ސިޔާސީ ޕާޓީތަކަށް ސަރުކާރުންދޭ ފައިސާ ލިބެނީ ދިހަހާސް ހަމަވާ ޕާޓީތަކަށެވެ. ދިހަ ހާސް ހަމަނުވިޔަސް އެޕާޓީއެއް އުވައެއް ނުލާނެއެވެ. އުވާލާނީ ތިން ހާސް ހަމަނުވާ ޕާޓީތަކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.