ރައީސް ޔާމީނަކީ އިންތިޚާބުތައްދެކެ ބިރުފުޅު ގަންނަ ބޭފުޅެއް: ސަމީރު

ރައީސުލް ޖުމްހުރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ "އިންތިޚާބުތައް ދެކެ ބިރުފުޅު ގަންނަ ބޭފުޅެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވައިފާނެހެން ހީފުޅުވެ ވަޑައިގަންނަވާ އެންމެހާ ބޭފުޅުން މިހާރު ތިއްބެވީ ޖަލުގައި ނޫނީ ކޮންމެވެސް އެހެން ގައުމަކަށް އަރުވައިލެވިގެން ކަމަށެވެ. މިހާރުވެސް ކުޑަކުއްޖަކު އެމަނިކުފާނާ ވާދަކުރައްވައިފާނެހެން ހީފުޅުވިޔަސް އެކުއްޖާވެސް ޖަލަށް ލައްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

ރައީސް ޔާމީން ނ. އަތޮޅުގެ މެންބަރުކަން ކުރެއްވި ދުވަސްވަރު އެއްވެސް ފަހަރަކު އެމަނިކުފާނާ ވާދަކުރައްވާ ބޭފުޅަކު ނުހުންނަވާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. ކޮންމެ ފަހަރަކުވެސް އެމަނިކުފާނާ ވާދަ ކުރައްވާ ބޭފުޅާ ވާނީ ވަކިހިސާބަކުން ނަން އަނބުރައި ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރުން ފެށިގެން ޔާމީނަށް އެނގިވަޑައި ގަންނަވާ އިންތިޚާބެއްގައި ވާދަކުރައްވައިގެން އެމަނިކުފާނަށް ކާމިޔާބުވެ ވަޑައި ނުގަންނަވާނެކަން. އެހެންވެ ހުރިހާ ވާދަވެރިން އެއްފަރާތް ކުރައްވައި ގިނިކަންޏާ ނުކުންނެވީމައި ނޫންތޯ ކާމިޔާބުވާނީ. ނ. އަތޮޅު ގޮނޑިވެސް ހުންނާނީ އޮޓޮމެޓިކުން ލިބިވަޑައިގެންފައި، ތިޔަ ބޭފުޅުން ތާރީޚު ބައްލަވާ،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުގެ އިލެކްޝަންސް ކޮމިޝަނަރު ވެސް މަސައްކަތް ކުރައްވަނީ ރައީސް ޔަމީން ދެވަނަފަހަރަށް ވެރިކަމަށް ގެންވަން ކަމަށެވެ. އެއީ ވެސް ރައީސް ޔާމީންގެ ނުފޫޒާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެހެން އޮތުމުން ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނަރު އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ގާނޫނޫގައިއޮތް ގޮތަށް އިންތިޚާބު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތަކަށް ހުރިހާ ކަމެއް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ބެހޭ ގޮތުން ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަރަކަށް ޝަރީފް ވަޑައިގެންނެވީ ގަވާއިދުގެ ތެރެއިންތޯ ފުރަތަމަ ސުވާލު ކުރަންޖެހޭ ކަމަށެވެ. ނުގަވާއިދުން ވަޑައިގެން ހުންނެވި ބޭފުޅަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ކުރައްވަން އެނގިވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޝަރީފަކީ އެ މަގާމަށް ވަޑައިގަންނަވަންދެން ޕީޕީއެމްގެ ފޯމްތައް ހިއްޕަވައިގެން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި ޕީޕީއެމްގެ ބޭފުޅެއް. ދެން ރައީސް ޔާމީން ބޭނުންފުޅުވީމައި ފަސް މިނިޓްތެރޭގައި ޝަރީފް އެހުންނެވީ އިލެކްޝަންސް ކޮމިނަރަކަށް ލައްވާފައި. މިކަން މިހެންވާނެކަން ސުލައިމާން ހުންނެވި އިރުން ފެށިގެން އާންމުކޮށް އޮތީ އެންމެނަށް އެނގިފައި. އެހެންވީމައި ޝަރީފުގެ ނަޒާހަތްތެރި ކަމާމެދުވެސް މިވަނީ ސުވާލު އުފެދިފައި،" ސަމީރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.